އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް ކޭސްތައް އުޅެނީ ދެއަވަށެއްގައި ކަމަށް އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
އައްޑޫ ސިޓީގެ ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން އެސިޓީގެ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް 183 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 4 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިހާތަނަށް 450 މީހުން ބައްޔަށް ހުށަހެޅިފައިވާއިރު، 317 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި 9110 ސާމްޕަލެއް މިހާތަނަށް ނަގާފައިވާކަން ފާހަގަކޮށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެކަމުގައިވާނަމަ ލަސްނުކޮށް ޓެސްޓު ކުރުމަށް އެ ސެންޓަރުން އިލްތިމާސްކޮށްފައިވެއެވެ.
އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހިތަދޫގައި 127 މީހުން، މަރަދޫއިން 4 މީހުން ޕޮޒިޓިވްވެފައިވެއެވެ. 131 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، އެޑްމިޓް ކޮށްގެން އެކަކަށް ދަނީ ފަރުވާ ދެމުން ކަމަށް އެސެންޓަރުން ބުނެއެވެ. އަދި މި ބަލީގައި ދެމީހަކު ނިޔާވެފައިވެއެވެ.
އައްޑޫ ސިޓީގައި ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ވަނީ ފަށާފައެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އައްޑޫސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހިތަދޫ ފިޔަވާ ދެން ހުރި ރަށްތައް ކަމަށްވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު ބުރާސްފަތި ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށް ބުނެފައެވެ.
ހިތަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވަނީ އެރަށުގައި އުޅޭ ބިދޭސީންގެ މެދުގައި ކޮވިޑް-19ގެ ބޮޑު ކްލަސްޓަރއެއް އުފެދިގެންނެވެ.