އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އަންގާރަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ވަނީ މިބިލް ހުށަހަޅުއްވާފައެވެ. މިބިލްގެ ބަހުސް އަންގާރަ ދުވަހުގެ ޖަލްސާގައި ކުރިޔަށް ގެންގޮސް ނިންމާލާފައިވާއިރު، ބިލް ބަލައިގަތުމަށް ފެނޭތޯ ވަނީ އެޖަލްސާގައި ވޯޓަށް އަހާފައެވެ. މިވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ބިލް ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ 38 މެމްބަރުންނެވެ. ބިލް ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ.
ޙިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ. މިއީ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެދަރަޖައިގެ ކުށަކަށް ދެވޭ އެއްމެ ބޮޑު އަދަބެއް ކަމަށް ޤާނޫނުލް ޢުޤޫބާތުގައި ބަޔާން ކޮށްފައިވަނީ 1 އަހަރުގެ ޖަލު ހުކުމެކެވެ.
މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލައި އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީ ވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި، ރޭވުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. މިފަދަ އަމަލުތަކަކީ ޖިނާއަތުގެ 4 އަދި 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެއެވެ. މިފަދަ މައްސަލައެއް އެމީހެއްގެ މައްޗަށް ސާބިތު ވެއްޖެނަމަ 2 އަހަރާ 4 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.
މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލައަށް ބަލައިގެން ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ ކަމެއް ރޭވުމާއި، އެމީހަކަށް ތަފާތުކުރުން ނުވަތަ އެމީހަކާ މެދު ތަފާތުކުރުމަށް ގޮވާލުމަކީ ވެސް ކުށެކެވެ. މިފަދަ އަމަލެއް ހިންގުމުގައި މީހަކު މަރުވެއްޖެނަމަ އެ ކުށަކީ، ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.
މިފަދަ އަމަލެއް ހިންގީ ކިޑްނެޕްކޮށްގެން، ނުވަތަ ޖިސްމާނީ އަނިޔާއެއް ދީގެން، ނުވަތަ މަރުގެ އިންޒާރު ދީގެން ކަމުގައިވާނަމަ އެއީ 2 ވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ މައްސަލައެއް ސާބިތު ވެއްޖެ ނަމަ 15 އަހަރަށް ޖަލަށް ލެވޭނެއެވެ. އެނޫން ހާލަތްތަކުގައި މިބާވަތުގެ ކުށަކީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ.
ބިލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ބިލާ ގުޅިގެން ޙިސާން ވިދާޅުވީ މިއީ އިސްލާމް ދީނަށް ފުރައްސާރަކުރަން ހިތްވަރުދޭ ބިލެއްގެ ގޮތުގައި ބަޔަކު ސިފަކުރަމުންދަނީ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. މީގެ އިތުރުން އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާރަ ކުރުމަކީ ޤާނޫނުލް ޢުޤޫބާތުގައި 2015ވަނަ އަހަރުން ފެށިގެން ޖިނާއީ ކުށެއް ކަމަށް ކަނޑައެޅިފައިވާ ކަމެއް ކަމަށެވެ.
ޙިސާން ވިދާޅުވީ ކުށުގެ މައްސަލަ ބަލަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައިފިނަމަ އެކަން ވެގެންދާނީ ނިޒާމް ގެއްލި ގާނޫނު އަތްމައްޗަށް ނަގައި، މުޅި މުޖްތަމައުގެ އަމަންއަމާންކަން ގެއްލިގެން ދާނެ ކަމެއް ކަމަށެވެ. އިންސާނާގެ ލެއަކީ މަތިވެރިވެގެން ވާ އެއްޗަކަށް ވީ ހިނދު ދީނުގެ ނަމުގައި ނަފްރަތުގެ ބަސްތައް ބޭނުންކޮށް މީހުންގެ ލޭ ހުއްދަވާކަމަށް ބުނެ ގާނޫނުގެ ބޭރުން މީހުން މެރުން އެއީ ބަލައިގެނެވޭނެ އަދި އަދި ދިވެހިން އެދޭ ކަމެއް ނޫން ކަމަށެވެ.
މި ބިލާ މެދު އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށްފައި އޮތް ބިލެއް ނޫން ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ރައީސް ޞާލިޙު ވިދާޅުވީ، ސަރުކާރުން ބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކަށްވީ މީހުންގެ ތެރޭގައި ނަފުރަތު އުފެދި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ހިސާބަށް ދިޔަ ނުދޭން އޮތް ހުރިހާ ކަަމެއްކުރުން ކަމަށެވެ. އަދި މިއީ އެއްވެސް ފަރާތަކުން ފާޅުކުރާ ޚިޔާލަށް ހުރަސް އެޅުމެއް ނޫން ކަމުގައެެވެ.
އަދި މަޖިލީހުން ބަހުސްކޮށް ކޮމިޓީން ދިރާސާކުރާއިރު ރައްޔިތުންގެ ޚިޔާލަށް ރިއާޔަތްކޮށް، ގެންނަން ޖެހޭ ބަދަލު ގެންނަވާނެ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެއްވެސް ފަރާތަކުން ފާޅުކުރާ ޚިިޔާލަށް ހުރަސް އެޅުން ނޫން ކަމަށާއި، އެހެންނަމަވެސް ފާޅުކުރާ ޚިޔާލަކުން ބައެއްގެ ތެރޭގައި ނަފްރަތު އުފެދި ފިތުނައަކަށް ބަދަލުވެ، ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަަށް ދާތީ އެކަންކަން ހުޓުވުމަށް ކުރި ކަމެއް ކަމަށެެވެ.