ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އަށް ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް އިންތިޚާބު ކޮށްފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖޭއެސްސީގައި އިންނަވާ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގަށް ފަނޑިޔާރު ރައޫފް އިންތިޚާބު ކޮށްފައިވަނީ ބުދަ ދުވަހު އެވެ. ހައި ކޯޓުން ވަނީ އެކަން ރާއްޖެއެމްވީ އަށް ކަށަވަރު ވެސް ކޮށްދީފަ އެވެ.
ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ ފަނޑިޔާރު ހޮވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. އިންތިޚާބުގައި ފަނޑިޔާރު ރައޫފްއާ ވާދަކުރެއްވީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ހައިކޯޓުގެ ހަތް ފަނޑިޔާރުންގެ މެދުގައި ނެގި ވޯޓް ރައޫފް ކާމިޔާބު ކުރެއްވީ އެއް ވޯޓުގެ ތަފާތަކުންނެވެ.
އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތިން ވޯޓް ލިބިވަޑައިގެންނެވި އިރު، ރައޫފް އަށް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ.
ފަނޑިޔާރު ރައޫފް ޖޭއެސްސީއަށް އައްޔަންކުރައްވާފައި މިވަނީ ޖޭއެސްސީގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރުގެ ދައުރު ހަމަވެ، އިތުރު ފަނޑިޔާރަކު ކަނޑަނޭޅި ހަތް މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
މީގެ ކުރިން ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރެއްވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ހަމީދުގެ ދައުރު ވަނީ ހަމަވެފައެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ޖޭއެސްސީ އަށް އައްޔަންކުރެއްވީ 7 ސެޕްޓެމްބަރު 2011 ގައެވެ. އަދި ގާނޫނުގައި ބުނާ ފަސް އަހަރުގެ އެއް ދައުރު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހެ އެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނަށް އައްޔަންކުރައްވާ ހައިކޯޓުގެ ފަނޑިޔާރަށް މެންބަރުކަމުގައި ހުންނެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ.
އަބްދުއްރައޫފު އަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލަރ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާރނީޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުކަމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަން ހިމެނެއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ މާޗް 26 ވަނަ ދުވަހުއެވެ.