ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 21:55
ކަމާއިބެހޭ ވަޒިރުންނާއި އެމްއެންޔޫއާއެކު ނައިބްރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކަމާއިބެހޭ ވަޒިރުންނާއި އެމްއެންޔޫއާއެކު ނައިބްރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ދާއިރާތަކުން މީހުން ބިނާކުރުން
އެކި ދާއިރާތަކުން މީހުން ބިނާ ކުރުމާއި ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވައިފި
 
ފަތުރުވެރިކަމުގެ ދާއިރާ ފަދަ މަތީ ފަންތީގެ މަޤާމުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް މަދު
 
ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނުކުރުމަށް އިސްކަންދޭންޖެހޭ
 
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުން: ނައިބް ރައީސް

ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާ ކުރުމާއި ތަމްރީނު ކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމުގައި ވިދާޅުވިއެވެ. މި ގޮތުން، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނު ކުރުމަށް އިސްކަން ދިނުމަށާއި، ރަށްރަށުގައި ތިބެގެން ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަމާއި ގުޅޭ ވުޒާރާތަކާއި، ޤައުމީ ޔުނިވަރސިޓީއާއި، އަދި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްކޮށް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

އަދި ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާ ފަދަ މަތީ ފަންތީގެ މަޤާމުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް މަދުކަމުގައި ފާހަގަކުރެވޭ ދާއިރާތަކުން އިތުރު ދިވެހިން ތަމްރީނު ކުރުމަށް ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، އެ ބޭފުޅުންގެ ވުޒާރާތަކާއި ގުޅޭ ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަން ފާހަގަ ކުރައްވާފައެވެ. އަދި، ތަމްރީނުވެފައިވާ މީހުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލު ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލު ކުރެއްވުމުގައި ވަޒީރުން ޚިޔާލު ފާޅުކުރައްވައި، މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ވަނީ، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މިހާރު ބިނާކުރުމަށް ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތާއި އަދި މިހާރު ރާއްޖެއަށް އެންމެ ބޭނުންވާ ގޮތްތަކަށް ކޯސްތައް ފަރުމާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލުތައް ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމްގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް