ކ. މާލެ
|
9 ފެބްރުއަރީ 2021 | އަންގާރަ 20:08
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އަލްޖަޒީރާ
ޓްރަމްޕްގެ އިމްޕީޗްމަންޓް
ޓްރަމްޕް ދެ ވަނަ ފަހަރަށް އިމްޕީޗްކުރުމަށް ބާއްވާ ޓްރެއަލް ޤާނޫނީ އެތައް ސުވާލުތަކަކާއެކު މިއަދު ފަށަނީ
 
ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް އަކީ ޤާނޫނާއި އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއްކަމަށް ވޯޓުން ނިންމިއަސް މިޓްރެއަލް އާއެކު އެހެން ސުވާލުތަކެއް ވަނީ އުފެދިފައި
 
މިޓްރެއަލް އަކީ ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލް އެއް ނޫންކަމަށް ފާސްކޮށްފިނަމަ އެހިސާބުން ޓްރެއަލް މެދުކެނޑިގެންދާނެ
 
ދެވަނަ އިމްޕީޗްމަންޓާއެކު ޓްރަމްޕަށް އެމެރިކާގެ ތާރީޚުގެ ތެރެއިން ގިނަ ނަންނަމުގައި ޖާގަލިބިގެންދޭ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް ބާއްވާ ޓްރެއަލް ސެނެޓްގައި އަންގާރަ ދުވަހު ފެށޭނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުން ޓްރަމްޕަށް ނާކާމިޔާބީއާއި ކުރިމަތިވެ ވަޑައިގެންނެވިކަން ރަސްމީކޮށް ހާމަކުރުމަށް ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގައި އިލެކްޓޯރަލް ކޮލެޖްގެ ވޯޓުގުނުމުގެ ކަންކަން ހިނގަމުންދަނިކޮށް ޓްރަމްޕްގެ ސަޕޯޓަރުން އެތާތެރެއަށް ގަދަކުން ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ޓްރަމްޕް އިމްޕީޗްކުރުމަށް ހައުސްއިން ފާސްކުރީ ވެރިކަމުގައި ހުންނަވަނިކޮށެވެ. ނަމަވެސް އިމްޕީޗްކުރުމުގެ ފަހު މަރުހަލާ ކުރިޔަށް މިދަނީ ވެރިކަމުން ފައިބާ ވަޑައިގެންނެވިފަހުންނެވެ.

ދެވަނަ އިމްޕީޗްމަންޓާއެކު ޓްރަމްޕަށް އެމެރިކާގެ ތާރީޚުގެ ތެރެއިން ގިނަ ނަންނަމުގައި ޖާގަލިބިގެންދެއެވެ. އެގޮތުން ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް މަސައްކަތްކުރާ ފުރަތަމަ ރައީސަށް ޓްރަމްޕްވާއިރު މިއީ އެމެރިކާގެ ތާރީޚުގައިވެސް ރައީސަކު ވެރިކަމުން ފައިބާވަޑައިގަންނަވާފަހުން އިމްޕީޗްމަންޓް ޓްރެއަލް ކުރިޔަށްދާ ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް ކުރިޔަށްދާނެ ގޮތަށް ބަލާއިރު ސެނެޓުން އެންމެ ފުރަތަމަ ފާސްކުރާނީ ޓްރެއަލްގެ ކަންކަން ކުރިޔަށް ގެންދާނެ ރޫލު ނުވަތަ އުސޫލުތަކެވެ. އެއަށްފަހު ހައުސްއިން ކަނޑައަޅާފައިވާ އިމްޕީޗްމަންޓް މެނޭޖަރުން މިކަމާމެދު ދައްކާ ވާހަކަތައް ކުރިޔަށް ގެންދާނެއެވެ. އެއަށްފަހު ދެން އޮންނާނީ ޓްރަމްޕްގެ ޓީމުން މިޓްރެއަލްއަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއްތޯ ކަނޑައެޅުމަށް ދައްކާވާހަކަތަކެވެ.

މިކަމަށް ހަތަރު ގަޑިއިރު ބަހުސްކުރުމަށްފަހު ސެނެޓުން ޓްރެއަލްއަކީ ޤާނޫނާއި އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއްތޯ ކަނޑައެޅުމަށް ވޯޓަށް އަހާނެއެވެ. އެވޯޓުން މިޓްރެއަލް އަކީ ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއް ނޫންކަމަށް ފާސްކޮށްފިނަމަ އެހިސާބުން ޓްރެއަލް މެދުކެނޑިގެންދާނެއެވެ. މިދިޔަ މަހު ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންގެ ސެނެޓަރ ރޭންޑް ޕައުލް ވަނީ ޓްރެއަލްއަކީ ޤާނޫނާއި ޚިލާފު ޓްރެއަލްއެއްކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލްއަކީ ޤާނޫނާއި އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއްކަމަށް ވޯޓުން ނިންމިއަސް މިޓްރެއަލްއާއެކު އެހެން ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެއީ ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލާގައި ރިޕަބްލިކަންގެ ހުރިހާ މެމްބަރުން ވަނީ އިމްޕީޗްމަންޓް އަރޓިކަލްގައި ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން ޓްރަމްޕް ބަރީއަވާކަމަށް ބުނެ އެއްގަލަކަށް އަރާފައެވެ. އަދި މިޓްރެއަލް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެފައެވެ. ޓްރަމްޕްގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތުވާކަމަށް ސެނެޓުން ނިންމުމަށް ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެއެވެ. އެކަމަށްޓަކައި ރިޕަބްލިކަނުންގެ 17 ސެނެޓަރުންގެ އާނ ބަސް ބޭނުންވާނެއެވެ.

ޑިމޮކްރަޓުން ބުނާގޮތުގައި ޓްރެއަލް ކުރިޔަށް ގެންދެވޭނެ ގާނޫނީ އެތައް ސަބަބެއް އެބަހުއްޓެވެ. އޭގެތެރޭގައި ޓްރަމްޕް ވެރިކަމުގައި ހުންނަވަނިކޮށް އިމްޕީޗްކުރުމަށް ހައުސްއިން ފާސްކުރުން އެއީ ޤާނޫނީގޮތުން ޑިމޮކްރަޓުން އެންމެ ބޮޑަށް ފާހަގަކުރައްވަމުން ގެންދަވާ ޕޮއިންޓެވެ. ޑިމޮކްރަޓުން އަންނަނީ ސެނެޓަށް ޓްރަމްޕްގެ މައްޗަށް މިހާރު ކޮށްފައިވާ ދައުވާތައް ސާބިތުކުރެވޭނެކަމަށް ނިންމުމުގެ ބާރު ލިބިގެންވާ ކަމަށް ޤާނޫނީ މާހިރުން ދައްކަވާފައިހުރި ވާހަކަތައް ނަންގަވަމުންނެވެ. އަދި މީގެކުރިން އޮފީސް ދޫކުރައްވާ ވަޑައިގެންނެވިފަހުން އިމްޕީޗްކޮށްފައިވާ އޮފިޝަލުންގެ ކަންކަން އެއީ ޓްރަމްޕް ދެ ވަނަ ފަހަރަށް އިމްޕީޗްކުރުމުގެ ކަންކަން ސެނެޓަށް ކުރިޔަށް ގެންދެވޭނެ ޤާނޫނީ ސަބަބުތައް ކަމަށް ބުނަމުންނެވެ.

އިމްޕީޗްމަންޓްގެ ކަންކަމުގައި އުޅުއްވާ ހައުސްގެ މެނޭޖަރުން ޓްރެއަލްއަށް ތައްޔާރުކޮށްފައިވާ ލިޔުންތަކުގައިވެސް ވަނީ ކުރިން ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޓްރަމްޕް ވެރިކަމުގައި ޤާނޫނާއި ޚިލާފަށް ކޮށްފައިވާކަންކަމާއި ގުޅިގެން ޖަވާބުދާރީވުމަށް ޓްރެއަލްގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭނެކަމަށް ބުނެފައެވެ. ރައީސުން ހުވާކުރައްވަނީ ވެރިކަމުގެ ހުވާކުރައްވާ ދުވަހުން ފެށިގެން ވެރިކަމުގައި ހުންނަވާ އެންމެ ފަހު ދުވަހާ ހަމައަށް ޤާނޫނު އަސާސީ ދަމަހައްޓަން ކަމަށާއި ޖެނުއަރީ މަހު ޤާނޫނު އަސާސީ އާ ޚިލާފުކަންކަން ކުރައްވާ ބާރުގެ ބޭނުން ނަހަމަގޮތުގައިކޮށް އެކަންކަމަށް ޖަވާބު ދާރީނުވެ ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެކަމަށް ލިޔުމުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ޓްރަމްޕްގެ ލޯޔަރުންނާއި ރިޕަބްލިކަނުންގެ ގިނަ ސެނެޓަރުން ވިދާޅުވަމުން ގެންދަވަނީ ޓްރަމްޕަކީ މިހާރު އެމެރިކާގެ ރައީސް ނޫންކަމުން އިމްޕީޗްމަންޓް ޓްރެއަލް މިހާރު ކުރިޔަށް ނުގެންދެވޭނެކަމަށެވެ. އެޓްރެއަލް ވެގެންދާނީ ޤާނޫނު އަސާސީ އާ ޚިލާފަށް ކުރިޔަށް ގެންދާ ޓްރެއަލް އެއްކަމަށް އެބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

ޓްރަމްޕްގެ ޤާނޫނީ ޓީމުން ބުނެފައިވަނީ މިހާރު ކުރަން އުޅޭކަމަކީ އޮފީހުގައި ނެތް މީހަކު އޮފީހުން ދުރުކުރުން ކަމަށެވެ.

މިދިޔަ މަހު ޓްރެއަލް ކުރިޔަށް ނުގެންދިޔުމަށް ސެނެޓްގައި ނެގި ވޯޓުގައި ރިޕަބްލިކަންގެ ފަސް ސެނެޓަރުން ވަނީ އެހުށަހެޅުމާއި ދެކޮޅަށް ޓްރެއަލް ކުރިޔަށް ގެންދިޔުމަށް ވޯޓު ދެއްވާފައެވެ.

އަންގާރަ ދުވަހު ކުރިޔަށްދާ ޓްރެއަލްގައި ބަހުސްކުރުމާއި ވޯޓަށްފަހު ހައުސް މެނޭޖަރުންނަށް 16 ގަޑިއިރު ޕްރެޒެންޓޭޝަން ތައްޔާރުކުރުމަށް ލިބިވަޑައިގަންނަވާނެއެވެ. އެއަށްފަހު ބުދަ ދުވަހު މެނޭޖަރުންނަށް އެބޭފުޅުންގެ ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެކަމަށް ދެ ދުވަސް ހޭދަވާނެއެވެ. އަދި އޭގެފަހުން ދެ ދުވަސް ޓްރަމްޕްގެ ޤާނޫނީ ޓީމަށް، އެ ޓީމުން ހުށަހަޅާ ކަންކަން ހުށަހެޅުމަށް ލިބިގެންދާނެއެވެ.

އެއަށްފަހު ސެނަޓަރުންނަށް ދެ ފަރާތަށް ލިޔުމުން ސުވާލުކުރުމަށް ހަތަރު ގަޑިއިރު ލިބޭނެއެވެ. އޭގެފަހުން ސެނެޓްގައި ބަހުސްކޮށް ހެކި ހުށަހަޅާ ހެކިން ހާޒިރުކުރުމާމެދު ގޮތްތަކެއް ނިންމިގެންދާނެއެވެ. އެހެންނަމަވެސް މިކަންކަން ކުރިޔަށްދާނެތޯ ނުވަތަ ނުދާނެތޯ އަދި ސާފެއްނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް