މިއަހަރު ރާއްޖޭގެ އިގުތިސާދު 22.7 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މިއަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި 13.5 އިންސައްތަ އާއި 34.1 އިންސައްތައާ ދެމެދު ކުރިއަރާނެ ކަމށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިގުތިސާދު ކުރިއަރާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވެނީ 22.7 އިންސައްތައަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ އިގުތިސާދު ކުރިއަރާނެ ކަމުގެ އެންމެ ބޮޑު އުންމީދެއް ލިބިގެންގޮސްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަަރަން ފެށުމުން ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލައި ފުރަތަމަ އަންދާޒާކުރި ވަރަށްވުރެ އިތުރަށް މިއަހަރުގެ މިހާތަނަށް އެސިނާއަތް ކުރިއަރާފައިވާ ކަމަށާއި ފާއިތުވި އަހަރު ބަޖެޓް ތައްޔާރުކުރި އިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވުނު އަދަދަށް ބިނާކޮށް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އިތުރުވާނެ ކަމަށް ބެލެވުނީ 13.5 އިންސައްތަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ވެކްސިން ލިބެން ފެށުމާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި އޭގެ އަސަރު އިގުތިސާދަށް ކޮށްފައިވާއިރު، ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖް އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނުތައް މިއަހަރުގެ އިގުތިސާދު އަލުން ކުރިއެރުމަށް މަގުފަހިކޮށްދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެއިތުރުން މިނިސްޓަރ ވަނީ ރާއްޖޭގެ އިގުތިސާދު ކުރީގެ ހާލަތަށް ރުޖޫއަވަމުން އަންނަ ކަމަށާއި ކޮވިޑް-19ގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހާލަތަށް ރުޖޫއަވެވޭނީ 2022 އާއި 2023 ހިސާބުގައި ކަމަށް ވިދާޅުވެފައެވެ.
މިއަހަރު ރާއްޖޭގެ އިގުތިސާދު ރިސެޝަނަކަށް ދިއުމަށްފަހު ކުރިއަރަން ފަށާނެ ކަމަށާއި އިގުތިސާދު ކުރިއެރުވުމަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ ކޮވިޑް-19ގެ ސަރޖްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިހާލަތު ރަނގަޅުކޮށް ގައުމުގެ އިގުތިސާދު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.