ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމު ދުބާއީގައި ކުރިއަށްގެންދާ ކޭމްޕުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ޑިފެންޑަރު އަލީ ޝަމާލް އަބްދުﷲ (ޝައްމު) އާއި ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ބައިވެރިވެއްޖެއެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައި، ހޮނިހިރު ދުވަހުގެ ހެނދުނު ގައުމީ ޓީމު ވަނީ ދުބާއީއަށް ފުރާފައެވެ.
އެކަމަކު ޝައްމުއަށް އެ ފަހަރު ގައުމީ ޓީމާއެކު ނުދެވުނީ ޗައިނާ ވިސާގެ ކަންތައްތައް އެއްކޮށް ހަމަނުޖެހިގެން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މައުލޫމާތުދީފައެވެ. އަދި ތޮއްޕޭއަށް ނުދެވުނީ އޭނާ މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، ވައިރަހުން ރަނގަޅުވެ، މުއްދަތު ހަމަކޮށްގެން ހަދާ ޓެސްޓުތައް ހެދުމަށްފަހު ޓީމާ ގުޅެން ކަމަށްވެސް ވަނީ މައުލޫމާތުދީފައެވެ. އެގޮތުން ތޮއްޕޭ އެންމެ ފަހުން ހެދި ޕީސީއާރް ޓެސްޓް ވަނީ ނެގެޓިވްވެފައެވެ.
އެއާއެކު ހޯމަ ދުވަހުގެރޭ ޝައްމު އާއި ތޮއްޕޭ ވަނީ ގައުމީ ޓީމުގެ ކޭމްޕާ ގުޅެން ދުބާއީއަށް ގޮސްފައެވެ. މިދިޔަ ހޮނިހިރު ދުވަހު ގައުމީ ޓީމު ދުބާއީއަށް ގޮސްފައިވާއިރު، އާދީއްތަ ދުވަހުގެ ހަވީރު ގައުމީ ޓީމުން ވަނީ ދުބާއީގައި ފަރިތަކުރުންތައް ފަށާފައެވެ. ގައުމީ ޓީމުން ދުބާއީގައި ކޭމްޕް ކުރީ ރާއްޖޭގައި ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބުމުންނެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިން މީގެ ކުރިން ތަމްރީނު ހަދާފައިވަނީ އެ ކުޅުންތެރިން މާލޭގައި ކޭމްޕް ކޮށްގެން ތިބި ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ.
ގައުމީ ޓީމުގެ ކޭމްޕާ ގުޅޭ ގޮތުން މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ޓީމުން ދުބާއީގައި ގާތްގަނޑަކަށް 10 ދުވަހު ތަމްރީނުތައް ހަދާނެ ކަމަށާއި، އެކަމަކު ދުބާއީގައި ކުރިއަށްދާ ތަމްރީނުތަކުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިނުވާ ކަމަށެވެ.
ކޮލިފައިން މެޗުތަކަށް ގައުމީ ޓީމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އެކުލަވާލާފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނާއި އަމިއްލަ ސަބަބުތަކާ ހުރެ މި ސްކޮޑުން މީގެ ކުރިން ބައެއް ކުޅުންތެރިން ވަނީ ވަކިވެފައެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވުމުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި، ކުލަބު އީގަލްސްގެ ހަަސަން ރާއިފް އަހުމަދު (ހަންނަ) އަދި ކުލަބު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އަށް ވަނީ ފުރުސަތު ގެއްލިފައެވެ. އަދި އަމިއްލަ ސަބަބުތަކާ ހުރެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ސްކޮޑުން ވަކިވެފައެވެ.
ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.
އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.