ކ. މާލެ
|
21 މެއި 2021 | ހުކުރު 08:26
ބެންޖަމިން ނަތަންޔާހޫ އަކީ އިސްރާއީލުގައި އެންމެ ދިގުމުއްދަތަކަށް ވެރިކަން ކުރަމުންދާ ވެރިޔާ
ބެންޖަމިން ނަތަންޔާހޫ އަކީ އިސްރާއީލުގައި އެންމެ ދިގުމުއްދަތަކަށް ވެރިކަން ކުރަމުންދާ ވެރިޔާ
ރޮއިޓަރސް
އިސްރާއިލުން ފަލަސްތީނަށް ހަމަލާދިނުން
ނަތަންޔާހޫގެ އަނިޔާވެރިކަން: ދިގު ދެމިގެންދިޔަ ކުޅިގަނޑެއްގައި ބާރުތައް ބަނދެވިފައި
އެންމެ ކުޑައިރުން ފެށިގެން މުސްލިމުންނާއި ދެކޮޅަށް އޮތީ ހަތުރުވެރިކަން
ވެރިންނާއި ރައްޔިތުންގެ މަޤުބޫލުކަން ހޯދުމަށް ކުޅެފައިވަނީ ދިގުދެމިގެންދިޔަ ބޮޑު ކުޅިގަނޑެއް
މިއަދު ބިރެއް ނެތި ލާއިންސާނިއްޔަތު ފަތުރަމުންދަނީ ހުއްޓުވާނެ މީހެއް ނެތްކަމަށް ޤަބޫލުކޮށް

ފަަލަސްތީނުގެ ޙާލަތުގެ ވާހަކައަކީ، ދުނިޔެއަށް އައު ވާހަކައެއް ނޫނެވެ. މި ޙަލަތަކީ މިއަދަކު، އިއްޔެއަކު ފާޅުވެގެން އައި ކަމެއްވެސް ނޫނެވެ. މާކަ ބޮޑު މުއްސަނދިކަމެއް ނެތަސް 1700ގެ އަހަރުތަކުގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން އައީ ޤަދަރުވެރި މިނިވަން ދިރިއުޅެމެކެވެ.

އެހެންނަމަވެސް، ފަލަސްތީނިގެ ބިންތަކަށް ކަޅިއަޅަމުން އައި ޔަހޫދީ ބާރުތަކުން އެ ބިމުގައި އެމީހުންގެ މީހުން ވަޒަންވެރިކުރުމަށް ފެށި ފަނާކުރަނިވި މަސައްކަތުން މިއަދު އެބިން މިވަނީ ސުންނާފަތިކޮށްލާފައެވެ. އެވެސް އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ބިމާއި ބާރުވެރިކަމުގެ ޖާހަތުގައި އިސްރާއީލުގެ ނަމުގައި ދައުލަތެއް އުފައްދާ ފަލަސްތީނުގެ ބިންތަކަށް ވެރިވަމުން ދިޔައިރު ދުނިޔެ ވަނީ މަންމަނުވެފައެވެ. ބީރުވެފައެވެ.

ކޮންމެއަކަސް މިފަހަރު ދައްކަން މިއުޅެނީ ފަލަސްތީނުގެ ތާރީޚުގެ ވާހަކައެއް ނޫނެވެ. ނުވަތަ ދުނިޔޭގެ ޤައުމުތަކުގެ ނުކުޅެދުންތެރިކަމުގެ ވާހަކައެއްވެސް ނޫނެވެ. މިފަހަރު މި ބަލާލަނީ ދުނިއަށް މިހާރު ފާޅުވެފައިވާ ޖައްބާރުގެ ގޮތުގައި، ނުވަތަ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުވިލާތުގައި ޑިކްޓޭޓަރަކަށް ހުރި ހިޓްލަރާއި އަޅާކިޔާ އެއްހަމަކުރާ ހަމަ އެކަނި ވެރިޔާއޭވެސް ދެންނެވިދާނެވެ. އިސްރާއީލުގެ ފަނާކުރަނިވި ޕްރޮޕެގެންޑާ ފެތުރުމުގެ މުގުލަގައި ހުރި އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނިޔާވެރިކަން މުޅި ދުނިޔެއަށް ދަނީ ފެންނަމުންނެވެ.

އެހެންނަމަވެސް، ނަތަންޔާހޫގެ މަކަރުވެރި ސިޔާސީ ކުޅިގަނޑާއި، އެމެރިކާފަދަ ނުފޫޒުގަދަ ބައިވެރިންގެ މަދަދާއެކު އޭނާގެ އެންމެ ފިޔަވަޅެއް ފަހަތަށް ޖައްސާލަން ކެރޭ މީހަކު ނެތޭ ދެންނެވިދާނެއެވެ. މި ކުޅިގަނޑުގެ އެކި ދަންތުރތަކުގައި އެއްއިރެއްގައި ހަރުތުރުންގެ ގޮތުގައި ތިބި ޤައުމުތައް ޖައްސާ އެ ޤައުމުތަކުގެ ބަލިފައިގައި ހިފާ މިތުރެއް ފަދައިން އަތް ޖޯޑުކުރަން ވަނީ މަޖުބޫރު ކުރުުވާފައެވެ.

ފެށުނީއްސުރެ މުސްލިމުނަށް ކުރީ ނަފުރަތު

21 އޮކްޓޯބަރ 1949ގައި އުފަންވި ބެންޖަމިން ޔަތަންޔާހޫއަކީ އެ ޤައުމުގައި ބޮޑުވަޒީރުކަން ކުރި މީހުންގެ ތެރެއިން 1948ގައި އިސްރާއީލް ދައުލަތެއްގެ ގޮތުގައި އުފެދުނުފަހުން އުފަންވި ހަމައެކަނި މީހާއެވެ. ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ޤުދުސްގައި ދިރިއުޅުމަށްފަހު އެމެރިކާގައި މަތީތަޢުލީމު ފުރިހަމަކޮށް އަނބުރާ އިސްރއީލްއަށް އެނބުރިއައިސްފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއާއި ގުޅޭށެވެ.

އަސްކަރިއްޔާއަށް ވަނީ ވެރިންގެ ރުހުން ހޯދާ ލީޑަޝިޕަށް އަމާޒުހިފައިގެން

އަސްކަރިއްޔާގެ ތެރެއިން ފަލަސްތީނާއި ދެކޮޅަށް ކުރި އެކި ހަނގުރާމަތަކާއި އިސްތުއުމާރީ އެކި ޖަރީމާތަކުގައި ނަތަންޔާހޫ ވަނީ އޭނާގެ ނަފުރަތު ފަލަސްތީނަށް އޭރުވެސް އުތުރިއަރަމުންދިޔަކަން ވެރިންނަށް ދައްކާފައެވެ. ޖޫން 5ން 10ށް ފަލަސްތީނުގެ ދިފާޢުގައި އޭރު ނިކުތް ސޫރިޔާ، މިޞްރު އަދި އުރުދުންއާއެކު ކުރި 6 ދުވަހުގެ ކުރު ހަނގުރާމައިގައި ޖާސޫސީ މަޢުލޫމާތު ހޯދުމަށް ގެންގުޅުނު އެކުޅުތަކާއެކު އަސްކަރީންގެ މަޤުބޫލު އަދި ސިޔާސީ ޓޫލްއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މީހެއްގެ ގޮތުގައި ފާޅުވިއެވެ. މިއާއެކު މި ހަނގުރާމަ ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިސްރާއީލްގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސެސްގެ ވެރިޔަކަށް އޭނާ އަޔަންކުރުމުން އެނގިގެންދެއެވެ. އޭނާގެ ފަލަސްތީނާއި ދެކޮޅު ފަލްސަފާ ފެށިގެން ދިޔައީ އެހިސާބުންކަމަށް ބުނެވިދާނެއެވެ. ސްޕެޝަލް ފޯސަސްގެ ވެރިއެއްގެ ގޮތުން 1968ގައި ހިންގި އޮޕަރޭޝަން ގިފްޓް، އަދި1972ގައި ހިންގި އޮޕަރޭޝަން އައިސޮޓޯޕްގައި އިސްރާއިލަށް ބޭނުންވި ޖާސޫސީ ގިނަ މަޢުލޫމާތުތަކެއް ހޯދިއެވެ.

މި މަޤާމުގައި ހުރެ ސުއެސް ކެނެލްގައި ހިންގި ރެއިޑެއްގައި ހޯދި ކާމިޔާބީއާއެކު ސޫރިޔާގައި އަސްކަރީ ބޮޑެތި ޖަރީމާތައް ހިންގުމުގެ ވެރިއަކަށް ވެސް ނަތަންޔާހޫ ކަނޑައެޅިއެވެ. އަސްކަރިއްޔާއިން ރަސްމީ ޢިއްޒަތުގައި ވަކިވުމަށްފަހު އިތުރު ތަޢުލީމް ހާސިލުކުރުމަށް އެމެރިކާއަށް ދިއުމަށްފަހު އެނބުރި އަނެއްކާވެސް ޤައުމަށް އައިސްފައިވަނީ 1978އަހަރުއެވެ.

އިސްރާއީލް ސަރުކާރުން ބޭނުންވި ގޮތަށް ކުލަޖެހިގެން ނަތަންޔާހޫ ޤައުމަށް އައިސް އިންސާނީ ހައްޤުތަކުގެ ވާހަކަދައްކަން ފެށިއެވެ. ނަތަންޔާހޫގެ ބޭބެ ޔޮނަޓަން ޔަތަންޔާހޫ ޖާސޫސީ އޮޕަރޭޝަންއަށް ގޮސް އުޅެނިކޮށް މަރާލެވުމުން އެދުވަހު ނަތަންޔާހޫ ވަނީ ޓެރަރިޒަމާއި ދެކޮޅަށް އިދާރާއެއްވެސް ޤައިމުކޮށްފައެވެ. ބޭނުމަކީ ބައިނަލްއަޤްވާމީ ސަމާލުކަން ހޯދުމެވެ. އޭރުވެސް އަމާޒުހުރީ ވެރިއަކަށް ވުމަށެވެ.  އެހެނަސް އެއީ ދަޅައެއްކަން މިއަދު މިވަނީ ހާމަވެފައެވެ. މިއަދު ކުށެއް ނެތް މަޢުސޫމް އެތައް ފަލަސްތީނު ރައްޔިތުންގެ ލޭ އޮހޮރުވުމުންދާއިރު އިންސާނީ ހައްޤު ނުވެސް ދަންނަކަހަލައެވެ. ބައިނަލްއަޤްވާމީ މުއާހަދާތައް ހަދަހަދާފައި މުގުރަމުންދާއިރު، އޭނާއަކީ އިސްރާއީލުން ފަލަސްތީނަށް ކަނޑައެޅި ދާއިމީ މަންދޫބުކަންވެސް ކުރި މީހެއްކަން ޤަބޫލުކުރަން ދައްޗެވެ.

ވެރިކަން ލިބުނު، އެކަމަކު ތާއީދެއް ނުހިފެހެއްޓުނު

ކޮންމެއަކަސް އދގެ މަންދޫބަކަށްވެ އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އދގައި ހުރި ދުވަސްވަރު ސިޔާސީ ގިނަ ގުޅުންތަކެއް އެތެރެއިންނާއި ބޭރުން ފައްކާކުރަމުންދިޔައެވެ. ނަތީޖާއަކަށްވީ އދގެ ދައުރު ނިންމާ އިސްރާއީލަށް އައުމާއެކު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ދިނެމެވެ. މި ގޮނޑިއަކީ ތަބަކަކަށްލާފަ ދިން ގޮނޑިއެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރާއިރު، މި ގޮނޑިއާއެކު ނަތަންޔާހޫ ނިސްބަތްވާ ލިކޫޑް ޕާޓީގެ ޗެއާމަންކަންވެސް ދިނެވެ. މިހިސާބަށް ދިޔައިރު ނަތަންޔާހޫ މާކަނޑަށް ނިކުމެ އިސްރާއީލުގެ ޕްރޮޕެގެންޑާ ލީޑްކުރަން ފައްކާވީކަމަށް ޕާޓީގެތެރެއިން ޤަބޫލު ކުރެވުމުން 47 އަހަރުގެ ނަތަންޔާހޫ ބޮޑުވަޒީރުކަމަށް ކުރިމަތިލިއެވެ.

އަލަށް ނިކުތް ކެންޑިޑޭޓަކަށްވުމާއި، އޭރު އިސްރާއީލުގެ ސަރުކާރަށް އޮތް ތާއީދު ފަނޑުވަމުން ދިޔުމުން އެންމެ އިންސައްތައެއްގެ ފަރަޤާއެކު ނަތަންޔާހޫ އިންތިޚާބުން ކުރިހޯދިއެވެ. މި ވޯޓަކީ ބާތިލު ވޯޓުގިނަ ވޯޓެއްކަމުން ވޯޓުގެ ސައްޙަކަމާއި ގުޅޭގޮތުންވެސް ގިނަ ސުވާލުތަކެއް އުފެދުނެވެ. ކޮންމެއަކަސް ނަތަންޔާހޫގެ އަމާޒަށް ވާސިލުވުމުން ނަތަންޔާހޫގެ އަސްލު ކުލަ ފާޅުވިއެވެ. އެހެނަސް ރައްޔިތުންގެ މެދުގައި މާކަބޮޑު މަޤުބޫލުކަމެއް އަދި އިދިކޮޅުގެ މައްޗަށް އޮތް ބާރު އޭރު ކުޑަވުމުން ޔަތަންޔާހޫއަށް އެފަހަރު ވެރިކަމުގައި ހުރެވުނީ އެންމެ 3 އަހަރެވެ. މި ކުރު ދައުރުގައިވެސް ޔަތަންޔާހޫގެ އޯޑަރަށް ސޫރިޔާއާއި ފަލަސްތީނުގައި ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފު ޖަރީމާތައް ފެށިއެވެ. ސޫރިއާގެ ބާރު ކެނޑި ދާޚިލީ ހަނގުރާމައިގެ ތުންފަތްމަތީގައިވި އެދުވަސްވަރު ޔަތަންޔާހޫ މިކަމުގެ ނާޖާއިޒް ފައިދާވެސް ނަގާ އިސްތިއުމާރީ ގިނަ އޮޕަރޭޝަންތައް ހިންގިއެވެ.

ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ލިކޫޑް ޕާޓީވެރިކަމަށް އައުމުން ބޮޑު ވަޒީރުގެ ސީޓަށް ދިއުމުގެ ކުރިން ކުރީގެ ދިމާވިފަދަ ޙާލަތެއް ދިމާވިޔަ ނުދިނުމަށް ރައްޔިތުންގެ ތެރޭގައި މަޤުބޫލުކަން ހޯދުމަށް މަސައްކަތް ފެށިއެވެ. އައު ސަރުކާރުގެ ޚާރިޖީ ވަޒީރުކަމާއި ފިނޭންސް މިނިސްޓަރުކުމުގައި ޤައުމަށް ކުރިއެރުންތައް ހޯދުމުގައި ލިބުނު ކާމިޔާބީއާއެކު ރައްޔިތުންގެ ރުހުން އޭނާއަށް ލިބުނެއެވެ. ސަރުކާރުގައި ހުރެ ސަރުކާރުތެރެ ގަޑުބަޑުކޮށްލާ ވެރިކަމުގައި އޭރު ހުރި ބޮޑުވަޒީރު އިސްތުއުފާދިނުމަށް މަޖުބޫރުކުރީ މިއަދު ސިޔާސީ ކުޅިގަނޑަކަށް މަޝްހޫރު ޔަތަންޔާހޫގެ ސިޔާސީީ ގޭމްޕްލޭންގެ ދަށުންނެވެ.

ވެރިކަމަށް އަލުން އައީ ފައިބަން ނެޖެހޭނެގޮތަށް ގިނަ ޕްލޭންތަކެއް ހަދައިގެން

2005ގައި ވެރިކަން ލިބި ވެރިކަމުން ދެން ފައިބަން ނުޖެހޭނެކަން ކަށަވަރުކުރިއެވެ. 2009ގައި ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިކޫޑަށް ނުލިބުނަސް ކަނާތު ފިޔާގެ ހުރިހާ ޕާޓީއެއްގެ ކޯލިޝަނެއް އުފައްދާ ވެރިކަން ކަށަވަރުކުރީ ޔަތަންޔާހޫއެވެ. މި ފޯމިއުލާ 2013 އަދި 2015ގެ އިންތިޚާބުގައި މަސައްކަތް ކުރިއެވެ. އެހެންކަމުން 10 ވަރަކަށް އަހަރު ސިޔާސީ މާބޮޑު ވާދަވެެރިއަކާ ނުލާ ޔަތަންޔާހޫ ވަނީ ހިތުހުރިގޮތަކަށް ނިންމުންތައް ނިންމާފައެވެ. މި ދުވަސްވަރު އެމެރިކާގެ ވެރިކަމަށް ނަތަންޔާހޫއާއި އެއްއްކަހަލަ ވިސްނުމެއް ގެންގުޅުނު ޑޮނަލްޑް ޓްރަމްޕް ހޮވުމުން މި ދެ ވެރިން ގުޅިގެން މެދުއިރުމަތީގެ މަސްރަޙަށް ގެނައީ ދުވަހަކުވެސް ލަފާނުކުރާ ފަދަ ބޮޑެތި ބަދަލުތަކެކެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި މިދުވަސްވަރު ދާޚިލީ ހަނގުރާމަތައް ހިނގަމުން ދިޔުމުން މި ދަނޑިވަޅުގެ ފައިދާ ނަގާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ މަސައްކަތް ހަލުވިކުރީ ފަނާކުރަނިވި އެތައް ވަސީލަތްތަކާއެކުއެވެ.

މިހާތަނަށް ދިޔައިރު ނަތަންޔާހޫގެ ބާރު އޮތީ ވަރަށް ގަދަކޮށެވެ. ޤައުމުތަކުން ފުލުފުލުގައި އިސްރާއިލާއެކު ސިޔާސީ ގުޅުން ޤާއިމުކޮށް ފަލަސްތީނުގެ ދިފާއުގައި ގޮވަމުން ދިޔަ ގޮވުމުގެ އަޑު ކެނޑިގެން ދިޔައެވެ. ލާއިންސާނީ އަމަލުތައް ގިނަވެ ކޮރަޕްޝަންގެ ތުމަތުތައްވެސް އުތުރިއަރަނީއޭ ދެންނެވިދާނެއެވެ. މިއަދު ނަތަންޔާހޫ ޤަބޫލުކުރާ ޤާނޫނެއް ނެތެވެ. ހާޒިރުކުރާނެ ކޯޓެއް ޖަވާބުދާރީކުރުވޭ ވަރުގެ ޖަމިއްޔާއެއް ނެތެވެ.

ކުރީގެ އިންޚާބުތަކާއި ޚިލާފަށް 2019ގެ އިންތިޚާބު ނާކާމިޔާބުވިޔަސް، އަދިވެސް އެހެރަ ފެންނަނީ ވެރިކަމުގައި ހުރިތަނެވެ. ވެރިކަމުން ފައިބަން ނުވިސްނާތާގައި މިކަމުގެ ބިރެއް ހީވާއިރަށް ފަލަސްތީނަށް ހަމަލާދީ ހަނގުރާމައިގެ މައިދާނަށް ނުކުމެއުޅެނީއޭވެސް ބައެއް މީހުން ވަނީ ބުނެފައެވެ. ކޮންމެއަކަސް ސިޔާސީ އެކި ޗަރުކޭސް ނަތަންޔާހޫގެ މިވެރިކަންތަކުން ވަނީ އަޅުގަނޑުމެންނަށް ދައްކާދީފައެވެ. ޤައުމުގެ އެތެރެއާއި ބޭރުންނެވެ. ޕާޓީގެ މަތިން ފެށިގެން ތިރިއަށެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ މިހާރު މި ފެންނަނީ ދުރު ރާސްތާގައި އަމާޒުހިފި ސިޔާސީ ކުޅިގަނޑުން ދުނިޔެ ބަނދެވި ނުކުޅެދިފައިވާ މަންޒަރެވެ.

- ކޮމެންޓް