Advertisement
ކ. މާލެ
|
8 ޖޫން 2021 | އަންގާރަ 23:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
އުއްތަމަފަނޑިޔާރަށް ޚާއްސަ ގެއެއް ދައުލަތުން ހަމަޖެއްސުމާބެހޭ ބިލް ދިރާސާކުރުމަށް ކޮމިޓީއަށް
ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު
ބިލް ބަލައިގަތުމަށް ފާސްވެފައިވަނީ 54 މެމްބަރުންގެ އިއްތިފާގުން
ބިލް ދިރާސާކުރުމަށް ފޮނުވާފައިވަނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް

އުއްތަމަފަނޑިޔާރު ދިރިއުޅުއްވުމަށްޓަކައި ޚާއްސަކުރެވޭ ވަކި ގެއެއް ދައުލަތުން ހަމަޖައްސައި ދިނުމަށާއި، އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ބަލައިގަނެ، ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އަންގާރަ ދުވަހު ކުރިޔަށްދިޔަ ޖަލްސާއަށް މިބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރ ޙަސަން ޒަރީރެވެ. ބިލް ބަލައިގަތުމަށް ފާސްވެފައިވަނީ އެކަަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުމުގެ ބޭނުމަކީ އުއްތަމަފަނޑިޔާރަށް ދައުލަތުން ދެމުންގެންދާ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. ޒަރީރު ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއަށްފަހު މިފަދަ ބިލެއްގެ މުހިންމުކަން ބޮޑުވެފައިވާކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ފާސްކުރެވުނު އައު ގާނޫނު އަސާސީގެ ދަށުން ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ގާއިމުކުރެވިފައިވާއިރު، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަނޑިޔާރުކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމަށްވާއިރު މިއިސްލާހުގެ މައިގަނޑު ބޭނުމަކީ އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޓަކައި ގެއެއް ހަމަޖައްސައިދިނުން ކަމަށް ޒަރީރު ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުން އަންނަ ފަނޑިޔާރުންގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނީ ސިފައިންގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަމަށެވެ.

Advertisement

ހުށަހަޅާފައިވާ އިސްލާހުގެ ބިލްގައި 13 ވަނަ މާއްދާ ގެ (ހ) އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށެވެ.

މީގެއިތުރުން މިބިލަށް ވަނީ މާއްދާއެއް އިތުރުކުރުމަށް ވެސް ހުށަހަޅާފައެވެ. އެގޮތުން "އުއްތަމަ ފަނޑިޔާރު ދިރިއުޅޭނެ ރަސްމީ ގެ" މި ނަމުގައި މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.

އިތުރުކުރި މާއްދާގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅުއްވާނެ ރަސްމީ ގެއަކާއި، އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖަައްސައިދޭންވާނެ ކަމަށެވެ. އަދި ރަސްމީ ގެއަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައިވާންވާނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

ރަސްމީ ގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސަންވާނީ ސްޕްރީމް ކޯޓުން ކަމަށް މިހާރު ހުށަހަޅާފައިވާ ބިލްގައި ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ އާއިލާކަމަށް ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި އެކުގައި ދިރިއުޅޭ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންމައާއި ބައްޕަ ކަމަށް ބިލްގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް