އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ފައްޔާުގެ އިތުބާރުނެތްކަމުގެ ވޯޓް

ފައްޔާޒްގެ ދިފާއުގައި އެމްޑީޕީ މެމްބަރުން އަޑުއުފުލަން ފަށައިފި

  • މިހާތަނަށް އަށް ވަރަކަށް މެމްބަރުން ވަނީ ފަައްޔާޒްގެ ދިފާއުގައި އަޑުއުފުލާފައި
  • ރަސްމީ އެއްވެސް ސިފައެއްގައި މި މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީން ހާމަކޮށްފައެއް ނުވޭ
  • ފައްޔާޒް ވިދާޅުވީ އިތުބާރު ގެއްލޭ ވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށް

ކ. މާލެ | 12 އޯގަސްޓް 2020 | ބުދަ 18:04 | 20,072

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މަޖިލިހުގެ ތަޅުމުގައި ވާހަކަ ދައްކަވަނީ - ރައްޔިތުންގެ މަޖިލިސް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރުން އެ މަނިކުފާނުގެ ދިފާއުގައި އަޑުއުފުލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ގޮތުން ސޮއި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި މަސައްކަތުގައި އުޅުއްވަނީ އެމްޑީޕީގެ މެމްބަރުންކަމަށް އިތުބާރުހުރި މަސްދަރުތަކުން ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް، މިހާތަނަށް ރަސްމީ ސިފައެއްގައި އެ ޕާޓީގެ ޕީޖީ ގްރޫޕުން މިކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފައްޔާޒުއަށް އިތުބާރުކުރައްވާ ކަމަށް ވިދާޅުވި މެމްބަރުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް މާލީ އަލީ ނިޔާޒު އާއި، މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގްނީ އާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ސޮއީ ހޯދަން ކުރާ މަސައްކަތްތަކާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ގަބޫލުކޮށްގެން ހުރީ މަސައްކަތްކުރަމުން މި ގެންދަވަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮޔެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ މަޖިލިހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުން ނުވަތަ 43 ވޯޓެވެ. އެހެންކަމުން މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމަށް ފާސްކުރެވޭނީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ވޯޓާ އެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.