ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 23:16
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލުކާ ޔޮވިޗް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލުކާ ޔޮވިޗް
ގެޓީ އިމޭޖަސް
ޔުނައިޓެޑާ ގުޅެން ޔޮވިޗް ބޭނުންވުން
ޔުނައިޓެޑަށް ބަދަލުވާން ޔޮވިޗް ބޭނުންވޭ: އޭޖެންޓް
 
ރެއާލުން ޔޮވިޗް ދޫކޮށްލާނީ ލޯނު އުސޫލުން
 
މިހާތަނަށް ރެއާލަށް ކުޅެދިން 29 މެޗުގައި ޔޮވިޗަށް ޖެހުނީ އެންމެ ދެ ލަނޑު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލުކާ ޔޮވިޗް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

ބެންފީކާއިން މިދިޔަ އަހަރު 60 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ފޯވާޑް ޔޮވިޗަށް އަދި މިހާތަނަށް އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ރެއާލަށް ކުޅެދިން 29 މެޗުގައި ޔޮވިޗަށް ޖެހުނީ އެންމެ ދެ ލަނޑެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރެއާލުން ބޭނުންވަނީ މި ޓްރާންސްފާ ބާޒާރުގައި ޔޮވިޗް ދޫކޮށްލުމަށެވެ. އަދި މި ކަމަށް ރެއާލުން ހުކުރު ދުވަހު ވަކި ގޮތެއް ނިންމާނެ ކަމަށާއި، އެކަމަކު ރެއާލުން ޔޮވިޗް ދޫކޮށްލާނީ ލޯނު އުސޫލުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޮވިޗް ދޫކޮށްލުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމަށް ރޯމާގެ އިތުރުން އިންޓަ މިލާނުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޔުނައިޓެޑުން ވެސް ޔޮވިޗަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔޮވިޗުގެ އޭޖެންޓް ދާދި ފަހުން ބުނީ ރެއާލް ދޫކޮށް ޔޮވިޗް އެހެން ކުލަބަކަށް ބަދަލުވާނަމަ އޭނާ ބަދަލުވަން ބޭނުންވަނީ ޔުނައިޓެޑަށް ކަމަށާއި، ސަބަބަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަކީ ޔޮވިޗް ދެކެމުން އަންނަ ހުވަފެނެއް ކަމުގައި ވާތީ ކަމަށެވެ.

ޔުނައިޓެޑަށް ބަދަލުވާން ޔޮވިޗް ބޭނުންވާއިރު، ޔުނައިޓެޑުގެ ކޯޗު އޮލަ ގުނަ ސޯލްޝެއާ މި ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑަށް އެ ކުލަބަށް ގެންނަން ބޭނުންވާ ކުޅުންތެރިއަކީ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯއެވެ. އެކަމަކު ސަންޗޯގެ އަގު ބޮޑުވުމާއެކު އެ ޑީލް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ.

މި ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން މިހާތަނަށް ބޮޑު ޚަރަދެއް ކޮށްފައިނުވާއިރު، އެ ޓީމުން މިހާތަނަށް ގެނައި ހަމައެކަނި ކުޅުންތެރިއަކީ އަޔަކްސްއަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް