ކ. މާލެ
|
18 މެއި 2021 | އަންގާރަ 06:49
ގާޒާގެ ކުޑަކުދިންތަކެއް- އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ދަނީ ޝަހީދު ކުރަމުން
ގާޒާގެ ކުޑަކުދިންތަކެއް- އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ދަނީ ޝަހީދު ކުރަމުން
-
އިޒްރޭލުގެ އުދުވާން
އިޒްރޭލުގެ ޙަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު 61ށް
ހޯމަ ދުވަހުގެ ނިޔަލަށް 212 މީހަކު ޝަހީދުވެފައިވޭ
އޭގެ ތެރޭގައި 61 ކުޑަކުދިންވެސް ހިމެނޭ
އިޒްރޭލުން ދަނީ ތަކުރާރުކޮށް ޙަމަލާތައް ދިފާއުކުރަމުން

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ދެމުން ގެންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 212ށް އަރައިފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް 212 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 61 ކުޑަކުދިންވެސް ހިމެނެއެވެ. ނަމަވެސް އިޒްރޭލުން ގެންދަނީ އެ ޤައުމުން އާންމުންނަށް އަމާޒުކޮށް އެއްވެސް ޙަމަލާއެއް ދީފައި ނުވާނެ ކަމަށާއި، އާންމުން ޝަހީދުކޮށްލެވިފައި ވަނީ އޮޅުމަކުން ކަމަށް ބުނެ، ތަކުރާރުކޮށް ޙަމަލާތައް ދިފާއުކުރަމުންނެވެ. ހޯމަ ދުވަހުވެސް އިޒްރޭލުން ގާޒާއަށް އަމާޒުކޮށް ޙަމަލާތައް ދީފައިވާއިރު، އިޒްރޭލުން ހޯމަ ދުވަހު ފަތިހު ދިން ޙަމަލާއަކީ މިފަހުން ގާޒާއަށް ދިން އެންމެ ވަރުގަދަ އެއް ޙަމަލާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޯމަ ދުވަހުގެ ފަތިހު ދިން މި ޙަމަލާތަކުގައި އެކަނިވެސް 40ށް ވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާއިރު، ފަލަސްތީނުގެ ގާޒާއަށް މި ދިން ވަރުގަދަ ޙަމަލާގައި، 10 މިނެޓުވަންދެން މުޅި ސިޓީ ގުގުމާލާފައި އޮތީ ބޮމުގެ އަޑުފައްގަނޑުން ކަމަށް އެތަނުގައި ތިބި ބޭރުގެ ނޫސްވެރިން ރިޕޯޓު ކުރެއެވެ.

މި ޙަމަލާތަކުގެ މައުލޫމާތު ދުނިޔެއަށް ފޯރުކޮށްދިނުމަށްވެސް މިވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެގޮތުން މި ހަފްތާ ތެރޭގައި އިޒްރޭލުން ވަނީ ގާޒާގައި ހުރި ބައިނަލްއަޤުވާމީ މީޑިއާތައް އޮޕަރޭޓް ކުރާ ޓަވަރެއް ބިމާ ހަމަކޮށްލާފައެވެ. އަލް ޖަޒީރާ، އެސޯސިއޭޓެޑް ޕްރެސް ކަހަލަ ބޮޑެތި ނޫސް އޭޖެންސީތައް ހިންގާ މި އިމާރާތައް ދިން ޙަމަލާއަކީ އިޒްރޭލުގެ އުދުވާނުތަކުގެ މައުލޫމާތު ބަޔަކަށް އެނގިދާނެތީ އެކަން ހުއްޓުވުމަށް ކުރި ކަމެއްކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އޭގެ ދެ ދުވަހެއް ކުރިން ފަލަސްތީނުގައި އޮޕަރޭޓް ކުރާ ތުރުކީގެ ނޫސް އޭޖެންސީއަކަށްވެސް އިޒްރޭލުން ޙަމަލާދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް