ކ. މާލެ
|
18 މެއި 2021 | އަންގާރަ 11:32
ކަސްޓަމްސް
ކަސްޓަމްސް
ރާއްޖެ އެމްވީ
ކަސްޓަމްސްގެ ތަފާސްހިސާބު
އޭޕްރީލް މަހު ރާއްޖެއަށް ތިން ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި
އެކްސްޕޯޓު ކުރެވުނު މުދަލުގެ އަގު ވަނީ 27 އިންސައްތަ ދަށްވެފައި
ރޮޔަލްޓީގެ ގޮތުގައި ހުސްވި އޭޕްރީލް މަހު 4 މިލިއަން ރުފިޔާ ލިބިފައިވޭ
ފާއިތުވި އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅައި ބަލާއިރު 101 އިންސައްތަ ވަނީ އިތުރުވެފައި

ހުސްވި އޭޕްރީލްމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅައި ބަލާއިރު 67 އިންސައްތަ އިތުރު ވެފައި ވާކަމަށް ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެން ނަމަވެސް މި އަހަރުގެ އޭޕްރީލް މަހު މި އަދަދު 3 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން, ފާއިތުވި އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅައި ބަލާއިރު 101 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު 129 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވާއިރު, މިދިޔަ އޭޕްރީލް މަހު އެ އަދަދު ވަނީ 261 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ހަމަ އެހެންމެ ރޮޔަލްޓީގެ ގޮތުގައި ހުސްވި އޭޕްރީލް މަހު 4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅައި ބަލާއިރު އެކްސްޕޯޓު ކުރެވުނު މުދަލުގެ އަގު ވަނީ 27 އިންސައްތަ ދަށްވެފައެވެ. އެގޮތުން ބަލާއިރު, މިދިޔަ އަހަރުގެ އޭޕްރީލް މަހު 237 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު, މިއަހަރު އެ އަދަދު ހުރީ 174 މިލިއަންގައެވެ.

އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމު ތަކަކީ, ޔޫ.އޭ.އީ, އިންޑިއާ އަދި އޮމާން އެވެ. އެގޮތުން ޔޫ.އޭ.އީ އިން 444 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި އިންޑިއާއިން 411 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު, އޮމާން އިން އެތެރެކޮށްފައިވަނީ 370 މިލިއަން ރުފިޔާގެ މުދަލެވެ. މީގެ އިތުރުން, ސިންގަޕޫރާއި ޗައިނާއިން ވެސް ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކޮށްފައި ވެއެވެ.

މިދިޔަ އޭޕްރީލް މަހު, އަގުގެ ގޮތުން ބަލާއިރު އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރެވިފައި ވަނީ ތައިލޭންޑަށެވެ. އެއީ މުދަލުގެ 56 އިންސައްތައެވެ. އެއަށްފަހު އެންމެ ގިނައިން އެކްސްޕޯޓް ކުރެވުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ, އިނގިރޭސިވިލާތް, އެމެރިކާ އަދި ޖަރުމަނުވިލާތެވެ.

އޭޕްރީލް މަހު ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން އަށް ބަލާއިރު, މިދިޔަ އަހަރު އަދަދު ހުރީ 4465 ގައެވެ. މި އަހަރު އެ އަދަދު ވަނީ 16,476ށް އިތުރު ވެފައެވެ.

ކްލިއަރެންސް ދެވުނު އުޅަނދުތަކުގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭން ބޭރުން އައިސްފައިވާ 62 އުޅަނދަކަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކްލިއަރެންސް ދީފައި ވެއެވެ. މި އަހަރު އެ އަދަދު ހުރީ 115ގައެވެ. ހަމައެއާއެކު, ރާއްޖެއިން ފުރާފައިވާ 84 އުޅަނދަކަށް މިދިޔަ އަހަރު ކްލިއަރެންސް ދީފައި ވާއިރު މި އަހަރުގެ އޭޕްރީލް މަހު 132 އުޅަނދަކަށް ކްލިއަރެންސް ދީފައި ވެއެވެ.

- ކޮމެންޓް