ކ. މާލެ
|
22 ޖޫން 2021 | އަންގާރަ 15:47
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތު ވަނީ އިތުރުކޮށްފައި
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތު ވަނީ އިތުރުކޮށްފައި
ރާއްޖެއެމްވީ
ސަރުކާރުގެ އޮފީސްތައް ބަންދުވުން
ޖޫން 29 ގެ ނިޔަލަށް މާލެ ސަރަހައްދުގެ އޮފީސްތައް ބަންދު
 
އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ވަނީ އަންގަވާފައި
 
ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ވެސް ވަނީ އަންގަވާފައި

މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައިވާ މުއްދަތު ޖޫން މަހުގެ 29 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މުޅި ރާއްޖޭގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އަންގަވާފައިވާ އެންގުމާއި ގުޅިގެން މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައިވާ މުއްދަތު ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ އިތުރު ކުރައްވައިފައެވެ.

އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި، މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ. އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކޮށްފައިވާ ދެންނެވުމުގައި، ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
100%
0%
0%
0%
ކޮމެންޓް