ކ. މާލެ
|
17 މެއި 2021 | ހޯމަ 01:15
ރައީސް ނަޝީދަށް އަމާޒުކޮށް އެކި ފަހަރުމަތިން ހަމަލާ ދީފައިވޭ
ރައީސް ނަޝީދަށް އަމާޒުކޮށް އެކި ފަހަރުމަތިން ހަމަލާ ދީފައިވޭ
ރާއްޖެއެމްވީ
ރައީސް ނަޝިދުގެ ހަޔާތް
ރައީސް ނަޝީދުގެ ހަޔާާތުގެ ކޮޅިގަނޑުތައް، ހަމަލާތަކާއި އަނިޔާގެ ވާހަކަ
 
އަލުން ޖަލަށް ގެންދިޔައަސް ހެޔޮކަމަށް މާލެ ވަޑައިގެންނެވީ 2005ވަނަ އަހަރު
 
2004 ވަނަ އަހަރު ލަންކާގައިވެސް އެމަނިކުފާނަށް އަމާޒުކޮށް ހަމަލާއެއް ދީފައިވޭ
 
އަނިޔާވެރިކަމާ ދެކޮޅަށް އަބަދުވެސް ގެންދަވަނީ އަޑު އުފުއްލަވަމުން

"ރީތި ހަނދެކޭ ނުބުނެވޭނެހޭ، އޭ ގަދަރު ފަނޑުވެގެން ދާނެހޭ، މަރުވެގެން ރޫހު ދާ ހާލުގައިވެސް، ފެނުން ބޭނުން ނުވެދާނެއޭ"މިއީ ދިވެހިން އެންމެ ދަންނަ ލަވަކިޔުންތެރިޔާ އަބްދުﷲ ހަސަން ނުވަތަ ހޮޅުދޫ އަބްދުﷲ ކިޔުއްވާފައިވާ ލަވަޔެއްގެ ފެށުމެވެ. ޝަރަހައަކީ އިންސާނާގެ ރޫހު މަރުވެގެންދާ ވަގުތުވެސް އެރޫހަށް އައުދިރުމެއް ގެނައުމަށްޓަކައި އަރައިފައި ހުންނަ ފުރިހަމަ ހަނދުވެސް ދެކިލަން ބޭނުންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހިންނަށް ފެނުނީ ރާއްޖެ ޑިމޮކްރަސީއަށް ފޮރޮޅާލުމުގައި އާދަޔާ ޚިލާފު ހިތްވަރެއް ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ. އެ މަސައްކަތް ހުއްޓުވައިލުމަށް އެމަނިކުފާނު ބަންދުކުރުމާއި، އަރުވައިލުމާއި، މަގާމުތަކުން ވަކިކުރުމާއި، މިހެންގޮސް ލައްކަ ގިނަކަންކަން ކޮށްފައިވެއެވެ. ރައްޔިތުންގެ ކުރިމަތިން އެމަނިކުފާނު ގެއްލުވާލާ ކޮންމެފަހަރަކު ދިވެހިން އެދިފައިވަނީ އަލުން އެނބުރިވަޑައިގެން ދިވެހިރާއްޖެ ބަދަލުކުރުމުގެ މަސައްކަތުގައި ދެމިހުންނެވުމަށެވެ.

މިއަދަކީ އެމަނިކުފާނުގެ 54 ވަނަ އުފަންދުވަހެވެ.

ރާއްޖޭގައި 1978ން ފެށިގެން ހިންގަމުން އައި ވެރިކަމުގައި އޮތް އަނިޔާވެރިކަމަށާއި، ހިންގަމުން ދިޔަ އެނޫންވެސް ކަންކަމަށް ފާޅުގައި ފާޑުވިދާޅުވާން ނަޝީދު ފެއްޓެވިކަން ރައްޔިތުންނަށް ހާމަވެގެންދިޔައީ 1989 ގައި އޭރު ސަރުކާރުން ބާއްވަމުން ގެންދިޔަ ނިއުސް ކޮންފަރެންސްތަކަށް ސަންގު ނޫހުގެ ނޫސްވެރިޔެއްގެ ހައިސިއްޔަތުން ވަޑައިގެން ކުރައްވަން ފެއްޓެވި ސުވާލުތަކުންނެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްދުވަހަކީ އޭރު އެފްޕީއައިޑީގެ ވެރިޔެއްގެ ހައިސިއްޔަތުން ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމާއި ކުރިމަތި ކުރެއްވި ސުވާލުތަކެވެ. އެދުވަހުގެ ސުވާލުތައް ބިނާކުރައްވައިފައި ވަނީ އެފްޕީއައިޑީގެ ބޮޑު ޚިޔާނާތުގެ މައްޗަށެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެދުވަހުގެ ނިއުސް ކޮންފަރެންސަށް ފަހު ނަޝީދު ހައްޔަރުކުރުމަށް ސަރުކާރުން ނިންމި ނަމަވެސް އެކަން ކާމިޔާބު ނުވުމުގެ އަސްލަކީ ކުރީގެ ވަޒީރު އުމަރު ޒާހިރެވެ. ނިއުސް ކޮންފަރެންސް ނިމުމާއެކު ނަޝީދާ ބައްދަލު ކުރައްވަން އުމަރު ޒާހިރު އެދިވަޑައިގަތުމަކީ ސަބަބެއް ކަމަށް އެނގިފައިވެއެވެ. ހަފުތާ މަޖައްލާއެއްގެ ގޮތުގައި އޭރު އޮތް 'ސަންގު' ނޫހުގެ މާގިނަ އަދަދުތަކެއް ޗާޕްކޮށްގެން ނެރެވޭ ގޮތެއް ނުވިއެވެ. ސަރުކާރުން އަޅަމުން އައި ފިޔަވަޅުތަކާއި ބިރުދެއްކުމުގެ އަމަލުތަކުގެ އެންމެ ފަހުގެ ނިންމުމަކީ ނޫސް އުވާލުމެވެ. އަދި މުހައްމަދު ނަޝީދަށް ޖަލުގެ އަނިޔާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ. ޒިންމާ ވާނެ މީހަކު ނެތި، އިސްޓާޓުކޮށްފައި ހުރި ޖަނަރޭޓަރަކާ އެއްކޮށް ހިލިހިލާޖެހުމާއި، ޓިނު ގޮޅީގައި ބޭއްވުމާއި، މިހެންގޮސް އެދުވަސްވަރު ދިން އަނިޔާގެ ވާހަކަ ލިޔެ ހުސްވުމެއް ނެތެވެ. އަހަރުތަކެއް ވަންދެން އެ އަނިޔާގައި އުޅުއްވަން ޖެހިވަޑައިގަތެވެ.

އަނިޔާތަކަށް ފަހު ލިބިވަޑައިގެންނެވި ފުރުސަތެއްގައި 15 ވަނަ ރައްޔިތުންގެ މަޖިލީހަށް 2000 ވަނަ އަހަރު މާލޭގެ މެމްބަރެއްގެ ގޮތުގައި އިންތިޚާބުވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނާ ވާދަކުރެއްވީ އޭރު އާރާއިބާރުގައި ތިއްބެވި ދައުލަތުގެ ވަޒީރުންނެވެ. މާލޭގެ ދެ ގޮނޑިން އެއް ގޮނޑިއަށް އިލްޔާސް އިބްރާހިމް 10،000 ވޯޓާއެކު އިންތިޚާބުވެ ވަޑައިގެންނެވިއިރު، ޖެހިގެން އިން މާލޭގެ އަނެއް ގޮނޑިއަށް 6000 ވުރެ ގިނަ ވޯޓާއެކު އިންތިޚާބުވެ ވަޑައިގަތީ މުހައްމަދު ނަޝީދެވެ. 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން މިފަހަރު ސަރުކާރުން ކުރިކަމަކީ ވެލާނާގެ ރޫޅާލައި ތަޅާލުމަށް ތައްޔާރުވަމުންދިޔަ އިރު އެތަނަށް އެއްލާލައިފައި އޮތް ތަޅުދަނޑިފައްޗެއް ނެންގެވި ކަމަށް ބުނާ މައްސަލައެއް ފެންމަތި ކުރުމެވެ. ބަންދާއި އަނިޔާގެ އައު ބާބެއް އަލުން ފެށި އެ ބާބަށްވެސް މެދުކެނޑުމެއް އައިސްފައި ވަނިކޮށް ޖަލުގައި ތަޅައި އަނިޔާކޮށް 2003 ވަނަ އަހަރު އީވާން ނަސީމް މަރާލުމާއެކު އެމަނިކުފާނު ރާއްޖެވެސް ދޫކުރައްވައި ސްރީލަންކާއަށް ފުރާވަޑައިގަތީއެވެ.

ރައީސް ނަޝީދާއެކު ލަންކާއަށް އަމިއްލައަށް އަރުވާލެއްވިގެން ތިއްބެވި މަދު ބޭފުޅުންކޮޅެއް ގުޅިވަޑައިގެން ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފައްދަވައި އަދި އެޕާޓީއަކީ އަރުވާލެވިފައިވާ ޝަޚުސެއް ކަމަށް އިއުލާން ކުރުމާއެކު މިކަންވެސް ހުއްޓުވުމަށް ސަރުކާރު އަޑީގައި އޮވެގެން ކިތަންމެ ކަމެއް ކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެތައް ހާދިސާއެއް ކުރިމަތިވެގެން ގޮސްފައިވެއެވެ.

އޭގެ ތެރެއިން އެއްހާދިސާއަކީ 2004 ވަނަ އަހަރު ސްރީލަންކާގައި މުހައްމަދު ނަޝީދު ދަތުރުކުރެއްވި ކާރަކަށް އެހެން ވެހިކަލެއް ގަސްތުގައި މުޑިއަރުވައި އެމަނިކުފާނުގެ ފުރާނަފުޅު ގެއްލުވައިލުމަށް ހަމަލާއެއް ދިނުމެވެ. އެ ހަމަލާއިން ސަލާމަތްވެވަޑައިގަތީ މަގުން ކައްސާލުމާއެކު ކާރުން ފައިބައިވަޑައިގެން އެންމެ ކައިރިން ޖެހުނު ގޭގެ ފާރުމަތިން އެތެރެއަށް ފުންމާލައްވައިގެންނެވެ. އޭގެ ފަހުން ނަޝީދާއި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ސްރީލަންކާވެސް ދޫކުރައްވައި އިނގިރޭސިވިލާތަށް ވަޑައިގެން ރާއްޖެ އިސްލާހު ކުރުމަށް ކުރައްވަންޖެހޭ މަސައްކަތް ދެން ކުރެއްވީ އެތަނުގައި ތިއްބަވައިގެންނެވެ.

އިނގިރޭސިވިލާތުގައި ތިއްބެވި ތިއްބެވުމުގައި އެމްޑީޕީގެ ލަންޑަނުގެ އޮފީސް ގާއިމްކުރުމުގެ އިތުރުން މާލޭގައި އޮތް ސުލްހަވެރި ބޮޑުއެއްވުމެއް ކަމަށްވާ 2004 އޮގަސްޓް 12، 13 ގެ އެއްވުން ރޫޅާލައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އެތައް މެމްބަރުންނަކާއި، އާންމުންގެ އެތައްބަޔަކު އަނިޔާވެރިކޮށް ސަރުކާރުން ހައްޔަރުކުރުމުން އެކަމުގެ މައުލޫމާތު މުޅި ދުނިޔެއަށް އާއްމުކުރެއްވިއެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ކުރިމަތި ވެގެންދިޔަ ފިއްތުންތައް ނުހަނު ބޮޑެވެ.

އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު އޭރު ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާރސަން މުހައްމަދު ނަޝީދު އަލުން އެނބުރި މާލެ ވަޑައިގަތީ 30 އެޕްރީލް 2005 ގައެވެ. އޭރު ރައީސް މައުމޫނުގެ ވެރިކަން އޮތީ އިސްލާހީ އޮއިވަރަށް ދޫކޮށްލައިފައެވެ. ނަޝީދު ހައްޔަރުކޮށް އަލުން ޖަލަށް ގެންދެވިޔަސް ހެޔޮކަމަށް އެމަނިކުފާނު މާލެ ވަޑައިގެންނެވީ އިސްލާހީ ހަރަކާތްތައް އަލުން ބާރަށް މާލޭގައި ފައްޓަވައި މައުނަވީ ސިޔާސީ ހަރަކާތްތައް ހިންގެވުމަށެވެ.

ސިޔާސީ ހަރަކާތްތައް މާލޭގައި ބާރަށް ކުރިޔަށް ގެންދަވަނިކޮށް ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްގެން ހިންގުމަށް މަޖިލީހުން ފާސްކުރަން އޮތް ދުވަހު 2 ޖޫން 2005 ގައި މުހައްމަދު ނަޝީދު ހައްޔަރު ކުރިއެވެ. އަދި މަޖިލީހުން ސިޔާސީ ޕާޓީ ހެދުމަށް ހުއްދަ ދިނުމުން އެބޭފުޅުން އެދުވަހު ދޫވެސް ކޮށްލިއެވެ. އޭގެ ފަހުން 2005 ވަނަ އަހަރު އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި މުހައްމަދު ނަޝީދު އިންނަވަނިކޮށް ހައްޔަރުކޮށްގެން އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލެވުނެވެ. 2006 ވަނަ އަހަރުގެ ފަހުކޮޅާ ޖެހެންދެން އެމަނިކުފާނަށް އުޅުއްވަން ޖެހިވަޑައިގަތީ ހުކުމްތަކާއި، ދައުވާތަކާއި، ގޭބަންދުގެ ކޮޅިގަނޑެއްގެ ދަށުގައެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މުހައްމަދު ނަޝީދު ހުންނަވަނިކޮށް 2012 ވަނަ އަހަރުގެ 7 ފެބްރުއަރީގައި ނުކިޔަމަންތެރި ސިފައިންގެ ބަޔަކާއި، ފުލުހުންގެ ނުކިޔަމަންތެރި ބަޔެއްގެ ބާރުގައި ހިނގައިދިޔަ ކަންކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވައި ގެޔަށް ވަޑައިގަތެވެ. އެމަނިކުފާނު ސިފައިންގެ މައިމަރުކަޒުގައި ހުންނެވި ވަގުތު ސިފައިންގެ މައިގޭޓް ވައްޓާލައި އެމަނިކުފާނު ހަށިކޮޅަށް އަރައިގަތުމަށް ބޭރުގައި ތިބި ކިތަންމެ ބަޔަކު ގޮވަމުން ގޮސްފައިވެއެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ސިފައިންގެ ތެރޭގައި ހުންނަވަނިކޮށް ތަފާތު މަޖުބޫރު ކުރުންތައް ކުރިމަތިވެވަޑައިގަތް ކަމަށް އެމަނިކުފާނު ވެސް ވަނީ ވިދާޅުވެފައެވެ. އަދި މުލިއާގެއިން އެމަނިކުފާނަށް ނިކުމެވަޑައިގެންނެވޭނެ މަގު ފަހިވެގެން ދިޔައީ އެމަނިކުފާނުގެ އާއިލާއާއި، ސިޔާސީގޮތުން އެމްޑީޕީގައި ކުރިޔަށް ތިއްބެވި ބައެއް ބޭފުޅުންނާއި، ދުނިޔޭގެ ގައުމުތަކުން ކުރި މަސައްކަތުންނެވެ.

އޭގެ ފަހުން ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރުން މާލޭގެ މަގުތަކަށް ނިކުމެ ޖުމްހޫރީ މައިދާނާ ދިމާލަށް ދަނިކޮށް އެމްއެމްއޭ ސަރަހައްދުން އެއްވުން ރޫޅާލައި އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދަން ކުރެވުނު މަސައްކަތުގައި 10 ވަރަކަށް ފުލުހުންގެ އަތްދަށުން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ވަރަށް ހަނި ގޮތަކަށެވެ. އެއީ ބިރުވެރި ދުވަހެކެވެ. 7 ފެބްރުއަރީ އާއި 8 ފެބްރުއަރީގައި ހިނގާދިޔަ ކަންކަން ތަހުގީގުކުރި ކުރުމުން އެނގިގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ ކުރިން، އެމަނިކުފާނު އަވަހާރަފުޅުލައްޕަވާ ކޮޓަރީގެ އޭސީއަށް ވިހަ ގޭސް އަޅައިގެން އެމަނިކުފާނު އަވަހާރަކޮށްލުމަށް ވެސް ރޭވުންތަކެއް ރާވާފައި އޮތްކަމެވެ. މިހިރީ ކަންކަން ހިނގައިފައިވާ ގޮތެވެ.

އަހަރުތަކަކަށް ފަހު 6 މެއި 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދެވުނު ނުރައްކާތެރި ހަމަލާ ކުރިމަތިވެވަޑައިގަތީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި މަޖީދީމަގު ކަންމައްޗަށް ވަޑައިގަންނަވަނިކޮށެވެ. ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް އެއްގޮތަކަށްވެސް ލިބިފައިނެތް ކަމަށް ފުލުހުން އެއްބަސްވެއްޖެއެވެ. ޑިފެންސް މިނިސްޓަރަށް މަޖިލީހުގެ މެމްބަރަކު ފޯނުކުރައްވައި އެފަދަ މައުލޫމާތެއް ހިއްސާ ކުރެއްވިކަން އާންމުވެއްޖެއެވެ. ލިބިވަޑައިގެންނެވި ޒަޚަމްތަކާއި، ހާދިސާގެ ނުރައްކަލުގެ މިންވަރު ވަޒަން ކުރެވިއްޖެއެވެ.

އަޅުގަނޑުމެން އެންމެންނާ ދުރުގައި މުޅިން އެހެން ގައުމެއްގެ ހޮސްޕިޓަލުގައި މިވަގުތު އޮންނަވައިގެން ފަރުވާ ހޯއްދަވަމުން ގެންދެވިޔަސް އެމަނިކުފާނުގެ ޚިދުމަތަށް ދިވެހިން ބޭނުންވެފައިވާ މިންވަރު ކުޑަކަމަށް ފާހަގައެއް ނުކުރެވުނެވެ. ހަށިކޮޅުގައި އަޅާ ވޭނާއި އެއްވަރަށް މިގައުމުގެ ގިނަ ރައްޔިތުންގެ ހިތުގައި ވޭން އަޅައިފި ކަހަލައެވެ. ހިތުގައި އަޅާ ވޭނަކީ ލޮލަށް ފެންނަ އެއްޗެއްނޫނެވެ. ކުރެވޭ އިހްސާސެކެވެ.

އެމަނިކުފާނުގެ ދައިތާފުޅު ވިދާޅުވެފައިވަނީ މިހެންނެވެ. "ރައީސް ނަޝީދަށް އެކިފަހަރު އެކިގޮތަށް ދިން ހަމަލާތަކުން އެމަނިކުފާނު ސަލާމަތްކުރެއްވި ގޮތް، އެއީ ﷲގެ ކުޅަދުންވަންތަކަމެވެ." އެހެންކަމުން އަޅުގަނޑު ދެން ލިޔާނެ އިތުރު ވާހަކައެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
6%
9%
24%
3%
0%
59%
ކޮމެންޓް