ކޮވިޑް-19ގެ ސަބަބުން 2020 ން 2022 ގެ ނިޔަލަށް ދިވެހި ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ފިނޭންްސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވައިދަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވަނީ ކޮވިޑް-19 އާއެކު ދައުލަތަށް ލިބޭ އާމްދަނީ މިވަނީ ބޮޑުތަނުން ދަށަށް ދާންފަށާފައި ކަމަށާއި 2020 ވަނަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީއަށް ބަލާއިރު, 2020 އިން ފެށިގެން 2022 ނިޔަލަށް, ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށް ވިދާޅުވެފައެވެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެވެ.
މިނިސްޓަރ ވަނީ އާމްދަނީއަށް ލިބޭ މި ގެއްލުމުގެ ސަބަބުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށާއި ކުރާ ޚަރަދުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ބަލިމަޑުކަމާ ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަމީރު ވަނީ މިކަންކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން ކަމަށާއި ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ މިކަންކަން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ މުޅި ދުނިޔެ ވެސް ބޮޑު އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރެއްކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވަނީ ކައުންސިލްތަކުގެ އަމާޒަކަށްވާންވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ޚަރަދުތައް މެނޭޖްކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ޚަރަދުތައް މެނޭޖުކުރާއިރު، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ޚަރަދުކުރަން އިސްކަންދޭން ޖެހޭ ކަމަށާއި މިވަގުތަކީ ކިތަންމެ ބޭނުންވިޔަސް ބޭނުން ހުރިހާ ކަމެއްކުރެވޭނެ ވަގުތެއް ނޫންކަން އެންމެން ދަންނަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19 އާއެކު ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަމާ އެކު ސަރުކާރުން ވަނީ ޚަރަދުކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު އިތުރު ޚަރަދުތަކާއެކު ވެސް 2020 ވަނަ އަހަރަށް ކަނޑައެޅުނު 37.9 ބިލިއަން ރުފިޔާގެ ބަޖެޓުން ޚަރަދުކޮށްފައި ވަނީ 28.9 ބިލިއަން ރުފިޔާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ ބަޖެޓުން ޚަރަދުކުޑަކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މުސާރަ ލިބޭ މީހުންގެ މުސާރަ ފަސް މަސް ދުވަހަށްް އުނިކޮށްފައެވެ. އަދި ނުފަށާ ހުރި މަޝްރޫއުތައް މަޑު ޖައްސާލުމާއި ދަތުރުފަތުރާއި މަރާމާތުގެ ޚަރަދުތައް މަޑުޖައްސާލުމުގެ އިތުރުން ޚަރަދުތަކުގެ ކޮންޓްރޯލް އިތުރުކޮށް ޚަރަދުތައް މަޑުޖައްސާލާފައިވެއެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އިތުރު ޚަރަދުތަކެއް ކުރިއިރު، މިހާރު ވެސް ސަރުކާރުން ދަނީ ބަލިމަޑުކަމުން އަރައިގަތުމަށާއި، ސިއްހީ ރައްކާތެރިކަމަށާއި، އިގުތިސާދީ ރިލީފް އަދި ސްޓިމިއުލަސް އަށް ގިނަ ޚަރަދުތަކެއް ކުރަމުންނެވެ.