ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޖަވާހިރު ބޮޓްސްވާނާއިން ފެނިއްޖެއެވެ.
މި ޖަވާހިރު ފެނިފައިވަނީ ބޮޓްސްވާނާގެ ޑެބްސްވާނާ ޑައިމަންޑް ކޮމްޕެނީއަށް ޖްވަނެންގް ކިޔާ މައިނަކުންނެވެ. ޑެބްސްވާނާ ޑައިމަންޑް ކުންފުންޏަކީ އެ ޤައުމުގެ ސަރުކާރު ހިއްސާވާ އަދި ޑީ ބިއާސް ގްރޫޕުގެ ހިއްސާ އޮންނަ ޖަވާހިރާ ގުޅުން ހުރި މަސައްކަތް ކުރާ ކުންފުންޏެކެވެ.
ފެނިފައިވާ މި ޖަވާހިރުގެ ބަރުދަނުގައި 1،098 ކެރެޓު ހުރިއިރު އެ ޖަވާހިރުގެ ދިގު މިނުގައި 73 މިލިމީޓަރު، ފުޅާ މިނުގައި 52 މިލިމީޓަރު އަދި ބޯ މިނުގައި 27 މިލިމީޓަރު ހުރެއެވެ. ބޮޓްސްވާނާގެ ރައީސް މޮގްވީޓްސީ މަސީސީއަށް ބުދަ ދުވަހު މި ޖަވާހިރު އަރުވާފައިވާފައިވާއިރު ޖަވާހިރުގެ ބަރުދަނަށް ބަލައި އެއީ ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޖަވާހިރު ކަމަށް ގަބޫލު ކުރައްވާ ކަމަށް މޮގްވީޓްސީ ވަނީ ވިދާޅުވެފައެވެ. އެ ޤައުމުގެ ސަރުކާރުން ބުނެފައިވަނީ މި ޖަވާހިރުގެ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ޤައުމު ކުރިއެރުވުމަށް ހިންގާ އެކި ކަންތައްތަކަށް ކަމަށެވެ.
ޑެބްސްވާނާ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ 50 އަހަރުގެ ތާރީހުގައި ފެނުނު އެންމެ ބޮޑު ޖަވާހިރު ކަމަށާއި އެކުންފުނިން އެންމެ ފުރަތަމަ ހޯދި އެންމެ ބޮޑު ޖަވާހިރު އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު އެ ގައުމުން ހޯދާފައިވަނީ 2015 ވަނަ އަހަރު ކަމަށެވެ. އެ ޖަވާހިރު އެ ގައުމުން ވިއްކާލީ 53 މިލިއަން އެމެރިކާ ޑޮލަރަށެވެ.
މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ޖަވާހިރު ފެނުނީ 1905 ވަނަ އަހަރު ސައުތް އެފްރިކާއިންނެވެ. އެ ޖަވާހިރުގެ ބަރުދަނުގައި 3،106 ކެރެޓު ހުއްޓެވެ. ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ވެސް ފެނިފައިވަނީ ބޮޓްސްވާނާ އިންނެވެ. ބަރުދަނުގައި 1،109 ކެރެޓް ހުރި މި ޖަވާހިރު ފެނުނުތާ ދެ އަހަރު ފަހުން ވަނީ ލަގްޒަރީ ޖުވެލަރަކަށް 53 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ.