މެދުރާއްޖެތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އައިލެންޑާސް ފުޓްސަލް ޗެލެންޖް މި އަހަރުވެސް ނުބޭއްވޭނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ޓީއެފްއެމް ސްޕޯޓްސް ކުލަބުން ބުނެފިއެވެ.
މި މުބާރާތަކީ މީގެ ކުރިން ކޮންމެ އަހަރަކުވެސް މ. ދިއްގަރުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައެއް ނުވެއެވެ. އަދި މި އަހަރުގެ މުބާރާތް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބާއްވަން ޓީއެފްއެމް ސްޕޯޓްސް ކުލަބުން މީގެ ކުރިން ތާވަލުކުރި ނަމަވެސް، ކޮވިޑާ ގުޅިގެން މި އަހަރުގެ މުބާރާތްވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.
އަންގާރަ ދުވަހު ޓީއެފްއެމް ސްޕޯޓްސް ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ރާއްޖޭގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މި އަހަރު ބޭއްވުމަށް މީގެ ކުރިން އިއުލާންކޮށްފައިވާ އައިލެންޑާސް ފުޓްސަލް ޗެލެންޖް ކުރިއަށްގެންދިއުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ފެންނާތީ، މި މުބާރާތް މި އަހަރު ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ކޮންމެ އަހަރަކުވެސް ދިއްގަރުގައި ބާއްވާ މި މުބާރާތުގައި މ. އަތޮޅުގެ ގިނަ ރަށްތަކެއްގެ ޓީމުތައް އަންނަނީ ވާދަކުރަމުންނެވެ. އެންމެ ފަހުން މި މުބާރާތް 2019 ވަނަ އަހަރު ބޭއްވިއިރު، އެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ވާދަކޮށްފައެވެ. އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޑީސީޖޭ ސްޕޯޓްސް ކުލަބުންނެވެ. ޑީސީޖޭ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި އެފްއޯޑީއާ ވާދަކޮށް 4-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.