ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 19:11
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު
ގެޓީ އިމޭޖަސް
ސަލާހު ވައިރަހުން ރަނގަޅުވުން
ކޮވިޑް-19 އިން ރަނގަޅުވެ ސަލާހު ފަރިތަކުރުންތަކަށް ނުކުންނަނީ
 
ލިވަޕޫލުން ހޯމަ ދުވަހު ބާއްވާ ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވާނެ
 
ސަލާހު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ފަރިތަކުރަމުން ދަނިކޮށް މި މަހުގެ 12 ވަނަ ދުވަހު

ކޮވިޑް-19 އިން ރަނގަޅުވެ ލިވަޕޫލުގެ ފަރިތަކުރުންތަކަށް ނުކުންނަން މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ތައްޔާރުވެއްޖެއެވެ.

ސަލާހް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ބައިނަލްއަގުވާމީ ބްރޭކުގައި ފަރިތަކުރަމުން ދަނިކޮށެވެ. މި މަހުގެ 12 ވަނަ ދުވަހު މިސްރުގެ ކުޅުންތެރިން ވައިރަހަށް ޓެސްޓު ކޮށްފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވީ ސަލާހު އެކަންޏެވެ. އެއާއެކު ސަލާހު ވަނީ ސެލްފް-އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ.

ވައިރަހުގެ އެއްވެސް އަލާމާތެއް ސަލާހުގެ ހަށިގަނޑުން ފެނިފައިނުވާއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހު އޭނާ ވަނީ ކޮވިޑް-19 އަށް ދެވަނަ ފަހަރަށް ޓެސްޓު ކޮށްފައެވެ. އަދި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވް ކަމަށް މިސްރުގެ ފުޓްބޯޅަ އިދާރާއިން ހާމަކުރިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ސަލާހަށް ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މިސްރުން ކުޅުނު ދެ މެޗުވެސް ގެއްލިފައެވެ. އެއީ ކޮލިފައިންގައި އަމިއްލަ ގައުމުގަ އާއި ރަށުން ބޭރުގައި ޓޯގޯ އަތުން މިސްރު މޮޅުވި ދެ މެޗެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން 3-0 ން ލިވަޕޫލް މޮޅުވި މެޗުގައި ސަލާހު ކުޅެފައެއް ނުވެއެވެ.

އެކަމަކު ދާދި ފަހުން ލިވަޕޫލުގެ ކޯޗް ޔާގެން ކްލޮޕް ބުނީ އެންމެ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާއިން ސަލާހު ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށާއި، އެހެންކަމުން އެޓީމުން ހޯމަ ދުވަހު ބާއްވާ ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވާނެ ކަމަށެވެ. އަދ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ކުރިން ޔުއެފާއިން ހަދާ ޓެސްޓުތަކުގެ ނަތީޖާއަށް ބެލުމަށްފަހު، މި ހަފުތާގައި ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުންޏެވެ.

ސަލާހު ކޮވިޑް-19 އިން ރަނގަޅުވުމަކީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ލިވަޕޫލަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ލިވަޕޫލުން އަމިއްލަ ދަނޑުގައި އެޓަލާންޓާއާ ދެކޮޅަށް ނުކުންނާނީ އަންނަ ބުދަ ދުވަހުގެރެއެވެ.

މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ ލިވަޕޫލް އޮތީ ގްރޫޕް ޑީގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އަޔަކްސް އާއި ތިންވަނައިގައި އޮތް އެޓަލާންޓާއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި މިޗީލޭންޑް އޮތީ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް