raajjemv logo
ގެސްޓްހައުސްތައް އަލުން ހުޅުވާލުން
ގްރޭޓަރ މާލެ ސަރަހައްދުގައި ގެސްޓްހައުސްތައް ހުޅުވުން ލަސްވަމުންދާތީ، ގެސްޓްހައުސްތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް
 
86 ރަށެއްގައި ގެސްޓްހައުސް ހުރޭ
 
6000 އަށްވުރެ ގިނަ ދިވެހިން ގެސްޓްހައުސް ވަޒީފައިގައި ހަރަކާތްތެރިވޭ
 
ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން އަދި ވަކި ތާރީހެއް ނެތް
ރިޒުނާ ޒަރީރު
4,728
ކ. މާލެ |
10 އޮކްޓޯބަރ 2020 | ހޮނިހިރު 03:41
ހުޅުމާލެ ތްރީއިން ގެސްޓްހައުސް
ރާއްޖެއެމްވީ

މި އޮކްޓޯބަރު މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވާއިރު، މިކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރަށްރަށުން ވަމުން އަންނައިރު ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސް ހުޅުވުން ލަސްވަމުންދާތީ، ގެސްޓްހައުސްތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށްފި އެވެ.

ރާއްޖެއެމްވީއާއި ވާހަކަދެއްކި ބައެއް ގެސްޓްހައުސްތަކުން ފާހަގަކުރި ގޮތުގައި ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން އަދި ވަކި ތާރީހެއްވެސް ނެތް ކަަމަށާއި އެހެންކަމުން އެފަރާތްތަކަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.

ހުޅުމާލެ ނޫމޫ ގެސްޓްހައުސްގެ ވެރިފަރާތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ގިނަ ގެސްޓްހައުސްތަކަކީ ބޮޑު ކުލި ދައްކައިގެން ހިފާފައިވާ ތަންތަން ކަމަށްވާއިރު މިގޮތަށް ގިނަ ދުވަހު ތަން ބަންދު ކޮށްގެން ތިބުމަކީ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ތަނުގެ ކުއްޔާއި މުވައްޒަފުންގެ މުސާރައާއި އަދިވެސް މިނޫންވެސް ގިނަ ހަރަދުތައް މިހާރު ވެސް ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރި އެވެ.

ތްރީއިން ގެސްޓްހައުސްގެ ފަރާތުން ވާހަކަދެއްކެވި އިސްވެރިޔަކު ވިދާޅުވީ ކަރަންޓް ބިލާއި، ފެން ބިލް ދެއްކުމުގައި އަދިވެސް ލަސްތަކެއް އަންނަ ކަމަށާއި ތަން ބޭނުން ނުކޮށް ހުންނަން ޖެހުނު ކަމުގައި ވިޔަސް މެއިންޓެއިނަންސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ތަނަށް އެއްވެސް ލާރި އެއް ނުލިބި ގެއްލުމުގައި ބަހައްޓައިގެން މިފަދަ ކަމެއް ކުރަން ޖެހުމުން ވަރަށް ބޮޑު އުނދަގޫ ކަންތައްތަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާތް ގަނޑަކަށް 6 މަސްދުވަސް މިދިޔައީ އަޅުގަނޑުމެން ރައްކާކޮށްފައި ހުރި ލާރި ތަކަކާއި ސަރުކާރުން އަޅުގަނޑުމެންނަށް ދެމުން އައި އެހީތެރިކަމާއި އެކު ދައްކަން ހުރި ހުރިހާ ލާރިތަކެއް ދައްކާ މިހާރު ހަމަ އަތް މަތި އެއްކޮށް މިވަނީ ހުސްވެފައި. ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވަން ޕްލޭންކުރި ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅު ވަމުން އަންނާތީ މިއަށްވުރެ ކުރިންވެސް ގެސްޓްހައުސް ހުޅުވޭނެ ކަމަށް މި އުއްމީދު ކުރަނީ
ހުޅުމާލެ ގެސްޓްހައުސް ހިންގާ އިސްވެރިއެއް

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު އަމަލު ކުރަން ޖެހޭ ވަކި ޚާއްސަ ގައިޑްލައިންއެއް ވަނީ އެކުލަވާލާފައެވެ. މި ގައިޑްލައިން ތައްޔާރު ކޮށްފައިވާނީ ރަށްރަށުގެ ރަށު ކައުންސިލްތަކާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ޓޫރިޒަމް އިންޑަސްޓްރީގައި ހިމެނޭ ހުރިހާ މަސްލަހަތުވެރިންނާއި އެކު މަޝްވަރާކޮށް ކޮށްގެންނެވެ. އަދި މި ގައިޑްލައިން ތެރެއިން މީގެކުރިން ގެސްޓްހައުސްތައް އޮޕްރޭޓް ކުރި ގޮތަށް އޮޕަރޭޓް ކުރުމުގެ ޖާގަ އޭރުގައި އޮތް މިނިވަން ކަންމަތީގައި ލިބިގެން ނުދާނެއެވެ.

މި ގައިޑްލައިން ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށޭނީ އެރަށެއްގެ ކައުންސިލުން އިއުތިރާޒެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓްރީން އެންގުމުންނެވެ. ކައުންސިލުތަކުން އިއުތިރާޒެއް ނެތް ކަމަށް އަންގާއިރު ވެސް ބަލަން ޖެހޭ ކަންކަން ހުރިއިރު، ރަށުގެ އާންމު ރައްޔިތުން ގައިޑްލައިންއަށް ހޭލުންތެރި ކުރުވުން ހިމެނެއެވެ. އަދި ވަކި ރޫމްތަކެއް އައިސޮލޭޝަން އަދި ކަރަންޓީން ބޭނުމަށް ރަށުގައި ކަނޑައެޅިފައި ހުންނަން ޖެހޭ ކަމަށް ވެސް ގައިޑްލައިންގައިވެއެވެ. މީހުން ދިރިއުޅޭ ގެތަކުގައި އަދި އިމާރާތްތަކުގައި ގެސްޓްހައުސް ވިޔަފާރި އޮޕަރޭޓް ނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރަށްރަށުގައި މިހާރު ހެދިފައި ހުރި ކޮވިޑް ޓާސްކްފޯސް ވަރަށް ބޮޑަށް އެކްޓިވްވެ އެޗްޕީއޭއާއި އެކު ކޯޑިނޭޓް ކޮށް ކަންހިނގާ ގޮތް މޮނިޓަރކޮށް އެޗްޕީއޭއަށް އަންގަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެޗްޕީއޭއިން ހެދިފައި ހުރި ގައިޑްލައިންތަކާއި އިންލައިންވާ ގޮތަށް ވަކި ޚާއްސަ އެސްއޯޕީއެއް ޓުރިޒަމް މިނިސްޓްރީއަށް ހުށަހަޅުމަށް ވެސް ވަނީ ގައިޑްލައިންގައި އެދިފައެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ލޯކަލް ޓުއަރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށް ކަމަށްވާ މާފުށި 'ކާނި ހޮޓެލްސް އެންޑް ޓުއާރސް'ގެ ފަރާތުން ވާހަކަދެއްކެވި މުވައްްޒަފަކު ބުނީ ގެސްޓްހައުސް އަލުން ހުޅުވުމަށްޓަކައި ގައިޑްލައިންއާއި އެއްގޮތަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް މިހުރިހާ ކަމެއް ކޮށްގެންވެސް އަލުން ގެސްޓް ހައުސް އޮޕަރޭޓް ކުރަން ބޭނުންވާ ކަމަށް އޭނާ ބުނެފައެވެ.

މާފުށި 'ސަންރައިސް ބީޗް ހޮޓެލް' ގެ މޭނޭޖްމަންޓްގެ އޮފިޝަލަކު ވިދާޅުވީ މި ގައިޑްލައިންގައި ވަރަށް ގިނަ ކަންކަން ހުރުލުން ލާޒިމްކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު އެ ރަށުގެ އިތުރު ގެސްޓްހައުސްތަކުގެ އޯނަރުން އިސްނަގައިގެން އަމިއްލަ ހަރަދުގައި ފުލޫ ކްލިނިކެއް އެޅުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

ގައިޑްލައިންގައި އެބަހުރި ވަރަށް ގިނަ ކަންކަން. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީި ފުލޫ ކްލިނިކެއް ހުރުން. އެކަންތައް މިހާރު މިގެންދަނީ މިރަށު ގެސްޓްހައުސްތައް ހިންގާ އިތުރު ފަރާތްތަކާއި އެކީ ކުރަމުން. ފުލޫ ކްލިނިކް މިއިމާރާތްކުރަނީ ހެލްތް ސެންޓަރުގެ ގޯތި ތެރޭގައި. އެގޮތުން 2 ކޮޓަރިއާއި 2 ފާޚާނާއާއި ވެއިޓިން އޭރިއާއެއްވެސް ހިމެނޭ ގޮތަށް މިތަން މިހަދަނީ. ކޮވިޑް ކަންތައް ނިމުމުން މިތަން ހޮސްޕިޓަލްގެ ބޭނުމަށް ބޭނުން ކުރެވޭނެ.
~ މާފުށިން ވާހަކަދެއްކި ގެސްޓްހައުސްއެއްގެ އިސްފަރާތެއް
ގެސްޓްހައުސްއެއް: އަލުން ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން

86 ރަށުގައި ގެސްޓްހައުސްތައް ޤާއިމް ކޮށްފައި ވާއިރު 6000ށް ވުރެ ގިނަ މީހުން އެ ގެސްޓްހައުސްތަކުގައި ވަޒީފާ އަދާކުރަމުންދެއެވެ. ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމާއި އެކު މިހުރިހާ އެންމެންގެ އާމްދަނީއަށް ވަރަށް ބޮޑަށް ވަނީ އަސަރު ކޮށްފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ 10 ޕަސެންޓް ގެސްޓަހައުސްތަކުން ކަވަރުކުރެއެވެ.

ގެސްޓްހައުސް ވިޔަފާރި އަކީ ރަށްފުށުގައި ހިނގާ ވިޔަފާރިއެއް ކަމުގައި ވާތީ ގެސްޓްހައުސް ހުއްޓުމާއި އެކު އިތުރު ވިޔަފާރިތަކަށް ވެސް އޭގެ އަސަރު ވަނީ ކޮށްފައެވެ.

ސަރުކާރުން ނިންމާފައި މިވަނީ ގެސްޓްހައުސް ވިޔަފާރިތައް އަލުން ހުޅުވާލާ ރަށްރަށުގައި ދިރިއުޅޭ އާންމުންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގްރޭޓަރ މާލެ ސަރަހައްދުގައި ގެސްޓް ހައުސް އަދި ޓުއަރިސްޓް ފެސިލިޓީތައް ނޮވެމްބަރ މަހު ކުރީކޮޅު ހުޅުވޭވަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ނޮވެމްބަރު މަހު ހުޅުވޭނީ ކޮވިޑް 19 އަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ ޕަސެންޓޭޖް ވިދިވިދިގެން ދެ ހަފްތާ ވަންދެން ފަހަކަށް ދަށް ކުރެވިގެންނެވެ.

އަލުން ހުޅުވާލި ނަމަވެސް މާބޮޑު އާމްދަނީއެއް ނުލިބޭނެ ކަމަށް ދަނީ ބުނަމުން

ގެސްޓްހައުސްތަކަށް ދިމާވެފައިވާ ކަންކަމާ ގުޅޭ ގޮތުން ގޭމް އިން ކުރިއަށް ގެންދިޔަ ސަރވޭގައި ބައިވެރިވި ގެސްޓްހައުސްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ކަރަންޓް އަދި ފެން ބިލް ނުދެއްކިދާނެ ކަމުގެ ބިރެވެ. މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް ޓޫރިޒަމް މިނިސްޓްރީ އިން ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިޔުއެސް އަދި ގޭމް އާއެކު މަޝްވަރާތައް ކުރުމަށް ފަހު ނޮވެމްބަރު މަހުގެ ފަހުން ބިލްތައް ދެއްކުމަށް އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ.

އެހެން ނަމަވެސް އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާލި ނަމަވެސް މާ ބޮޑު އާމްދަނީއެއް ނުލިބޭނެ ކަމަށާއި މި އަހަރުގެ ނިޔަލަށް ބިލްތައް ދެއްކުމުގައި ލުޔެއް ބޭނުންވާ ކަމަށް ގޭމް އިން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުމުން ގެސްޓްހައުސްތައް ބަންދުކޮށްފައިވަނީ މާރޗް 17 ވަނަ ދުވަހުއެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވާލިނަމަވެސް ހަމައެކަނި ހުއްދަ ދޫކުރެވިފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. އޭރުގެ ހާލަތު ހުރިގޮތުން ގެސްޓްހައުސްތަކަށް ހުއްދަ ދީފައެއް ނުވެއެވެ. މީގެ ކުރިން އޮގަސްޓް 1 ގައި ގެސްޓްހައުސްތައް ހުޅުވަން ބުނެފައި ވީނަމަވެސް ހާލަތަށް ބަލާފައި 15 އޮކްޓޯބަރގައި ހުޅުވުމަށް ވަނީ ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް