ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 15:41
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި އަޙްމަދު މުންތަގިމް ވާހަކަދައްކަވަނިކޮށް
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި އަޙްމަދު މުންތަގިމް ވާހަކަދައްކަވަނިކޮށް
ރާއްޖެ އެމްވީ
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން
ކުޅިވަރުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ޓީޓީގެ ނާކާމިޔާބީއާ ގުޅޭ ކަމެއް: މުންތަގިމް
 
އިސްލާހުތަކުގައި ހުރީ މިހާރުވެސް އަމަލުކުރަމުންދާ ގަވާއިދުތައް ޤާނޫނަކަށް ބަދަލުކުރަން
 
ގަވާއިދުގެ ހުރި މާއްދާތަކެއް ޤާނޫނަކަށް ބަދަލުކުރުމުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބާރު ހަނިވޭ

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފުގެ އިސްލާހުތައް އައިސްފައި މި ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގެ ނާކާމިޔާބީއާ ގުޅިގެން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވިއިރު، އިންތިޚާބުގެ މައްސަލައެއް ސިވިލް ކޯޓުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އެ އިންތިޚާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވި ތޯހާ ސަލީމުގެ ޓީމުގައި ހިމެނިވަޑައިގެންނެވި އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ. އަދި މި މައްސަލައިގައި އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ އަލިބެގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ކުޅިވަރާ ބެހޭ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކާ ބެހޭ ގޮތުން ރާއްޖެޓީވީގެ "ކުޅިވަރުު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންތަގިމް ވިދާޅުވީ ހަސަން ލަތީފުގެ އިސްލާހުތައް އައިސްފައި މި ވަނީ ޓީޓީ އިންތިޚާބުގެ ނާކާމިޔާބީއާ ގުޅިގެން ކަމަށާއި، ހަސަން ލަތީފް ވަކާލާތު ކުރެއްވީ އެ އިންތިޚާބުގައި ނާކާމިޔާބުވި ބޭފުޅާއާ އެއްކޮޅަށް ކަމަށްވާއިރު، މި އިސްލާހުތަކުގައި އެ ހާލަތުގައި ކުރިމަތިވި ކަންކަމަށް އިޝާރާތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މުންތަގިމް ވިދާޅުވީ ހަސަން ލަތީފުގެ އިސްލާހުތަކުގައި އަލަށް ހުށަހެޅުއްވި މާ ގިނަ ކަންތައްތަކެއް ނެތް ކަމަށާއި، ހުށަހެޅުއްވި އިސްލާހުތަކުގައި ހުރީ ކުރިންވެސް ހުރި ކަންކަން ކަމަށެވެ. އަދި މި އިސްލާހުތަކަކީ ހުރިހާ ފަރާތްތަކަކުންވެސް ކަންބޮޑުވުން ފާޅުކުރާ އިސްލާހުތަކެއް ކަމަށްވާއިރު، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް އޮތުމުން މުންތަގިމުވެސް ވަނީ އެ ކަމަށް ފާޑުކިޔުއްވާފައެވެ.

އެގޮތުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށް އޮންނައިރު، އެ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް އެއްވެސް ސިޔާސީ ޕާޓީއަކުން ގަބޫލުނުވާއިރު، ރާއްޖޭގެ 13 ކުޅިވަރު އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަނަށް މަތިކުރުވަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށްވެސް މުންތަގިމް ވިދާޅުވިއެވެ. އަދި ގަވާއިދުގެ ހުރި މާއްދާތަކެއް ޤާނޫނަކަށް ބަދަލުކުރުމުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބާރު ހަނިކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާތަނެއް ނުފެނޭ. މި ވާގޮތަކީ މީގެ ކުރިން ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ލިބިދީފައިވާ ބާރުތަކެއް މަޖިލީހަށް ނޫންނަމަ ޤާނޫނަކަށް މި ނަގަނީ. ގަވާއިދުތަކުގައި ހުރި މާއްދާތަކެއް ޤާނޫނަކަށް މި ބަދަލުކުރަނީ. އެގޮތަށް ހެދުމުން ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ލިބިދޭ ބާރުތަކެއް ހަނިކުރެވިގެން މިދަނީ މި ޤާނޫނުގެ ސަބަބުން. ވަރަށް ކަންބޮޑުވާ ކަމެއް އިންތިޚާބުގެ ކަންކަން މި އޮތް ގޮތް. އެންމެ ފުރަތަމަ ވިސްނާލަމާ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކަށް. ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަންސް ކޮމިޝަނަކީ. ރާއްޖޭގައި އުފެދިފައިވާ އެއްވެސް ޕާޓީއަކުންވެސް ބޭނުމެއް ނުވޭ އެ ޕާޓީގެ އެތެރޭގެ އިންތިޚާބެއް އިލެކްޝަންސް ކޮމިޝަނުން ބާއްވާކަށް. އެހެންވީމާ 13 ނޫނީ 19 ގައުމީ ކުޅިވަރު އެސޯސިއޭޝަނުގެ އިންތިޚާބު އިލެކްޝަނުން ބާއްވަން ރުހެނީ ކީއްވެތޯ ސުވާލު އުފެދޭ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް

މުންތަގިމް އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރުގެ ކުރިއަށް ބަލާއިރު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބޯޑު ބަދަލު ކުރަނީ ސަރުކާރުން ކަމަށާއި، އޭރު އެކަން ކުރަމުން ދިޔައީ ބައިނަލްއަގުވާމީ އިދާރާތަކަށް އެކަން ހިނގާ އަސްލު އުސޫލު އޮޅުވާލެވިގެން ކަމަށެވެ.

އެކަމަކު މިހާރު ހޯމް މިނިސްޓްރީން އެސޯސިއޭޝަންތަކާއި ކުލަބުތަކުގެ ކަންކަން ބަލަމުންދާއިރު، އެސޯސިއޭޝަންތަކުގެ އިންތިޚާބުތައްވެސް ބާއްވަނީ މޮނީޓާ ކުރެވިގެން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އިންތިޚާބުތަކުގައި ވަކި ކުލަބުތަކަކީ ވޯޓު ނުލެވޭ ކުލަބުތަކެއް ކަމަށް މީގެ ކުރިންވެސް އަންގާފައިވާ ކަމަށާއި، ހަމަ އެ އުސޫލުން ކޮމިޝަނާ އޮފް ސްޕޯޓްސްއިންވެސް ބައެއް ފަހަރު ކަންކަން ހިނގާ ކަމަށް މުންތަގިމް ވިދާޅުވިއެވެ. އަދި އެގޮތައް އެކަން ދިމާވެގެން ދަނީ މޮނީޓާކުރަން ޖެހޭ އުސޫލާއި އެއްގޮތަށް އެކަން ނުކުރެވޭތީ ކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައިވާއިރު، އެ އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ހުރިހާ އިދާރާތަކެއް ސާމިލްވާގޮތައް އިސްލާހުތައް ގެނައުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭފައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާއިރު، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުތަކާއި ގުޅިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، މޯލްޑިވްސް އޮލިކްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގުވެސް ވަނީ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
100%
0%
0%
ކޮމެންޓް