ކ. މާލެ
|
12 ޖޫން 2021 | ހޮނިހިރު 14:09
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
އެމްއެންޑީއެފް
މަގޭ ރިޕޯޓް
އެމްޑީޕީގެ މަންމަ، ދޮންމަންމައަކަށް ބަދަލުކުރަނީ ކީއްވެ؟
 
މަޖިލީހުގައިވެސް އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލައި، ގާނޫނާ ޚިލާފަށް ހިނގާ ކަންކަން ތިލަކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި
 
އެމްޑީޕީ ފުރަތަމަ ވެރިކަމަށް އައިއިރު ޕާޓީގެ ޗެއަރޕާސަންގެ މަގާމު ފުރުއްވި
 
ޕާޓީގެ މުޒާހަރާތަކުގައި ޖަޑިބެއްގެ ގޮތުގައި ނުކުންނެވި

އާއިލާއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގުޅުންތައް ބަދަހިވެފައި އޮތުމަށް މަންމައެއްގެ ރޯލު ބޮޑެވެ. މަންމައެއްގެ ފިރުމުންތަކުން ހިތްއުފާވެގެން ހިނިތުންވެގެން ތިބޭ  ދަރިން ބޮޑުވެ ފުރާފުރިހަމަވެގެން  މަންމައާ މައްސަލަ ޖެހޭ ހިސާބުން ދެން އެ އާއިލާއެއްގެ ތެރޭގައި ހަމަޖެހުމެއް ނޯނާނެއެެވެ. ބޮޑު އެއް އާއިލާ ގޮތުގައި އޮތް އެމްޑީޕީއަށް މިއަދު ވަމުން ދަނީ އެކަހަލަ ގޮތެކެވެ. 

ނަމޫނާ ޕާޓީއެއްގެ ގޮތުގައި، ނުގުޑާ އަޒުމެއްގައި، އެންމެން އެކައްޗެއް ކިޔަމުން ދިޔަ ޕާޓީ މިހާރު ފެންނަނީ އެހެނެއް ނޫނެވެ. ތުންތުންމަތިން ޕާޓީގެ ތެރޭގައި މައްސަލަ ޖެހިއްޖެ ކަމަށް ދެކެވެން ފެށި ވާހަކަތައް އެންމެ ފުރަތަމަ އައީ ދޮގު ކުރަމުންނެވެ. އެހެންނަމަވެސް މިހާރު މަންޒަރު ބަދަލުވެ ޕާޓީގެ ލީޑަރޝިޕުން ވަނީ ބައިބައިވުން އުފެދިފައި އޮތްކަމަށް އިއުތިރާފުވެފައެވެ. އެމްޑީޕީގެ ވެރިކަމެއް އޮވެ, އެ ވެރިކަމާ އެމްޑީޕީގެ ބަޔަކު އިދިކޮޅަށްވެސް ނުކުތީއެވެ. މިކަން މިހެން ހިނގަން ފެށުމުން ހަގީގީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް އަދި ޕީއެންސީއިން  މާބޮޑު ކަމެއް ކުރާކަށް ނުޖެހެއެވެެ. އަތްއަތަށް ލެނގިލެނގިފައި ހެމުން ދެއަތް ފޫދަންދެން އަތްޖަހަން ތިއްބަސް އެމީހުންނަށް މިއަދު ފުދޭނެއެވެ.

އެމްޑީޕީން އެޕާޓީގެ މައި އެއް ތަނބުގެ ގޮތުގައި ގަބޫލުކުރި ޕާޓީގެ މަންމަ، މާރިޔާ އަހުމަދު ދީދީގެ ވެސް މިއަދު މާބޮޑު ދައުރެއް ޕާޓީގެ ތެރޭގައި ނެެތެވެ. މަންމަ ދޮންމަންމައަކަށް ބަދަލު ކޮށްފިއެވެ. ޕާޓީގެ އިސްސަފުގަައި ބަސްބުނުމުގެ ބާރެއް މިއަދު އެކަމަނާގެ ނެތެވެ. އެ ހައްގު ނިގުޅައިގަތީ ކޮން އިރަކު ކިހިނެއް ކަމެއްވެސް ނޭގުނެވެ. މިކަން ހާމަވެގެން އެންމެ ބޮޑަށް ދިޔައީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް އެކަމަނާ ހާޒިރު ނުކުރުމުންނެވެ.

އަސްކަރިއްޔާއާ ގުޅޭ ކަމެއްގައި، އެންމެ ފުރަތަމަ ސުވާލުކުރަން ޖެހޭނީ އެކަމަނާއާ ކަމަށް  ކޮންމެ މީހަކުވެސް ގަބޫލުކުރަނީ އެކަމަނާ ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ކަމަށް ވުމުންނެވެ. މަޖިލީހަށް ޖަވާބުދާރީވުން ގާނޫނުން މަތިކޮށްފައި އޮތުމުންނެވެ. އެހެންނަމަވެސް އެކަން ހިނގައިދަނީ އެހެނެއް ނޫނެވެ.

ރައީސް ނަޝީދު އަޅުއްވާ ކޮންމެ ފިޔަވަޅަކާ އެއްހަމަޔަކުން މަސައްކަތް ކުރުމުގައި މާޒީގައިވެސް އެކަމަނާ ހުންނެވީ ސާބިތު ކަމާއެކުގައެވެ. އެމްޑީޕީ އުފެދުނީއްސުރެ އިސްލާހީ މަސައްކަތުގެ ހުރިހާ ކަމެއްގައި އެކަމަނާ އުޅުއްވިއެވެެ. އެކަމަނާ އެމްޑީޕީގެ "މަންމަ"ގެ ގޮތުގައި މަޝްހޫރުވީ ނުގުޑާ އަޒުމާ ސާބިތުކަމުގައި އަންހެނަކަށްވެހުރެ ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ.

އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ ހުރިހާ ހަރަކާތެއްގެ ކުރީ ސަފުގައި ރަންރީނދޫ ކުލައިގެ ހެދުމުގައި މާރިޔާ ފެނެއެވެ. ބޮޑެތި މުޒާހަރާ ތަކުގައި އިސް ސަފުގައި  ހުންނަވައެވެ ޖަހާ އަސޭމިރުސް ދުމަކަށް، ނުވަތަ ކަރަންޓް މުގުރަށް ބިރުން ފަހަތަށް ޖެހުނު މަންޒަރެއް ފެންނާކަށް ނެތެވެ. 2006ވަނަ އަހަރު ކުރިއަށްގެންދިޔަ ބޮޑެތި މުޒާހަރާތަކާއި، ޚާއްސަކޮށް މޭޑޭގެ ބޮޑު މުޒާހަރާގައިވެސް ޖަޑިބުކަން ކުރެއްވީ އެކަމަނާއެވެ.

އޭރު އެމްޑީޕީން ކުރާ މުޒާހަރާތަކުގެ އުސޫލު އޮންނަ ގޮތުން ކޮންމެ މުޒާހަރާއަކަށްވެސް ޖަޑިބެއް ކަނޑައަޅަން ޖެހެއެވެ. އެކަންވެސް ޖެހިލުމެއްނެތި އެކަމަނާ ކުރެއްވިއެވެ. އެމްޑީޕީ 2008 ގައި ފުރަތަމަ ވެރިކަމަށް އައިއިރު އެކަމަނާ ހުންނެވީ ޕާޓީގެ ޗެއަރޕާސަންކަމުގައެވެ. ފުރަތަމަ އަންހެން ޗެއަރޕާސަންއެވެ.

އިމާދުއްދީން ސުްކޫލްގައި އެމްޑީޕީއަށް މާރިޔާ ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ފާޅުކަން ބޮޑު ގޮތެއްގައި ރައީސް މައުމޫންގެ ސަރުކާރަށް ފާޑުވިދާޅުވެ އަނިޔާވެރިކަމާ ދެކޮޅަށް ވަކާލާތު ކުރެއްވުން އެމްޑީޕީ ބަލައިގަތީ ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން އަންހެނުންނަށް ހިތްވަރު ލިބި ސިޔާސި މައިދާނުގައި އަންހެނުން ބަސްބުނަން ފެށިއެވެ. މި ނިމުނީއެއް ނޫނެެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލައި، ގާނޫނާ ޚިލާފަށް ހިނގާ ކަންކަން ތިލަކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވިއިރު އެއީ ބިރުވެރި ޒަމާނެކެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ނުކިޔަމަންތެރިވި ފުލުހުންނާ ސިފައިން އަދިއެތައް ސަތޭކަ އާންމުން އިހުތިޖާޖު ކުރަމުން ދިޔައިރު، ޖެހިލުން ކުޑަކަމާއެކު އެސަަހައްދަށް ދިޔަ ޓީމްގައި ލީޑްކުރައްވަމުން ދިޔަ މީހުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަތެވެ. އެސަރަހައްދުން އެތައް އަނިޔާއެއް ލިބުނު ނަމަވެސް ރައީސް ނަޝީދަށްޓަކައި ސާބިތު ކަންމަތީ ދެމިހުންނެވިއެވެ.

8 ފެބްރުއަރީ 2012 ގެ ބޮޑު ހިނގާލުން އެމްއެމްއޭ ސަރަހައްދުން އަނިޔާވެރިކޮށް ރޫޅާލުމުން ރައީސް ނަޝީދު އަރިހުގައި, ރައީސް ނަޝީދު އެކަނި ދޫނުކުރަން  ފިހާރައެއްގައި ތިބި ދެމީހުންގެ ތެރޭގައިވެސް އެކަމަނާ ހިމެނި ވަޑައިގަތެވެ. ދެވަނަ ބޭފުޅަކީ ރީކޯ މޫސައެވެ. އެދުވަހު ފުލުހުން ރައީސް ނަޝީދު ގެންދަން އުޅުމުން ރައީސް ނަޝީދުގެ ބަދަލުގައި އެކަމަނާއާ މޫސާމަނިކު ގެންދަން ފުލުހުންގެ ކިބައިން އެދުނެވެ. އެންމެ ފަހުން 3 މީހުނަށް އަނިޔާ ކުރަމުން ގެންދިޔަ މަގުމަތީގައި ވަކި ހިސާބަކުން ފުލުހުންގެ ކިބައިން ރައީސް ނަޝީދަށް ސަލާމަތްވެވަޑައިގަތުމަށް ހަނި ފުރުސަތެއް ލިބިވަޑައިގަތެވެ. ރީކޯ މޫސާ މަނިކާ މާރިޔާ ފުލުހުންގެ އަތްދަށުވީއެވެ. މިހުންނަނީ އޮޅުވާލެވޭނެ ހަގީގަތެއް ނޫނެވެ.

އޭގެ ފަހުން ރައީސް ވަހީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ އެއްވުންތަކުގައިވެސް މާރިޔާ ކުރީ ސަފަށް ނުކުންނެވީ ޖެހިލުން ކުޑަކަމާއެކުގައެވެ. މުޒާހަރާތަކުން ހައްޔަރުކުރާ މީހުންގެ ލޯޔަރުންގެ ޓީމަށް އެހީތެރިވެ ވަޑައިގެންނެވިއެވެ. އުސްފަސްގަނޑާއި ލޮނުޒިޔާރަތްކޮޅުގައި ހުއްޓުމެއްނެތި ކުރިއަށްގެންދިޔަ މުޒާހަރާތަކުން އެންމެ ކުރިޔަށް ނިކުމެ ހުންނަވާތަން ފެނުނެވެ. އުސްފަސްގަޑު ރޫޅާލައި، އެތަނުގައި ހުރި އެމްޑީޕީގެ މުދާ ފުލުހުން ގެންދިޔުމުން، ފުލުސް އޮފިހަށް ޕާޓީގެ ފަރާތުން ހާޒިރުވީވެސް މާރިޔާއެވެ.

ދެން އައީ ރައީސް ޔާމީންގެ ވެރިކަމެވެ. އެ ވެރިކަމުގައި ގާނޫނަކަށް ރައީސް ޔާމީނެއް ނުބަލައެވެ. ހިތުހުރި ގޮތް އެއީ ގާނޫނެވެ. އެދުވަހު ވެސް ޕާޓީގެ ދިފާއުގައި މަޖިލީހާ މަޖިލީހުން ބޭރުގައި މަސައްކަތް ކުރެއްވިއެވެ. ރައީސް ސާލިހަށް ރިޔާސީ ރޭހުގެ ޓިކެޓް ދޭން އެމްޑީޕީން ނިންމި ހިސާބުން ރައީސް ސާލިހުގެ ތަރުޖަމާނު ކަން އެކަމަނާ ކުރެއްވިއެވެ. އެކަން ކުރެއްވީ ފިސާރި މޮޅަށެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން ޑިފެންސް މިނިސްޓަރު ކަމުގެ މަގާމު ދެއްވުމާއެކު ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވެންނެވީއެވެ.

މާރިޔާ ވިދާޅުވީ މިނިސްޓަރު ކަމަށް ވަޑައިގެން ކުރެވުނު ތަޖުރިބާ ތަފާތުކަމަށެވެ. ސިފައިންނަކީ އެއް އިރެއްގައިވެސް ޣައިރު ގާނޫނީ އަމުރަށް ކިޔަމަންވާ ބައެއް ނޫންކަން އެކަމަނާއަށް އިހުސާސް ކުރެވުނު ކަމަށް ދާދިފަހުން ވިދާޅުވެފައިވެއެވެ.

މިއީ މާރިޔާ އެމްޑީޕީއާ ރައީސް ނަޝީދަށްޓަކައި ވެ ވަޑައިގެންނެވި ގުރުބާނީގެ ކުޑަ މިންވަރެކެވެ. މި ކަންކަން މިހެން އޮތް އިރު މިއަދު އެކަމަނާއަށް އިތުބާރު ނެތުނީ ކީއްވެގެން ހެއްޔެވެ. ޕާޓީގެ މަންމަ ދޮން ނިޔަނދުރަކަށް ބަދަލުކުރަންޖެހޭ ސަބަބެއް ދައްކާށެވެ. ހެއްކާއެކީއެވެ. ކުރިކަމެއް ބުނަންވާނީ ތަހުގީގެއް ނިމިގެން އެއިން ކަމެއްގައި މާރިޔާ ޒިންމާވާންޖެހޭ މިންވަރު ކޯޓެއްގައި ސާބިތުކުރެވޭނެ ވަރަށް ޕީޖީއަށް ހެކި ލިބިގެން ދައުވާއެއް ކުރީމައެވެ. މާކުރިޔަށް ހަމަ އަނގަ އޮތުމުން އެއްޗެއް ބުނެގެން ކަމަކު ނުދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
15%
0%
54%
8%
0%
23%
ކޮމެންޓް
13 ޖޫން 2021 | އާދީއްތަ 08:51
ޚުނާ
ޕާޓީ ބައިބައި ނުކުރޭ !
12 ޖޫން 2021 | ހޮނިހިރު 17:08
ޙަމީމް
ސުރުޚީއަށް އަދި އިތުރުކޮށްލިނަމަ، "ޤާނޫނު އަސާސީގެ މައްޗަށް ކޮއްޅަށް އެރި"