ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 13:01
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން
އެފްއޭއެމް
ރާއްޖެ އާއި ސީރިއާގެ މެޗު
މެޗުން ބަލިވިޔަސް އެއްވެސް ޝަކުވާއެއް ނެތް: ކޫޕްމަން
ކޮލިފައިންއަށް ތައްޔާރުވާން ރާއްޖެއަށް ދަތިތަކެއް ކުރިމަތި
ސީރިއާ އަތުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ސީރީއާ އަތުން ބަލިވި ނަމަވެސް، އެއްވެސް ޝަކުވާއެއް ނެތް ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ ދުބާއީގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗާ ކުރިމަތިލިއިރު، މިދިޔަ ދޮޅުމަހެއްހާ ދުވަހު ގައުމީ ޓީމުގެ މެޗެއް ކުޅެފައެއް ނުވެއެވެ. އަދި ކޮލިފައިންއަށް ތައްޔާރުވާން ރާއްޖެއަށް ދަތިތަކެއް ކުރިމަތިވިއިރު، މީގެ ކުރިން ރާއްޖޭގައި ގައުމީ ޓީމުން ތަމްރީނު ހަފާދައިފަވަނީ ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ. އެއާއެކު އެ ފަހަރުވެސް ކޯޗު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ފަހުން ގައުމީ ޓީމަށް ފަރިތަކުރަން ފުރުސަތެއް ލިބުނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ދުބާއީއަށް ދިޔަ ފަހުންނެވެ.

ސީރިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ދިން އިންޓަވިއުއެއްގައި ކޫޕްމަން ބުނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ތިބުމަށްފަހު، މި މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރު ވަރަށް ފުރިހަމަ ކަމަށެވެ. އެގޮތުން ބޮޑު އަނިޔާއެއް ނުލިބި މެޗު ނިންމާލެވުމަކީވެސް ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި، ގައުމީ ޓީމުގެ ފިޓްނަސް ކޯޗުގެ މަސައްކަތްވެސް ފާހަގަކޮށްލެވޭ ކަމަށް ވަނީ ބުނެފައެވެ.

ކޯޗު އިތުރަށް ބުނީ މި މެޗުން ބަލިވި ނަމަވެސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި، ހުރިހާ ގޮތަކުންވެސް ސީރިއާ މާ ވަރުގަދަ ކަމަށެވެ. އަދި އެކަން ގަބޫލުކުރަންޖެހޭނެ ކަމަށާއި، ހަގީގަތަކީ ރާއްޖެއަށް ވުރެ ރަނގަޅަށް ކޮލިފައިންއަށް ސީރިއާއިން ތައްޔާރުވެފައި އޮތުން ކަމަށެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވީ ނަމަވެސް، މި ވަގުތު ރާއްޖެ އޮތީ ކޮލިފައިންގައި ހަ މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ރާއްޖެ ބަލިވިއިރު، ފުރަތަމަ މެޗުން ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ސީރިއާއާ ދެކޮޅަށް ކުޅުނު މެޗަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޓީމާ ކޫޕްމަން ހަވާލުވި ފަހުން، ގައުމީ ޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. ކޮލިފައިންގައި ގައުމީ ޓީމުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. 

- ކޮމެންޓް