އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ކޫބޯ ވިޔަރެއާލަށް ބަދަލުވުން

ލޯނު އެއްބަސްވުމެއްގެ ދަށުން ކޫބޯ ވިޔަރެއާލަށް

  • ކޫބޯ ހޯދުމަށް ވިޔަރެއާލުން ތިން މިލިއަން ޔޫރޯ ޚަރަދުކުރި
  • ވިޔަރެއާލުން ކޫބޯ އާއެކު ހަދާފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް

ކ. މާލެ | 12 އޯގަސްޓް 2020 | ބުދަ 19:24 | 2,232

ފޯވާޑް ޓަކެފޫސާ ކޫބޯ: އޭބާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައި - ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑްގެ ޖަޕާން ފޯވާޑް ޓަކެފޫސާ ކޫބޯ ލޯނު އެއްބަސްވުމެއްގެ ދަށުން ވިޔަރެއާލަށް ބަދަލުވެއްޖެއެވެ.

ވިޔެރެއާލުން ބުނީ ކޫބޯ އެޓީމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އޭނާ ހޯދުމަށް ވިޔަރެއާލުން ތިން މިލިއަން ޔޫރޯ ޚަރަދުކުރި ކަމަށެވެ. އަދި އޭނާ އާއެކު ހަދާފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ވިޔަރެއާލުން ކޫބޯ ގެންދިޔައިރު، އުމުރުން 19 އަހަރުގެ އުންމީދީ ފޯވާޑް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ވާދަވެރި ބާސެލޯނާއިންވެސް ވަނީ ކޫބޯއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކަމަކު ރެއާލުން ވަނީ ކޫބޯ ކުލަބަކަށް ނުވިއްކާނެ ކަމަށް ބުނެފައެވެ.

ވިޔެރެއާލަށް ގުޅުމާއެކު ކޫބޯއަށް އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގައި ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. ރެއާލުން ބުނީ ކޫބޯ ލޯނު އެއްބަސްވުމެއްގެ ދަށުން ވިޔަރެއާލަށް ދޫކޮށްލީ އޭނާއަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ވިޔަރެއާލަށް ބަދަލުވުމަށްފަހު ކޫބޯ ބުނީ މިއީ އޭނާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ލިބިގެންދިޔަ އެންމެ ރަނގަޅު އެއް ފުރުސަތު ކަމަށާއި، އަންނަ ސީޒަނުގައިވެސް މި ސީޒަނުގައި ދެއްކި ކުޅުން ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭނާގެ އުންމީދަކީ ސްޕެއިންގެ ޗެމްޕިއަން ރެއާލްގެ ޖާޒީގައި ކުޅުން ކަމަށާއި، އެކަމަކު ވިޔެރެއާލާއެކު އަންނަ ސީޒަނުގައި ތަފާތު ދައްކަން ކެތްމަދުވެފައި ހުރި ކަމަށްވެސް ކޫބޯ ބުންޏެވެ.

ކޫބޯ އިތުރަށް ބުނީ ވިޔަރެއާލަށް ބަދަލުވަން ނިންމީ ރެއާލްގެ ކޯޗު ޒިނެދިން ޒިދާންއާ ވާހަކަ ދެއްކުމަށްފަހު ކަމަށާއި، ޒިދާން އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކޯޗު ކަމަށެވެ.

ސްޕެއިންގައި ކޫބޯ ވިދާލަމުން އަންނައިރު، ޖަޕާން ގައުމީ ޓީމަށް ކުޅެމުން އަންނަ ކޫބޯ އެ ގައުމުގައި މަޝްހޫރު ވެފައިވަނީ ޖަޕާނުގެ މެސީގެ ނަމުންނެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް 2011-2015 އާ ހަމައަށް ކުޅުނު ކޫބޯ ސީނިއާ ކެރިއަރު ފަށާފައިވަނީ 2016 ވަނަ އަހަރު ޖަޕާންގެ އެފްސީ ޓޯކިޔޯއިންނެވެ. އަދި 2018 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ޖަޕާންގެ ޔޮކޮހަމާއަށް ކުޅުމަށްފަހު، 2019 ވަނަ އަހަރު ވަނީ ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އަދި ރެއާލްގެ ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ކުޅުނީ މަޔޯކާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އިސްމާޢީލް ޝާހް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.