ޖޫން 1ން ފެށިގެން 9 ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުން މަނާ ވާނެތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަންގައިފިއެވެ.
އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ތަސްދީގު ކުރައްވާފައެވެ. އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ބިލު ތަސްދީގު ކުރެއްވުމާ އެކު އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ހަތް ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން ސިންގަލް ޔޫޒް ޕްލާސްޓިކް ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ތަކެތި ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ.
އެ ބިލުގައިވާ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ލިސްޓެއް އެކި މަރުހަލާތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިޚްތިޔާރު ރައީސަށް ލިބެއެވެ. އަދި އެ ލިސްޓު ކަނޑައަޅުއްވައި، އަންނަ މަހުގެ ކުރިން ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ލިސްޓެއް އެކި މަރުހަލާތަކަކަށް ބައްސަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ޤަރާރެއް ނެރުއްވާފައެވެ. މި ޤަރާރުގައިވާގޮތުން އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޒާތުގެ 9 ބާވަތެއްގެ ޕްލާސްޓިކް، 1 ޖޫން 2021ން ފެށިގެން އެތެރެކުރުން މަނާވާނެެއެވެ. މީގެ އިތުރުން 1 ޑިސެމްބަރު 2022 އަދި 1 ޑިސެމްބަރު 2023ގައި ވެސް އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޒާތުގެ ބައެއް ބާވަތްތަކުގެ ޕްލާސްޓިކް އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރުމަށް ވަނީ ނިންމާފައެވެ.
1 ޖޫން 2021ން ފެށިގެން އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރާ ޕްލާސްޓިކް
* ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
* ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
* ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
* ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
* 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
* ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
* 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި
* ރާއްޖެއަށް އިމްޕޯޓު ކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި (ފެނާއި ލުއިބުއިން ހިމެނޭގޮތަށް)
1 ޑިސެމްބަރ 2022ން ފެށިގެން އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރާ ޕްލާސްޓިކް
* ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލީމަރއިން އުފައްދައިފައިވާ، އަމިއްލަ ޒާތުގައިނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
* 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި
1 ޑިސެމްބަރ 2023ން ފެށިގެން އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރާ ޕްލާސްޓިކް
* ރާއްޖެއަށް އިމްޕޯޓު ކުރާ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ލިސްޓު ކަނޑައެޅުމުގައި ރިޢާޔަތްކުރަންވާނެ ކަންކަން ބިލްގައި ބަޔާންކޮށްފައިވެއެވެ.
އެކަންކަމަކީ:
- އެފަދަ ތަކެތި ރާއްޖޭގައި އެހާތަނަށް އުފައްދައި ބޭނުން ނުކޮށް ހުރި މިންވަރާއި އެފަދަ ތަކެތި ރާއްޖޭގައި ބޭނުންކުރަމުންދާ ނިސްބަތް
- އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުން ނުވަތަ ބާޒާރަށް ނެރުން މަނާކުރުން، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެންހުރި މިންވަރު