ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 08:22
ރާއްޖެޓީވީގެ ފަލަސަރުހީގެ ޕްރޮގްރާމްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސަރުހީގެ ޕްރޮގްރާމްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އިގްތިސާދަށް ކުރި ނޭދެވޭ އަސަރު
ރާއްޖޭގެ އިގްތިސާދަށް މި ވަރުގެ ލޮޅުމެއް އައިސްފައިނުވޭ: މިނިސްޓަރު އަލީ ވަހީދު
 
އިގްތިސާދަށް ކުރިމަތިވީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް
 
އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދޭނެ
 
ހާލަތު އިތުރަށް ގޮސްވެއްޖެ ދެވަނަ ފަހަރަށް ވެސް ބޯޑަރު ބަންދު ކުރާނެ

ރާއްޖޭގެ އިގްތިސާދަށް މީގެ ކުރިން މިވަރުގެ ލޮޅުމެއް އައިސްފައިނުވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސަރުހީގެ ޕްރޮގްރާމްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުން އައީ ސިއްހީ ދާއިރާގެ މާހިރުންނާއި، ޑޮކްޓަރުންގެ ލަފާގެ ދަށުން ކަމަށެވެ.

ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ، ދެވަނަ ފަހަރަށް ވެސް ބޯޑަރު ބަންދު ކުރާނެ ކަމަށާއި، އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އުންމީދު ކުރަނީ އެފަދަ ހާލަތަކަށް ދެން ނުދިއުން ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދަށް އޭގެ ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މިވަރުގެ ބޮޑު ގެއްލުމެއް ނުވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

އިގްތިސާދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ދިވެހިރާއްޖެއަށް އަލުން މިފަދަ ބަންދެއް ނަގަން ޖެހިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދު ހަމަ އަޅުގަނޑު ދެކޭ ގޮތުގައި މިދެތިން ހަތަރު އަހަރުގެ ތެރޭގައި ހަމަ ކުރިއަށް ނުޖެއްސޭނެ. ރާއްޖެއަށް ސުނާމިއަށް އައި ހިތްދަތި ކަމާއި، ދެން ވެސް އައި އިގްތިސާދީ ދުނިޔޭގެ އެހެން ހީނަރުގެ ކަންތަކަށް ބަލާއިރު މިވަރުގެ ގެއްލުމެއް ނެތް ލިބިފައެއް. މިފަހަރު މިއައީ މުޅި އިގްތިސާދަށް ބޮޑު ހަމަ ފޫނުބެއްދޭވަރުގެ ހީނަރު ކަމެއް. ދޮގަކަށް ނުވާނެ. މިދިޔަ އަހަރު އަޅުގަނޑުމެން ނިންމީ 1.7 މިލިއަން ފަތުރުވެރިން.
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ފަތުރުވެރިން ގެނައުމުގައި ކާމިޔާބީތަކެއް ހާސިލް ކުރެވުނު ކަމަށެވެ.

އެގޮތުން ވެރިކަމަށް އައި ފުރަތަމަ އަހަރު ވެސް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ކަމަށާއި، އެއީ އެއްލައްކަ މީހުންގެ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު އަމާޒު ކުރީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ނަމަވެސް ކޮވިޑް-19އާ ގުޅިގެން މުޅި ޕްލޭން ބަދަލުވެ މިއަހަރުގެ ދެން އޮތް ދުވަސްކޮޅުގެ ތެރޭގައި 850،000 ފަތުވެރިން ރާއްޖެއަށް ގެނައުމަށް ޓާގެޓް ކުރެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ވެސް ވާނީ ބޮޑު ޗެލަންޖަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެންމެ ބޮޑު ގުރުބާނީއެއްވީ ދިވެހި އާންމު ރައްޔިތުން ކަމަށާއި، ރާއްޖޭގެ އިގްތިސާދު ވެސް ކުރިއެރުވޭނީ ރައްޔިތުންގެ އެއްބާރުލުމާއި މަސައްކަތުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރައްޔިތުން އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޒަމާނުއްސުރެން ރާއްޖެއިން ހިފަހައްޓަމުން އައި "އޯޕަން ބޯޑަރ" ސިޔާސަތު ހިފެހެއްޓުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

އެންމެ ފަހުގެ ލަފާކުރުންތައް ދައްކާ ގޮތުން، ޖުލައި މަހު ބޯޑަރު ހުޅުވާލި ކަމުގައި ވިޔަސް، ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވާން ފަށާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން (ޑިސެމްބަރު - މާރޗު) އަންނަން ވާއިރަށް، މި އަދަދުތަކަށް ހެޔޮ ބަދަލުތަކެއް ފެންނަން ފަށާނެ ކަމަށް މާހިރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
50%
50%
0%
ކޮމެންޓް