ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 21:08
ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އާއި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް
ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އާއި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް
ގެޓީ އިމޭޖަސް
ޗެލްސީގައި ކެޕާގެ ކުރިމަގު
ކެޕާއަށް ޗެލްސީގައި ފުރުސަތު އެބައޮތް: ލަމްޕާޑް
 
ލޯނު އުސޫލުން ކެޕާ ދޫކޮށްލުމަށް ޗެލްސީން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ
 
ޗެލްސީން ދާދި ފަހުން ވަނީ ގޯލްކީޕަރު އެޑޮއާޑް މެންޑީގެ ސޮއި ހޯދާފައި

ފާޑުކިޔުންތައް އަމާޒުވެފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާއަށް ޗެލްސީގައި ފުރުސަތު އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ޗެލްސީން ދާދި ފަހުން ވަނީ ރެނެސްއަށް ކުޅެމުން އައި ފްރާންސްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީގެ ސޮއި ހޯދާފައެވެ. ޗެލްސީން މި ޓްރާންސްފާ ބާޒާރުގައި ގޯލްކީޕަރެއްގެ ސޮއި ހޯދީ ކެޕާއާ މެދު އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ހިތްހަމަނުޖެހޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2018 ވަނަ އަހަރު ކެޕާ ޗެލްސީއަށް ބަދަލުވީ 71.6 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެކަމަކު ޗެލްސީން ކުޅުނު ގިނަ މެޗުތަކުގެ ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވާއިރު، ކެޕާއަށް ޗެލްސީގެ ސަޕޯޓަރުންވެސް ނުރުހެއެވެ.

ދާދި ފަހުން މީޑިއާތަކުން ބަނީ އުމުރުން 28 އަހަރުގެ ކެޕާ ދެން މި ސީޒަނުގައި ޗެލްސީ ގޯލުން ނުފެންނާނެ ކަމަށާއި، ލޯނު އުސޫލުން ކެޕާ ދޫކޮށްލުމަށް ޗެލްސީން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެ ވާހަކަތައް ދޮގު ކުރަމުން ލަމްޕާޑް ބުނީ ކެޕާއާ މެދު މީޑިއާއިން އަމަލުކުރަމުން އަންނަނީ ރަނގަޅަކަށް ނޫން ކަމަށެވެ. އަދި ކެޕަ ދެން މި ސީޒަނުގައި ޗެލްސީގެ ގޯލުން ނުފެންނާނެއޭ ނުބުނާނެ ކަމަށާއި، ކެޕާއަށް ޗެލްސީގައި ފުރުސަތު އޮންނާނެ ކަމަށްވެސް ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް މިހެން ބުނި ނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޗެލްސީން ވެސްޓް ބްރޮމާ 3-3 އިން އެއްވަރުވި މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ވިލީ ކަބަލޭރޯއެވެ.

ރިޕޯޓުތައް ބުނާގޮތުން އިނގިރޭސި ލީގު ކަޕުގައި އަންގާރަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ޗެލްސީގެ ގޯލު ބަލަހައްޓާނީ މެންޑީއެވެ. އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް