ކ. މާލެ
|
3 ޖޫން 2021 | ބުރާސްފަތި 20:43
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން
އެފްއޭއެމް
ރާއްޖެ އާއި ސީރިއާގެ މެޗު
ހައިރާންކޮށްލާ ފަދަ ނަތީޖާއެއް ނެރެވިދާނެ: ކޫޕްމަން
ރާއްޖެ އާއި ސީރިއާގެ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 21:00 ގައި
ފުރަތަމަ މެޗުން ސީރިއާ ވަނީ ރާއްޖެ އަތުން 2-1 ން މޮޅުވެފައި

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ސީރީއާއާ ދެކޮޅަށް ކުޅޭ މެޗުން ދުނިޔެ ހައިރާންކޮށްލާ ފަދަ ނަތީޖާއެއް ނެރެވިދާނެ ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފިއެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ކޮލިފައިން މެޗުތައް ކުޅެން ތާވަލުކޮށްފައި އޮތީ ސެންޓްރަލައިޒްކޮށް ޗައިނާގައެވެ. އެކަމަކު ރާއްޖެ އާއި، ސީރިއާ އަދި ފިލިޕީންސަށް ޗައިނާއަށް ދެވޭ ނުވުމުން މެޗުތައް ދުބާއީގައި ކުޅެން ވަނީ ނިންމާފައެވެ. މީގެ ކުރިން އޭއެފްސީން ތާވަލުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން ބުރާސްފަތި ދުވަހު ރާއްޖެ އާއި ޗައިނާ ބައްދަލުކުރަން އޮތް ނަމަވެސް، ފަހުން ވަނީ ޝެޑިއުލަށް ބަދަލު ގެނެސް އެ މެޗު ފަސްކޮށްފައެވެ. އެއާއެކު ހުކުރު ދުވަހުގެރޭ ރާއްޖެއިން ސީރިއާއާ ދެކޮޅަށް ނުކުންނާނެއެވެ.

ކޮލިފައިންގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ރާއްޖެ އާއި ސީރިއާ ބައްދަލުކުރާއިރު، ކޮލިފައިންގައި މި ދެ ގައުމު ބައްދަލުކުރި ފުރަތަމަ މެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވީ ސީރިއާއެވެ.

ހުކުރު ދުވަހުގެރޭ ސީރިއާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޫޕްމަން ބުނީ ތާވަލު އޮތް ގޮތުން ސީރިއާއަކީ ގްރޫޕުގެ އެއްވަނަ ޓީމު ކަމަށާއި، އެކަމަކު އެ ޓީމު އަތުން ޕޮއިންޓެއް ހޯދުމަށްވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި މި މެޗުން މޮޅެއްވެސް ހޯދިދާނެ ކަމަށާއި، އެގޮތުން ފުޓްބޯޅަ ދުނިޔެ ހައިރާންކޮށްލާ ފަދަ ނަތީޖާއެއްވެސް ނެރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުންޏެވެ.

ސީރިއާ މެޗަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޓީމާ ކޫޕްމަން ހަވާލުވި ފަހުން ގައުމީ ޓީމުން ކުޅޭނެ ރަސްމީ ފުރަތަމަ މެޗެވެ. ކޫޕްމަން ބުނީ ކުރިއަށް ކުޅެން އޮތް ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކާ ދެކޮޅަށް ކުޅެން ޖެހުނަސް، މި ވަގުތަށް ބަލާއިރު ތައްޔާރުވާން ޖެހިފައި އޮތީ ކުރީގެ މެޗުތަކެއްގެ ވީޑިއޯތަކަކަށް ބަލައިގެން ކަމަށެެވެ. އެކަމަކު ހަމައެކަނި ވީޑިއޯތައް ބަލައިގެން ތައްޔާރުނުވާނެ ކަމަށާއި، ބޭނުންވަނީ ނަތީޖާ ނެރެވޭ ވަރަށް ދަނޑުމަތީގައި ތަފާތެއް ދެއްކުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮލިފައިންގައި ރާއްޖެ އާއި ސީރިއާ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް