ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ޗައިނާ އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ.
ކޮލިފިކޭޝަން މެޗުތައް މީގެ ކުރިން ސެންޓްރަލައިޒްކޮށްގެން ޗައިނާގައި ކުޅެން ހަމަޖެހިފައިވީ ނަމަވެސް، ޗައިނާއިން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މި މެޗު ކުޅެފައިވަނީ ދުބާއީގައެވެ. ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ރާއްޖޭގައި ކުޅުނު މެޗުންވެސް ޗައިނާ ވަނީ 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޗައިނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިޔު ބިންބިންއެވެ. އޭގެ ފަހުންވެސް ޗައިނާއިން ރާއްޖޭގެ ގޯލަށް ނުރައްކާކުރިއިރު, މެޗުގެ 30 ވަނަ މިނެޓުގައި އެ ގައުމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ވޫ ލެއިއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޗައިނާއިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއިރު، މެޗުގެ 67 ވަނަ މިނެޓުގައި އެ ގައުމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެލަން ކާރްވަޅޯއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ހެދި ގޯހެއްގެ ފައިދާ ނަގައި ޒަންގް ޔޫނިން ވަނޫ އެ ގައުމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ޗައިނާއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޭން ލޯންގެވެ.
މި ނަތީޖާއާއެކު ރާއްޖެ އޮތީ ހަތް މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކު ސީރިއާއެވެ. ހަތް މެޗުން 16 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ އަށް މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.