raajjemv logo
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ
ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ހައްޔަރުކޮށްފި
 
ނަވަލްނީ ހައްޔަރުކޮށް، 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފަ
 
ނަވަލްނީ މިހާރު ސަސްޕެންޝަންގައި ހުންނެވީ ވައްކަމުގެ މައްސަލައަކާ ގުޅިގެން
 
އެމެރިކާއާއި ޔޫރަޕުގެ ބައެއް ގައުމުތަކުން އަންނަނީ ނަވަލްނީ ދޫކޮށްލުމަށް ގޮވާލަމުން
ނާފިއު ރަޝީދު
12,545
ކ. މާލެ |
24 ޖެނުއަރީ 2021 | އާދީއްތަ 03:31
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ގެންދަނީ
އޭބީސީ ނިއުސް

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ނަވަލްނަޔާ ހައްޔަރުކޮށްފިއެވެ.

ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަވަލްނީގެ އަނބިކަނބަލުން ހައްޔަރުކޮށްފައި ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ނަވަލްނީ މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.

ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު މި މަހުގެ 18 ވަނަ ދުވަހު އެނބުރި ރަޝިއާއަށް ވަޑައިގަތުމާއެކު ނަވަލްނީ ހައްޔަރުކޮށްފައިވާއިރު، އެދުވަހުގެ ވަގުތެއްގައި ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ. ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ރަޝިއާގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަވަލްނީ ވަނީ ނަހަމުގޮތުގައި ފައިސާ ހޯދުމުގެ ކުށާ ގުޅިގެން ސަސްޕެންޑްކޮށް ފިޔަވަޅު އަޅާފައިވާ މުއްދަތުގެ ތެރޭގައި ޕެރޯލް ގަވާއިދާ ޚިލާފުވެފައެވެ. ނަމަވެސް އެއީ ސިޔާސީ ތުހުމަތެއް ކަމަށް ނަވަލްނީ ތުހުމަތުކޮށްފައިވެއެވެ.

އޭނާ ޕެރޯލް ގަވާއިދާ ހިލާފުވި މައްސަލައިގައި ފެބްރުއަރީ 15 ގެ ނިޔަލަށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 29 އަށް ވަނީ ތާވަލްކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ކުށުގައި އޭނާއަށް އިއްވާފައިވާ ތިން އަހަރުގެ ސަސްޕެންޝަން ޖަލު ހުކުމަކަށް ބަދަލުކުރުމާ މެދު އެ އަޑުއެހުމުގައި ގޮތެއް ނިންމާނެއެވެ.

ޖަރުމަނުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާ ހޯއްދަވާފައި އެނބުރި ގައުމަށް ވަޑައިގެންނެވި ނަވަލްނީގެ ހާލުކޮޅު ސީރިއަސްވީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ސައިބީރިއާއިން ފުރައިގެން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރި ފްލައިޓްގައި އޭނާ ސައި ހިއްޕެވި ފަހުންނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެކަން ދިމާވީ އާޕޯޓްގައި ބޭނުންކުރެއްވި ފެން ފުޅިއަށް އަޅާފައި ހުރި ވިހައެއްގެ ސަބަބުންނެވެ.

އުމުރުން 44 އަހަރުގެ އެލެކްސީ ނަވަލްނީއަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕުޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރިގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
75%
ދެރަ ވެއްޖެ
25%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް