ބުދަ 15 ޖުލައި 2020
01 ފުސް
1441 ޒުލްގައިދާ 24
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
އެންއައިސީން ކޮމެޓީއަށް މައުލޫމާތު ނުދިން

އެންއައިސީން މައުލޫމާތު ނުދިނުމަކީ ސުވާލު އުފެދޭ ކަމެއް: މަޖިލީޙުގެ ރައީސް

  • އެންއައިސީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަން އައި އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރެއްވުމަށް ބައެއް މެމްބަރުން ގޮވާލެއްވި
  • ސިވިލް ސަރވިސް ކޮމިޝަނާގުޅޭ ވަރަށް ގިނަ މައްސަލަތައް ކޮމެޓީން ބަލާފައިވޭ
  • އެޗްއާރުސީއެމްގެ މެމްބަރުންގެ ވަކިކުރެއްވުމުގެ މަސައްކަތް މަޖިލީހުން ދާދިފަހުން ވަނީ ފަށާފައި

ކ. މާލެ | 30 މެއި 2020 | ހޮނިހިރު 16:08 | 5,724

އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން (ވ) އަދި އެކޮމިޝަންގެ މެމްބަރުން؛ ސުލައިމާނަކީ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމު އަދާކުރެއްވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް - ރައްޔިތުންގެ މަޖިލިސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެދުނު މައުލޫމާތު ފޯރުކޮށްދީފައި ނުވުމަކީ، އެކޮމިޝަނާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ޙަވާލުކޮށްފައިވާ މަސައްކަތްތައް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި، ކޮމެޓީން އެދިފައިވާ މައުލޫމާތު މިއަދާ ހަމައަށް ފޯރުކޮށްދީފައިނުވާކަަށް ބުނެފައިވެ އެވެ. އެރިޕޯޓް ހުށަހަޅުއްވަމުން ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ އެންއައިސީން މައުލޫމާތު ފޯރުކޮށްދީފައި ނުވާކަން ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ހޮނިހިރު ދުވަހުގެ ޖަލްސާގައި އެ ރޮޒައިނާ އެގޮތަށް ވިދާޅުވުމުން، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، އެންއައިސީން މައުލޫމާތު ފޯރިކޮށް ނުދިނުމަކީ އެކޮމިޝަނާމެދު މަޖިލީހުން ސުވާލު އުފެދޭ ކަމަށެވެ.

އެ ރިޕޯޓަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވެސް ވަނީ އެންއައިސީން ޒިންމާ އަދާނުކުރައްވާކަން ފާހަގަކުރައްވައި، އެކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ކުރެއްވުމަށް ގޮވާލައްވާފަ އެވެ. އަދި މީގެއިތުރުންވެސް ޒިންމާ އަދާ ނުކުރައްވާ މިނިވަން މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތައް ފާހަގަ ކުރައްވައި، އެކޮމިޝަންތަކުގެ މެމްބަރުން މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް މަޖިލީހުން ކުރެއްވުމަށް ވެސް ބަައެއް މެމްބަރުން ގޮވާލެއްވި އެވެ. އެގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އާއި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ހިމެނެ އެވެ.

އެޗްއާރުސީއެމާއި ސީއެސްސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު، އެކަމުގައި ލަސްތަކެއް އުޅޭކަން ބައެއް މެމްބަރުން ފާހަގަކުރައްވައި، ޒިންމާ އަދާ ނުކުރައްވާ ކޮމިޝަންތަކުގެ މެމްބަރުން މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަސް ކުރެއްވުމަށްވެސް ބައެއް މެމްބަރުން ވަނީ ގޮވާލައްވާފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީން، މައުލޫމާތު ހޯދުމަށް އެދުނު މިނިވަން މުއައްސަސާތަކާއި އެ މުއައްސަސާތަކަށް ހުށަހެޅުނު ހުށަހެޅުންތަކުގެ އަދަދު:

1. އެންޓި ކޮރަޕްޝަން ކޮމިޝަން: 3 ހުށަހެޅުން

2. ސިވިލް ސަރވިސް ކޮމިޝަން: 4 ހުށަހެޅުން

3. އިލެކްޝަންސް ކޮމިޝަން: 3 ހުށަހެޅުން

4. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން: 3 ހުށަހެޅުން

5. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން: 2 ހުށަހެޅުން

6. މޯލްޑިވްސް މީޑިއާ ކައުންސިލް: 1 ހުށަހެޅުން

7. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީސް: 2 ހުށަހެޅުން

8. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް: 1 ހުށަހެޅުން

ކޮމެޓީގެ މިރިޕޯޓްގައި ދައުލަތުގެ 8 މިނިވަން މުއައްސާސަތަކަށް ޖުމްލަ، 19 ހުށަހެޅުމެއް ހުށަހަޅާފައި ވެއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ހުށަހެޅުންތަކުގެ އަމާޒުކަމުގައި ބުނެފައިވަނީ، ކޮމެޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަކީ ގާނޫނުއަސާސީން ނުވަތަ މުއައްސަސާއަކާ ގުޅޭ ވަކި ގާނޫނަކުން އުފެދިފައިވާ މުއައްސަސާތަކެއްކަމުގައިވާތީ، އެމުއައްސަސާތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުންމަތީ ދެމިތިބުން ކަމަށެެވެ. އަދި މެދުކެނޑުމެއްނެތި އެ މުއައްސަސާތަކުގެ ހިދްމަތް ރައްޔިތުންނަށާއި ދައުލަތަށް ލިބިގެން ދިއުމަކީ ގާނޫނުގެ ވެރިކަމުގެ އެންމެ އަސާސީ ސިފަ ކަމުގައިވާތީ، އެފަދައިން އެމުއައްސަސާތަކުން އަމަލުކުރަމުން ގެންދާކަން ކަށަވަރު ކުރުމަކީ ކޮމެޓީގެ މައިގަނޑު އަމާޒު ކަމަށްވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.