ކ. މާލެ
|
25 މެއި 2021 | އަންގާރަ 17:30
ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ
ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ
ގެޓީ އިމޭޖަސް
ކޮނާޓޭ ލިވަޕޫލަށް ބަދަލުވުން
ޒުވާން ޑިފެންޑަރު ކޮނާޓޭ ލިވަޕޫލަށް ބަދަލުވުމާ ގާތަށް
 
ލިވަޕޫލާއެކު ކޮނާޓޭ 2026 ގެ ނިޔަލަށް އެއްބަސްވުން ހަދާނެ
 
ކޮނާޓޭގެ އެއްބަސްވުން އުވާލަން 35 މިލިޔަން ޕައުންޑް ދައްކަން ޖެހޭ

އާރްބީ ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ލިވަޕޫލަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލިވަޕޫލުން ފާރަލަމުން އަންނަ އުމުރުން 22 އަހަރުގެ ކޮނާޓޭ، 2017 ވަނަ އަހަރު ލައިޕްޒީގާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އޭނާގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ކޮނާޓޭ ގަންނަން ބޭނުންވާނަމަ، ލައިޕްޒީގުގެ އެއްބަސްވުން އުވާލަން 35 މިލިޔަން ޕައުންޑް ދައްކަން ޖެހެއެވެ. އެހެންކަމުން އެ އަދަދު ދައްކަން ލިވަޕޫލުގެ މެނޭޖުމަންޓުން މިހާރު ނިންމާފައިވާ ކަމަށާއި، ވަރަށް އަވަހަށް ލިވަޕޫލުގެ މެޑިކަލް ކޮނާޓޭ ހަދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ލިވަޕޫލާއެކު ކޮނާޓޭ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ލިވަޕޫލުން ކޮނާޓޭ ހޯދަން މަސައްކަތްކުރަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ލައިޕްޒީގަށް 94 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހާފައެވެ. އެކަމަކު މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ލިވަޕޫލާއި ލައިޕްޒީގް ބައްދަލުކުރި ދެ މެޗުގައިވެސް އޭނާ އިނީ ބެންޗުގައެވެ.

އަންނަ ސީޒަނަށް ޑިފެންސް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލުން ކޮނާޓޭ ހޯދަން މަސައްކަތްކުރަމުން އަންނައިރު، މި ސީޒަނުގައި ލިވަޕޫލުގެ ޑިފެންޑަރުންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވިއެވެ. އެގޮތުން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒަށް މި ސީޒަނުގެ ބޮޑުބައި ގެއްލުނެވެ.

އެއާއެކު މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލުން ވަނީ ދެ ޑިފެންޑަރުން ގެނެސްފައެވެ. އެއީ އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ޕްރެސްޓަންއަށް ކުޅެމުން އައި އުމުރުން 25 އަހަރުގެ ބެން ޑޭވިސް އާއި ޖަރުމަނުގެ ޝާލްކާއަށް ކުޅެމުން އައި އުމުރުން 21 އަހަރުގެ ޑިފެންޑަރު އޮޒާން ކަބަކެވެ.

މީގެތެރެއިން ކަބަކް ލިވަޕޫލާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ލިވަޕޫލުން ކަބަކަށް އެއް މިލިޔަން ޕައުންޑުގެ ލޯން ފީއެއް ދެއްކިއިރު، އެ ޓީމުން ބޭނުންނަމަ މި ސީޒަނަށް ފަހު 18 މިލިޔަން ޕައުންޑް ދެއްކުމަށްފަހު ކަބަކުގެ އެއްބަސްވުން ދާއިމީ ކުރެވޭނެއެވެ. އެކަމަކު ކަބަކުގެ އެއްބަސްވުން ދާއިމީކުރުމާ މެދި ލިވަޕޫލުން އަދި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް