ރާއްޖޭގެ ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު ފެންނަ ކޭސްތަކުގެ އަދަދާއި މަރުވާ މީހުންގެ އަދަދުވެސް މިވަނީ އިތުރުވެފައެވެ. މިއާއެކު ސަރުކާރުގެ ފަރާތުން ލަސްތަކާއެކު ކޮވިޑު ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރިއެވެ. އެއާއެކު އެތައް ބައިވަރު ވާހަކަތަކެއް އިވިގެން ދިޔައެވެ. ސަރުކާރުން ކުރިން ލޮކްޑައުން ކުރި ނަމައެވެ. މިހެންކަންތައް ނުކޮށް އެހެން ކަންތައް ކުރިނަމައެވެ. ދެން އެޔާއެކު ފެނިގެން ދިޔައީ "ބްލޭމް ގޭމް" ކުޅެން ފެށި ތަނެވެ. ރާއްޖޭގެ ހާލަތު މިވަރަށް ދާން ޖެހުނީ ސިޔާސީ މީހުންގެ ސަބަބުން ކަމަށް އެއްބަޔަކު ބުނަމުން ދިޔައިރު އަނެއްބައި ބަޔަކު ބުނަމުން ދިޔައީ ބަޔަކު މީހުން ފަރުދީ ޒިންމާ ވެސް އަދާ ނުކުރާ ކަމަށެވެ. ކޮންމެއަކަސް މިކަމުގައި ދެ ބައި މީހުންގެ ވެސް އިހުމާލު އެބައޮތެވެ.
ރާއްޖޭގައި މިހާރު ކާފިއު މި އަންނަނީ ހިންގަމުންނެވެ. މަގުމައްޗަށް ނުކުތުމަށް ހާއްސަ ހުއްދައެއް އެބަ ބޭނުންވެއެވެ. އުސޫލު ބުނާ ގޮތުން އެ ހުއްދަ އޮވެގެން ނޫނީ މަނާ ވަގުތުގައި ބޭރުގައި ނޫޅެވެއެވެ. އެހެންނަމަވެސް މަގުމައްޗަށް ބަލާލުމުން ކާފިއުއެއް ރާއްޖޭގައި ހިންގާ ހެން ހީވެސް ނުވެއެވެ. މީހުން މަގުމަތިން ފެންނަނީ އިހު ފެނުނުވަރުގެ ހަލަބޮލިކަމެވެ. ހޭލަމޭލައަށް އެކޮޅުން މިކޮޅަށް ކާރާއި ސައިކަލުތައް ދުންކަނޑާފައި ދަނީއެވެ. ކާފިއުއެއް ހިންގިއެއް ކަމަކު ޓްރެފިކަށް ވެސް ބާރު ބޮޑުވާ ގަޑިތައް ވެސް އެބަ އާދެއެވެ. ސަރުކާރުން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މެއި މަހުގެ 30 ވަނަ ދުވަހު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 913 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އެއްހާހުން މަތީގައި އުޅޭއިރު އެ އަދަދުތަކާއި ގާތްކުރާ ވަރަށް މީހުން ފިޔަވަޅުތަކަށް ބޯނުލަނބާ ކަމަށްވާނަމަ މިކަން ވަކި ހައްލުވާނީ ކިހިނެއްތޯއެވެ. ކޮވިޑު ކޮންޓްރޯލް ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ޒިންމާ ހަމައެކަނި އޮތީ ސަރުކާރުގެ ބޮލުގައި އެޅުވިފައެއް ނޫނެވެ. އަހަރުމެން އެންމެ ހިތްހަމަޖެހޭ ގޮތަށް އަދި ބޭނުންވާ ގޮތަށް ވެސް ސަރުކާރުން ކަންތައްތައް ނުކޮށްފާނެއެވެ. ހިތްހަމަ ނުޖެހުންތައް އެތައް ބައެއްގެ އެތައް މިންވަރަކަށް އެބަހުއްޓެވެ. އެކަމަކު އެ ހިތްހަމަނުޖެހުންތަކާއެކު ވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ. އެހެންނޫނިއްޔާ ރާއްޖޭގެ ހާލަތު ހިތަށް ވެސް ނުގެނެވޭހާ ގޯސްވެގެން ހިނގައިދާނެއެވެ. ސަރުކާރާ ކަމާބެހޭ ފަރާތްތަކުން އާންމުކުރަމުން ގެންދާ މައުލޫމާތަށް ބަލައިލުމުން އެއްކަމެއް އެނގިގެންދެއެވެ. އެއީ އިންސާނީ ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާ މިންވަރެވެ. އެގޮތުން 276 އެނދުގެ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަލައިލާއިރު އެތަނުގައި މަސައްކަތްކުރަމުން ދަނީ އެންމެ 116 ނަރުހުންނެވެ. މިއީ ފުރެމުންދާ, އެ ފެސިލިޓީއާ އަޅާބަލާއިރު ވަރަށް ވެސް މަދު އަދަދެކެވެ.
މިހާރު ވެސް ރާއްޖޭގެ ހާލަތު ވަކި ރަނގަޅެއް ނޫނެވެ. ކޮންމެ ދުވަހަކު ރާއްޖެއިން އެތައް ފުރާނައެއް ކޮވިޑުގެ މި ބަލީގައި މިދުނިޔެ ދޫކުރަމުންދެއެވެ. ހިތްފަޅައިގެންދެއެވެ. ދުނިޔެ ދޫކުރަމުން އެ ދަނީ އެއްވެސް ވަރަކަށް ދަންނަ ބަޔަކަށް ނުވިޔަސް ވަކިވެގެންދާ ފުރާނައާއެކު އެ އާއިލާތަކަށް ކުރިމަވި އެވަނީ ނުހަނު ބޮޑު ހިތްދަތިކަމެކެވެ. އެންމެ ލޯބިވާ މާމަ، ކާފަ، މަންމަ، ކޮއްކޮ ނުވަތަ އެހެން ވެސް އާއިލާ މީހެއް މުޅި އުމުރަށް ވަކިވެގެން ދިޔަމުން އެމީހުންގެ މުޅި ދިރިއުޅުން ހުއްޓުން އަރައެވެ. އެ މަރުވެގެން ދިޔައީ ތިމާގެ އާއިލާ މީހެއް ކަމަށް ނުވިޔަސް ނުވަތަ ތިމާ ދަންނަ މީހަކަށް ނުވިޔަސް އެފަދަ މީހުންނާ ދޭތެރޭގައި ވެސް ވިސްނުމަށް ފަހު ފިޔަވަޅުތަކަށް އެބަ ބޯލަނބަން ޖެހެއެވެ.
ކޮވިޑާ އެކީގައި ދިރިއުޅެމުން އަންނަތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު މިހާރު ބައެއް އާންމުންނަށް މިއީ އެހާ ބޮޑުކަމަކަށް ނުވެއެވެ. މިކަން ނަގަނީ ވަރަށް އާދައިގެ ކަމެއްގެ ގޮތަކަށެވެ. ސަބަބެއް ކަމަށް ބުނަން ޖެހޭނީ އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އަދިވެސް ބަޔަކު މީހުން ތެދުވާން މަސައްކަތް ކުރުމުންނެވެ. ފިޔަވަޅުތަކާ ޚިލާފުވި 913 މީހުންގެ ތެރޭގައި މާސްކު ނާޅައި އުޅުނު 208 މީހަކު ޖޫރިމަނާކޮށްފައިވާއިރު ކާފިއު ވަގުތު ބޭރުގައި އުޅުނު 631 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. މީގެ އިތުރަށް، ގަވާއިދާ ޚިލާފަށް ޚިދުމަތް ދިން 74 ތަނެއް ޖޫރިމަނާ ކޮށްފައިވާއިރު، އޭގެ ތެރޭގައި އެތަންތަނުން ޚިދުމަތް ހޯދި މީހުން ވެސް އެބަ ހިމެނެއެވެ. ގަވާއިދާ ޚިލާފަށް ޚިދުމަތް ދިން 74 ތަންތަނަށް ވެސް މުހިންމީ އެމީހުންގެ ވިޔަފާރީއެވެ. އެހެންނަމަވެސް ވިސްނަންވީ ކަމެއް އެބައޮތެވެ. ތިމާގެ ވިޔަފާރީ ވެސް ދެމި އޮންނާނީ ތިމާ ގަދަވެ ސަލާމަތުން ހުރެގެން ކަމެކެވެ.
މިހާލަތުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން އެބަ މަސައްކަތް ކުރަން ޖެހެއެވެ. ނަސޭހަތްތައް އެބަ އަޑުއަހަން ޖެހެއެވެ. ހެޔޮނުވާނެ މިކަމުން އަރައިގަނެވެންދެން ގޭގައި މަޑުކޮށްލަދޭށެވެ.