ތަރައްޤީ ވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ޞިއްޙީ އާލާތްތަކާއި ވަޞީލަތްތައް ފޯރުކޮށް ދިނުމުގައި، ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތުކުރެވިގެން ނުވާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ވާރޗުއަލްކޮށް ކުރިއަށްގެންދާ ވާރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ނާޒުކު ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ ކަންކަމުގައި އަޅަމުން ގެންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުން ގުޅިގެން ކޮވިޑް-19އަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ ނަސީމް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއަކީ ނިސްބަތުން ޞިއްޙީ ދާއިރާއަށް ބޮޑު ހޭދައެއް ކުރަމުން އަންނަ ޤައުމަކަށް ވީނަމަވެސް، ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ތަފާތުކަމަށާއި ތަރައްޤީ ވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ޞިއްޙީ އާލާތްތަކާއި ވަޞީލަތްތައް ފޯރުކޮށް ދިނުމުގައި، ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތުކުރެވިގެން ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ނަސީމް ވިދާޅުވީ، ކޮރޯނާ ވައިރަސް މީހުންނާއި ޤައުމުތަކުގެ ތަފާތު ނުދަންނަކަމާއި، މިކަމުން އަރައިގަނެވޭނީ ހަމައެކަނި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމުގައެވެ. އަދި ރާއްޖެއަށް ކޮވިޑް-19 ގެ 3 ވަނަ ރާޅާއި ކުރިމަތިލާން ޖެހިފައިވާއިރު، މި ހާލަތުގައިވެސް އެއްވެސް ތަފާތުކުރުމެއްނެތި ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހިލޭ ވެކްސިން ދެމުން ގެންދާކަމަށާއި ސިއްޙީ ރައްކާތެރިކަމަކީ ތަފާތު ކުރުމެއްނެތި އެންމެނަށް ލިބެންޖެހޭ ޙައްޤެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ޑަބްލިޔު.އެޗް.އޯ އިން ކޮވިޑް-19ގެ ކަންކަމުގައި މެމްބަރު ޤައުމުތަކަށް ފޯރުކޮށްދެއްވާ ފަންނީ ލަފަޔާއި އިރުޝާދު ބަލައިގަނެ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތަކީ އެންމެން އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައިވާ ވަގުތެއްކަމުން، ދޭދޭ ޤައުމުތަކުގެ މެދުގައި ހުރި ހަމަނުޖެހުންތައް އެއްފަރާތްކޮށް އެކުވެރި މާހަޢުލެއްގައި މަސައްކަތް ކުރުން މުހިއްމުކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިކަހަލަ ޙާލަތްތައް ދިމާވެދާނެކަމަށް ބަލައި ޢަމަލުކުރާނެ ގޮތްތަކެއް ދުރާލާ ކަނޑަޅާފައި ބެހެއްޓުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަށް ނުވަތަ ކައުނީ ވަބާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކުގެ ޕްލޭންތައް ޤައުމުތަކުގައި ކުރީއްސުރެ ހުރި ނަމަވެސް، މި ބަލިމަޑުކަމުން ހާމަކޮށްދިން އެއް ޙަޤީޤަތަކީ، އެއްވެސް ޤައުމެއް އަދި މުޅި ދުނިޔެވެސް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެ އޮތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.