އެމެރިކާގެ ރައީސް ޖޯ ބައިޑެން، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއެކު ރަސްމީކޮށް ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމަށްފަހު، ބައްދަލުވުމުގެ ރަމްޒެއްގެ ގޮތުން ޕުޓިންއަށް ދެއްވި އަވި އައިނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފިއެވެ.
ޖެނީވާގައި އޮތް މި ބައްދަލުވުމުގައި ބައިޑެން ވަނީ އެމެރިކާއިން ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ އޭވިއޭޓަރ ސްޓައިލްގެ އަވި އައިނެއް ޕުޓިންއަށް ހަދިޔާ ކުރައްވާފައެވެ. އޭވިއޭޓަރ ސްޓައިލްގެ އަވި އައިނަކީ ރައީސް ޖޯ ބައިޑެންގެ "ސިގްނޭޗަރ" ސްޓައިލެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.
ރަންޑޮލްފް އިންޖިނިއަރިންގއިން އުފެއްދި މި އަވިއައިނު ހަދިޔާއެއްގެ ގޮތުގައި ދީފައިވާތީ އެ ކުންފުނީގެ ވެރިޔާ ޕީޓަރ ވޮޒިވިޗް ޗަނީ އެކަމާމެދު ހައިރާންވި ކަމަށް ބުނެފައެވެ. އަދި އެއީ ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ޕީޓަރ ވަނީ ސިފަކޮށްފައެވެ. ރަންޑޮލްފް އިންޖިނިއަރިންގއިން މީގެ ކުރިންވެސް ގެންދަނީ އެމެރިކާގެ އަސްކަރިއްޔާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަސްކަރިއްޔާއަށްވެސް އަވިއައިނު އުފައްދަމުންނެވެ. 1978 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން މި މަސައްކަތް ކުރަމުން އަންނައިރު، މަހަކު 25000 އަވިއައިނު، މި އެއްބަސްވުމުގެ ދަށުން އަސްކަރިއްޔާއަށް ވިއްކާކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭވިއޭޓަރ އަވިއައިނު ބޮޑަށް މަޝްހޫރުވެގެން ދިޔައީ 1980 ވަނަ އަހަރުގެ ފަހުންނެވެ. އެއީ ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް އޭނާގެ ފިލްމު "ޓޮޕް ގަން" ގައި ރަންޑޮލްފް އިންޖިނިއަރިންގ އިން އުފެއްދި އޭވިއޭޓަރ އަވި އައިނު އެޅި ހިސާބުންނެވެ.
ޕީޓަރ ވޮޒިވިޗް ވަނީ މި އަވިއައިނުން ރަމްޒުކޮށްދެނީ އެ ޤައުމުގެ ތާރީޚުކަން ފާހަގަކޮށް، މިއީ ސުލްޙަ ޤާއިމު ކުރުމުގެ ރަމްޒަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.