ކ. މާލެ
|
18 ޖޫން 2021 | ހުކުރު 22:37
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
މާލީ ޒިންމާދާރު ވެރިންގެ ތަމްރީނު
މާލީ ޒިންމާދާރު ވެރިން އައްޔަންކުރުމުގެ ކުރިން މިނިސްޓްރީގެ އިމްތިހާނެއް ފުރިހަމަކުރަންޖެހޭ ގޮތަށް ނިންމައިފި
މިއީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ކަމެއް
މާލީ ޒިންމާދާރު ވެރިންގެ ގޮތުގައި އައްޔަންކުރާނީ މިނިސްޓްރީގެ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާނަމަ

މާލީ ޒިންމާދާރު ވެރިން އައްޔަންކުރުމުގެ ކުރިން މިނިސްޓްރީގެ އިމްތިހާނެއް ފުރިހަމަކުރަންޖެހޭ ގޮތަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ އެމިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް އެ މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، އެ ގަވައިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުންފިލާފައިވާ ފަރާތްތަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ. އެގޮތުން މާލީ ޒިންމާދާރު ވެރިން އަންޔަންކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރާގޮތަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ހަމަޖެހުމާއި ގުޅިގެން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.02 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިންގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ މިނިސްޓްރީގެ އިމްތިހާނުތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ ފަރާތްތަކެއްކަމުގައި ކޮންމެހެން ވުން ލާޒިމުވާނެ ކަމަށެވެ. ދައުލަތުގެ އިދާރާތަކުގައި ތިއްބެވި މާލީ ޒިންމާދާރު ވެރިންނަށް މި އިމްތިހާނުތައް ފުރިހަމަ ކުރެވޭނެގޮތް ހެދުމަށް މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި މިކަމާގުޅޭ މައުލޫމާތު އޮފީސްތަކާ ހިއްސާކުރަމުން ގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މިހާރު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން އޮގަސްޓް 22 ވަނަ ދުވަހުގެ ކުރިން މި އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެއިތުރުން، މާލިއްޔަތުގެ ގަވާއިދުގެ 2.06 ވަނަ މާއްދާގެ ދަށުން މާލީ ކަންކަމާއި ބެހޭ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ތެރެއިން މި އިމްތިހާނު ފުރިހަމަކުރަންޖެހޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތައް އޮކްޓޫބަރ އެއް ވަނަ ދުވަހުގެ ކުރިން އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.03 ވަނަ މާއްދާގައި ބަޔާންކުރާ މާލީ ޒިންމާދާރުވެރިންގެ މަސްއޫލިއްޔަތުތަކަކީ ސިޔާސަތުތަކެއް ކަނޑައެޅުމަށްވުރެ އިދާރީ މަސައްކަތްތަކެއް ކަމުން، ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމްތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަން ނުކުރުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

- ކޮމެންޓް