ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 12:15
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި- އޭސީސީން ބުނެފައިވަނީ އެ މާއްދާގެ ސަބަބުން ކޮރަޕްޝަންގެ ހިރާސް ބޮޑުވާކަން ތަހުޤީޤަށް ފާހަގަވާ ކަމަށް
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި- އޭސީސީން ބުނެފައިވަނީ އެ މާއްދާގެ ސަބަބުން ކޮރަޕްޝަންގެ ހިރާސް ބޮޑުވާކަން ތަހުޤީޤަށް ފާހަގަވާ ކަމަށް
ރާއްޖެއެމްވީ
ބިޑްކުރުމަކާނުލައި މަސައްކަތް ޙަވާލުކުރުން
ބިޑްކުރުމަކާނުލައި ސަރުކާރުގެ މަސައްކަތްތައް ޙަވާލު ކުރެވޭ ގޮތަށް އޮންނަ މާއްދާ ބާތިލު ކުރަން އޭސީސީން އަންގައިފި
 
މާރކެޓް ރޭޓަށްވުރެ ބޮޑުކޮށް ދައުލަތަށް ޚިދުމަތާއި ތަކެތި ހޯދުމުގެ ފުރުސަތު ބޮޑުވޭ
 
ބީލަމުގެ ހާމަކަން ކުޑަވެގެންދާކަން ފާހަގަވާކަމަށް އޭސީސީން ބުނި
 
އެ މާއްދާގެ ސަބަބުން ކޮރަޕްޝަންގެ ހިރާސް ބޮޑުވޭ

ބިޑްކުރުމަކާނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އޮންނަ މާއްދާ ބާތިލު ކުރަން ފެންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަންގާރަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސްއަށް އަންގައިފިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2017) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ 10.27ގެ (ހ) އަދި (ށ) ގައި އޮތްގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއްކަމަށް ސަރުކާރުން ޤަބޫލުކުރާ ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ ފުރުޞަތު އޮވެއެވެ.

އެކަމާ ގުޅިގެން އޭސީސީން ބުނީ، އިޢުލާނު ކުރުމަކާނުލައި ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ހަވާލުކޮށްގެން މަސައްކަތްކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙު ފަރުމާ ކޮށްފައިވުމުން، ދައުލަތުގެ އިދާރާއަކުން މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރަން ބޭނުންނުވާ ކޮންމެ ހާލަތެއްގައި ކޯޕަރޭޓިވް ސޮސައިޓީއަކާ އެ މަސައްކަތް ހަވާލުކޮށްގެން ކުރުވުމުގެ ފުރުޞަތު އޮންނަ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އޭސީސީގެ މީޑިއާ އޮފިޝަލު ރާއްޖެއެމްވީއަށް ވިދާޅުވީ، މީގެ ކުރިންވެސް ފިނޭންސް މިނިސްޓްރީއަށް އެ މާއްދާ އުވާލަންޖެހޭކަން ކޮމިޝަނުގެ ފަރާތުން ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ތަހުޤީޤުތަކުންވެސް، އެ މާއްދާގެ ސަބަބުން ކޮރަޕްޝަންގެ ހިރާސް ބޮޑުވާ ކަމަށާއި، ބީލަމުގެ ހާމަކަން ކުޑަވެގެންދާކަން ފާހަގަވާކަމަށް އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އޭގެ އިތުރުން، މިގޮތަށް ދައުލަތުގެ މަޝްރޫޢުތައް ހަވާލުކުރާއިރު، އެ ކޯޕަރޭޓިވް ސޮސައިޓީއަކީ ދައުލަތުގެ މަޞްލަޙަތު އޮތް ކޯޕަރޭޓިވް ސޮސައިޓީއެއްތޯ ބަލާނެ މިންގަނޑެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން އެނގެން ނެތްކަމަށާއި، އެކަން އެނގެން އޮތްނަމަވެސް، ކޯޕަރޭޓިވް ސޮސައިޓީއަކާ ދައުލަތުގެ މަޝްރޫޢުތައް ހަވާލުކުރުމުގެ ސަބަބުން ވާދަވެރި ބީލަމެއްގެ ފުރުޞަތު ގެއްލި، މާރކެޓް ރޭޓަށްވުރެ ބޮޑުކޮށް ދައުލަތަށް ޚިދުމަތާއި ތަކެތި ހޯދުމުގެ އިޙްތިމާލު ނުހަނު ބޮޑުވެގެންދާކަން އޭސީސީން މީގެ ކުރިން ފާހަގަ ކޮށްފައިވެއެވެ.

އެއާއެކު އޭސީސީން ވަނީ ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ބޮޑެތި މަޝްރޫޢުތައް އާންމުކޮށް ބީލަމަށް ހުޅުވާނުލައި ދޫކުރަންޖެހިއްޖެ ހާލަތެއްގައި ދޫކުރަންވާނީ، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ބަޔާންކުރާ މާއްދާއެއް ގަވާއިދުގައި ހިމެނުމަށް ފަހުކަމަށް ފެންނަ ކަމަށް ބުނެފައެވެ.

އޭސީސީން މީގެ ކުރިންވެސް ވަނީ ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށާއި ސަރުކާރުގެ ޕްރޮޖެކްޓްތައް ވާދަވެރި ދެފުށްފެންނަ ބީލަމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމަށް 10.27 ވަނަ މާއްދާ އުވާލުމަށްފަހު، އެ މާއްދާގައި ހިމެނޭ މަފްހޫމްތައް ހިމެނޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ބަދަލު ގެންނަންޖެހޭކަން ބަޔާން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް