ކ. މާލެ
|
27 މެއި 2021 | ބުރާސްފަތި 17:54
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރައީސް އޮފީސް
ރާއްޖޭގެ އިގްތިސާދީ ހާލަތު
ރާއްޖެއަކީ މިއަހަރު އިގުތިސާދީ ކުރިއެރުން އެންމެ ރަނގަޅު އެއްގައުމު: މިނިސްޓަރ
2020 ވަނަ އަހަރު 1.3 ބިލިއަން ޑޮލަރުގެ ފައިނޭންސިންގ ހޯދިފައިވޭ
ރާއްޖޭގެ އިގުތިސާދު މިހާރު އަންނަނީ އަނބުރާ އިއާދަވަމުން
މިއީ އިގުތިސާދަށް ސަޕޯޓް ދޭންޖެހޭ ވަގުތެއް ކަމަށް ވިދާޅުވި

ރާއްޖެއަކީ މި އަހަރު އިގުތިސާދީ ކުރިއެރުން އެންމެ ރަނގަޅު އެއް ގައުމުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު މިހާރު އަންނަނީ އަނބުރާ އިއާދަވަމުން ކަމަށެވެ. ރާއްޖެއަކީ މި އަހަރު އިގުތިސާދީ ކުރިއެރުން އެންމެ ރަނގަޅު އެއް ގައުމުކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ބަލިމަޑުކަމުގެ ހާލަތުން މިންޖުވެފައި ނުވުމާއި، ކުރީގެ އިގުތިސާދުގެ ސައިޒަށް އަދި ރުޖޫއަވެފައި ނުވާތީ، މިއީ އިގުތިސާދަށް ސަޕޯޓް ދޭންޖެހޭ ވަގުތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، 2020 ވަނަ އަހަރު 1.3 ބިލިއަން ޑޮލަރުގެ ފައިނޭންސިން  ހޯދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑް-19 ސަޕޯޓްގެ ގޮތުގައި 464.3 މިލިއަން ޑޮލަރާއި، އެހެނިހެން ލޯން އަދި ގްރާންޓްގެ ގޮތުގައި 872.5 މިލިއަން ޑޮލަރު ހިމެނޭކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ލޯނު ތަކުގެ އެވަރެޖް އިންޓްރެސްޓް ރޭޓަކީ 1.7% ކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ބަޖެޓަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓު ތަންފީޒު ވަމުންދާ ގޮތަށް ބަލާއިރު 20 މޭގެ ނިޔަލަށް 1.2 ބިލިއަން ރުފިޔާ ޕީއެސް.އައި.ޕީގެ އެކި މަޝްރޫއުތަކަށް ޚަރަދުވެފައިވާ ކަމަށެވެ. މިއީ މިއަހަރަށް ފާސްކުރެވުނު ޕީއެސްއައިޕީގެ 14.1 އިންސައްތަކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން އިތުރު ޚަރަދު ކުރަންޖެހުނު ކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ބަޖެޓުގެ އެހެނިހެން ދާއިރާތަކުން ޚަރަދު ކުޑަކުރެވުނު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 ގެ ކުރީގެ އިގުތިސާދަށް އަނބުރާ ރުޖޫއަވެވޭނީ 2022-2023 ހިސާބުގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮވިޑް-19 ގެ ކުރީގެ އިގުތިސާދަށް އަނބުރާ ރުޖޫއަވެވޭނީ 2022-2023 ހިސާބުގައި. ކޮވިޑް-19 އާ ގުޅިގެން އިތުރު ޚަރަދުކުރަންޖެހުނު ނަމަވެސް، ބަޖެޓުގެ އެހެނިހެން ދާއިރާތަކުން ޚަރަދުކުޑަކުރެވުނު. 2020 ވަނަ އަހަރު ފާސްކުރި ބަޖެޓުން 9 ބިލިއަން ރުފިޔާ ޚަރަދު ކުޑަކުރެވުނު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ފިސްކަލް ޙާލަތު، ފައިނޭންސިންގ އާއި ދަރަނި، އަދި ކޭޝްފްލޯ މެނޭޖްކުރުމާއި، އައު އިކޮނޮމިކް ރެސްޕޮންސް ޕެކޭޖާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އައު އިކޮނޮމިކް ރެސްޕޮންސް ޕްލޭންގައި ގޭބިސީތަކަށް ކަރަންޓު ބިލުގެ ޑިސްކައުންޓު ގޮތުގައި މެއި މަހުގެ ބިލަށް 40%، ފެން ބިލުގެ ޑިސްކައުންޓުގެ ގޮތުގައި މެއި މަހުގެ ބިލަށް 30% ވަނީ ކަނޑައެޅިފައެވެ. އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނުގެ ގޮތުގައި ޖޫން މަހުން ފެށިގެން އިތުރު 370 މިލިއަން ރުފިޔާ ދޫކުރުމާއި، އެސްއެމްއީ ރިލީފް ލޯނުގެ ގޮތުގައި 5 އަހަރުގެ ތެރޭގައި ދައްކާ ގޮތަށް 6% ގެ އިންޓްރެސްޓް ރޭޓާއި، 1 އަހަރުގެ ގްރޭސް ޕީރިއަޑާއެކު ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް