މި އަހަރުގެ ޖުލައި މަހު ބާއްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސްއިން ޖާގަ ހޯދައި، ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ރާއްޖޭގެ ފުރަތަމަ އަންހެން ކުޅުންތެރިޔާގެ މަގާމު ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ހޯދައިފިއެވެ.
މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ބެޑްމިންޓަން ކުޅުންތެރިޔަކީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްއިން ފުރުސަތު ލިބުނު މުޙައްމަދު އަޖުފާނެވެ. މި ފަހަރުގެ އޮލިމްޕިކްސްއިން ނަބާހާއަށް ފުރުސަތު ލިބުނުއިރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ހާމަކޮށްފައިވާ ގޮތުން އޮލިމްޕިކްސްގެ ޖާގައެއް އޭނާއަށް ލިބިފައިވަނީ ޓްރައިޕާޓައިޓް ސްލޮޓެއްގައެވެ.
އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުމާއެކު އަމިއްލަ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައިނަބާހާ ބުނީ މިހާތަނަށް އައިރު ބެޑްމިންޓަން ކެރިއަރުގައި ވަރަށް ގިނަ ކާމިޔާބީ ލިބިފައިވާ ކަމަށާއި، އެކަމަކު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
އޮލިމްޕިކްސްއިން ނަބާހާ ފުރުސަތު ހޯދިއިރު، އޭނާ ވަނީ ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ނަބާހާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑެއްޔެވެ. އެގޮތުން އެ މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާހާ އާއި އޭނާގެ ކޮއްކޮ އައިމިނަތު ނަބީހާ ރަން މެޑަލް ހޯދިއިރު، އެ މުބާރާތުގެ މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާވެސް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރު އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަންހެން ޑަބަލްސް ބައިން ނަބާހާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދާފައެވެ.
މީގެ އިތުރުން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައިވެސް ދާދި ފަހުން ނަބާހާ އާއި ނަބީހާ ވަނީ ހިމެނިފައެވެ. މިއީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ރާއްޖޭގެ ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ޖުލައި މަހު ޓޯކިއޯ އޮލިމްޕިކްސް ބާއްވާއިރު، މިއީ މިދިޔަ އަހަރުގެ ގޭމްސްއެވެ. ކޮވިޑް-19 ގެ ސަބަބުން އޮލިމްޕިކްސް މި އަހަރަށް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމިއިރު، މިދިޔަ އަހަރުގެ އޮލިމްޕިކްސް ޓޯކިއޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
އެކަމަކު މިހާރު ވަނީ މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވަން ތާވަލުކޮށްފައެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.