ކ. މާލެ
|
22 ނޮވެންބަރ 2020 | އާދީއްތަ 11:01
ވިޔަރެއާލާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ވިޔަރެއާލާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ރެއާލް އެއްވަރު، ބާސާ އަތުން އެތުލެޓިކޯއަށް މޮޅެއް
 
ބާސާ އަތުން އެތުލެޓިކޯ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ވިޔަރެއާލާއި ރެއާލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ވިޔަރެއާލާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ ބަލިކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އެއްވަރުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ވިޔަރެއާލާ 1-1 ގެ ނަތީޖާއަކުންނެވެ.

ވިޔަރެއާލުގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. ޑެނިއެލް ކާވަހާލް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ މަރިއާނޯ ޑިއާޒެވެ. މިއީ މި އަހަރުގެ މާޗު މަހަށްފަހު ޑިއާޒް ރެއާލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އޭގެ ފަހުން މި މެޗުގައި ރެއާލަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެއާއެކު މި މެޗުގައި ވިޔަރެއާލުން ނަތީޖާ އެއްވަރުކޮށްފައިވަނީ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯއެވެ. މިއީ އޭރިއާ ތެރެއިން ވިޔަރެއާލުގެ ސެމިއުލް ޗުކުވޭޒޭއަށް ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އޭގެ ފަހުން މި މެޗުގައި ވިޔަރެއާލުގެ މޮރޭނޯއަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ރެއާލުގެ ޑިފެންޑަރު ރަަފައެލް ވަރާން ވަނީ ދިފާއުކޮށްފައެވެ.

އެތުލެޓިކޯ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ން

މީގެ އިތުރުން ބާސެލޯނާ ބަލިވީ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި އެތުލެޓިކޯ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މިއީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އިރުޝާދިގެ ދަށުން ލީގުގައި އެތުލެޓިކޯއިން ބާސާ ބަލިކުރި ފުރަތަމަ ފަހަރެވެ.

ބާސާ ދޫކޮށް އެތުލެޓިކޯއާ މި ފަހަރު ގުޅުނު ފޯވާޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އޭނާ ނުލައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެތުލެޓިކޯއަށް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމުގެ ފޯވާޑް ޔަނިކް ކަރާސްކޯއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓޓާ ސްޓެގެން ބޯޅަ ހޯދުމަށް ބާސާގެ ހާފުގެ މެދަކާ ހަމައަށް ކުރިއަށް ޖެހިލި ވަގުތު އޭނާ ކައިރިން ނައްޓާލުމަށްފަހުއެވެ.

މި މެޗުގައި ބާސާއަށް ދިމާވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ ކަކުލަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާއި ދެވަނައިގައި އޮތް އެތުލެޓިކޯއަށް ވަނީ 20 ޕޮއިންޓް ލިބިފައެވެ. ނުވަ މެޗުން 17 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތްއިރު، ބާސާ އޮތީ އަށް މެޗުން 11 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ބާސާ އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް