ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 20:00
ހައުސިންގ މިނިސްޓަރ މުއިއްޒުގެ އިތުރުން، ފްލެޓު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ޖަމްޝީދު (ކ) އަދި މެމްބަރު ހަސަން (ވ)
ހައުސިންގ މިނިސްޓަރ މުއިއްޒުގެ އިތުރުން، ފްލެޓު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ޖަމްޝީދު (ކ) އަދި މެމްބަރު ހަސަން (ވ)
ރާއްޖެއެމްވީ
ހިޔާ މަޝްރޫއުގެ ޚިޔާނަތް
މުއިއްޒުގެ ފްލެޓު ކޮމިޓީގެ މެމްބަރުންނަށްވެސް ފްލެޓް!
 
ދިރިއުޅުން ހުރި ގޮތައް މާކްސް ދިނީ މިނިސްޓަރ ބިއުރޯއަށް ފޯމު ގެންގޮސްގެން ކަމަށްވޭ
 
ކޮމިޓީއަށް ގެންދަނީ އަންގާ ފޯމުތައް އެކަނި
 
ކޮމިޓީ އެކުލަވާލީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ފްލެޓްތައް އޭރު ދީފައިވަނީ ބޭއިންސާފުން ކަމަށް ދެކެވޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ތުންތުން މަތިން އޭރު ދެކެވެން ފެށި ވާހަކަތަކުގެ ހަގީގަތްތައް އެކަމުގައި އުޅުނު މުވައްޒަފުންވެސް މިހާރު ދަނީ ކިޔާދެމުންނެވެ. ފްލެޓް ދީފައިވާ ގޮތާ ގުޅޭގޮތުން ހާމަވަމުންދާ މައުލޫމާތުތަކުން ދޭހަވާ ކަމަކީ އޭރު އެ މަސައްކަތުގައި އިސްކޮށް އުޅުނު ފަރާތްތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާފައިވަނީ ޚިޔާނާތެއް ކަމެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައި އޮތީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި، ރައްޔިތުންނަށް އޮޅުވާލުން ކަމެވެ.

ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން 2017 ވަނަ އަހަރު އިއުލާން ކުރި ލިސްޓް އާންމު ކުރި އިރު އެ މީހުންގެ ނަމާއި ލިބުނު މާކްސްތައް އާންމުކޮށްފައި ނުވާތީ އޭރުވެސް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކޮށްފައެވެ. އޭރު ކުޑަމިނުން ޕޮއިންޓް ދިން ގޮތްވެސް ރައްޔިތުންނަށް ރަނގަޅަށް ސާފު ކޮށްދެވިފައެއް ނުވެއެވެ.

އެއަށްފަހު ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އަވަސް އަރުވާލައިގެން ފްލެޓްތައް ބަހައި ނިންމާލި މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން، އޭނާ ވިދާޅުވެފައި ވަނީ ފްލެޓްތައް ދީފައި ވަނީ "ހައްގުވެރިންނަށް" ކަމަށެވެ.

ފްލެޓްތައް ބަހާ ނިންމާލީ އެކަމަށް ކަނޑައެޅި ކޮމިޓީއަކުންނެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އުފެއްދި މި ކޮމިޓީން ކޮށްފައިވާ "ބުރަ" މަސައްކަތްތައް މިއަދު ރައްޔިތުންނަށް މިދަނީ ސާފު ވަމުންނެވެ. އެ މަސައްކަތުގެ އަގު ލިބިގެން ދިޔަ ގޮތް ހާމަވެގެން މިދަނީ އަދި ކިރިޔާއެވެ.

އޭރުގެ ސަރުކާރުން އެކުލަވާލި ފްލެޓް ކޮމިޓީގެ މެމްބަރުން:

  1. ހައުސިންގ މިނިސްޓްރީގެ ނައިބަކަށް ހުންނެވި މއ އެލީސިއަމް އިބްރާހިމް ނަޒީމް
  2. ހައުސިންގ މިނިސްޓްރީގެ ނައިބަކަށް ހުންނެވި ހ އޮގަސްޓާ ނާއިފް ޝައުކަތު
  3. ހައުސިންގ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށް ހުންނެވި ވ ލަކީސެވެން މުހައްމަދު ޖަމްޝީދު
  4. ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މއ އަނދުންކޮށީގެ ހަސަން ރަޝީދު
  5. އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ހުޅުމާލޭ ސަންދުރަ 1 އަސަދުﷲ ޝާފީ

ކޮމިޓީގެ ބައެއް މެމްބަރުންނާއި، އަނބިންނަށްވެސް ފްލެޓް!

އޭރުގެ ސަރުކާރުން ފްލެޓު ދީފައިވާ ގޮތް ބަލައި ދިރާސާ ކުރުމަށް "ރާއްޖެއެމްވީން" ކުރި މަސައްކަތުން ފާހަގަވި އެންމެ މުހިއްމު އެއް ކަމަކީ، ފްލެޓު މަޝްރޫއު އިވެލުއޭޓް ކުރުމުގެ ޒިންމާ ކުރީ ސަރުކާރުން ޙަވާލުކުރި ކޮމިޓީއަށް މަސްއޫލިއްޔަތު އަދާ ނުކުރެވުނު ނަމަވެސް، މެމްބަރުންނަށް ވަނީ ނުހަނު ބޮޑެތި "ރޯދިތައް" ލިބިފައެވެ.

ފްލެޓް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ވ. ލަކީސެވެން މުހައްމަދު ޖަމްޝީދުގެ އާއިލާގެ 2 މެމްބަރަކަށް ފްލެޓް ލިބިފައިވެއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މއ އަނދުންކޮށީގެ ހަސަން ރަޝީދުއަށްވެސް ފްލެޓު ލިބިފައިވާއިރު، "އިއްތިފާޤަކުން" އޭނާގެ އަންހެނުންނަށްވެސް ފްލެޓު ލިބިފައިވެއެވެ. އަދި ހަމައެއާއެކު، އާއިލާގެ 7 މެމްބަރަކަށްވެސް ފްލެޓް ލިބިފައިވެއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނާއި، އަނބިންނާއި، އާއިލާއަށް ބަލާއިރު، ޖުމުލަ 11 ފަރާތަކަށް ފްލެޓް ލިބިފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ފްލެޓު މަޝްރޫއު އިވެލުއޭޓް ކުރުމަށް އުފެއްދެވި ކޮމިޓީއަށް ފާހަގަނުވި އެތައް މައްސަލައެއް މި ސަރުކާރުން އުފައްދާފައިވާ "ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީ"ން ފާހަގަ ކޮށްފައިވާ ކަމެވެ. އެގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓު ކޮމިޓީން ވަނީ އޭރުގެ ސަރުކާރުން ފްލެޓްތަކަށް ޕޮއިންޓް ދީފައިވަނީ އެކަށީގެންވާ އުސޫލެއް ހަމައެއް ނެތިކަން ބަޔާން ކޮށްފައެވެ. މިއީ ޚުދު އެ މަސައްކަތުގައި އޭރު އުޅުއްވި މުއައްޒަފުންވެސް ފާހަގަ ކުރަމުންދާ ކަންކަމެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް، އޭރު ހައުސިންގ މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭރު ފޯމުތައް ގުދަންކޮށް، ދޭތެރެއަކުން ވަކި ފޯމުތަކެއް ގެނައުމަށް "އޯޑަރު" އާދެއެވެ. އޯޑަރު އަންނަނީވެސް ސީދާ މިނިސްޓަރުގެ ބިއުރޯގެ ތެރެއިންކަމަށް ވެއެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބަލާ ގިންތިއަށް މާރކްސް ދެނީ މިނިސްޓަރުގެ ބިއުރޯއަށް ގެންގޮސް ސިއްރުން ކަމަށް އޭނާ ބުންޏެވެ. ދެން މި ފޯމުތައް ދަނީ އޭރުގެ ފްލެޓު ކޮމިޓީއަށް ކަމަށް އޭނާ މައުލޫމާތު ދިނެވެ. މިފަދަ އެތައް ކަމެއް އެތަނުގައި އުޅުނު ބައެއް މުވައްޒަފުން ދަނީ ތަފްސީލުކޮށް ހިއްސާ ކުރަމުންނެވެ.

ނަމަވެސް ފްލެޓު ކޮމިޓީ އައްޔަނު ކުރެވުނީ ވަކި ބައެއްގެ ފޯމުތައް އިވެލުއޭޓް ކުރަން އެކަނިބާއެވެ؟ ނުހަނު ސިއްރުން ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ މި ކޮމިޓީގެ މަސައްކަތްތައް ބިނާވެފައި އޮތީ ހަމައެކަނި ވަކި މަޤުސަދެއްގައިބާއެވެ؟

މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި ފްލެޓް ދިނުމަށް އުފެއްދި ކޮމިޓީއަކީ ނަމަކަށް ބޭރުފުށް ރީތި ކޮށްލުމަށް އުފެއްދި ކޮމިޓީއެކެވެ. ފްލެޓް ދޭނެ މީހުން ކަނޑައަޅަނީ މުޅިން ޗާޓުން ބޭރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
4%
0%
0%
83%
4%
9%
ކޮމެންޓް
26 އޯގަސްޓް 2020 | ބުދަ 01:27
ޕިސް ޕިސް
ކޮށްފަ ހުރިހާ ކަމެއް ތިޔޮއް ފަޅާ އަރަނީ ލަދު ނުގަނޭތަ މުއީޒޫ
25 އޯގަސްޓް 2020 | އަންގާރަ 19:32
ދަވާލި19
އެއ އްޗެކޭ ކިޔާނެކަމެއްނެއް ރައީސްޔާމީނުގެ ވެރިކަމުގަ ފުލެޓްދޭންއުޅުނީ އަތޮޅުތެރޭ މީހުންނައް އޭރުން އަތޮޅުތެރޭމީހުން މާލޭގަ ކުއްޔައްތިބެންނުޖެހޭގޮތައް މިސަރުކާރުންހެދީ މާލޭމީހުންނައް ފުލެޓުދީފަ އަތޮޅުތެރޭމީހުންގެ ދިޔަމާލޭމީހުންނައް ބޯންދޭން ނިމްމީ ކޮންބަޔަކު އޮޅުވަން މުއިއްޒޭ ޔަމީނޭ ކިޔަނީ
25 އޯގަސްޓް 2020 | އަންގާރަ 19:27
13ބުރި
އޭނާ 13 ބުރިއަށް ގެހެދިގޮތްވެސް ބަލަންފެނޭ