ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 04:17
ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރެމުންދާއިރު، މުޅި ދުނިޔޭގެ 218 ސަރަޙައްދަކުން މިހާތަނަށް ވައިރަސް ފެނިގެން ރިޕޯޓް ކޮށްފައިވޭ
ފްރާންސް 24
ކޮވިޑް-19 ދުނިޔޭގެ ޙާލަތު
އެޗްއައިވީ ފަދައިން ކޮވިޑް-19 އަކީވެސް ނައްތާ ނުލެވިދާނެ ވައިރަސްއަކަށް ވެދާނެކަމުގެ އިންޒާރު!
 
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4,427,000ށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވޭ
 
ވެކްސިންއެއް ހޯދުނު ނަމަވެސް، ވައިރަސް އެއްކޮށް ކޮންޓްރޯލް ކުރުމަށް ގިނަ ދުވަސްވެދާނެ
 
ވައިރަސްއާއެކު ދިރިއުޅެން ދަސްކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި

ކޮވިޑް-19 ވައިރަސްއަކީ އެޗްއައިވީ ފަދައިން ދުނިޔެއިން ނައްތާނުލެވޭ ވައިރަސްއަކަށް ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ.

ބުދަ ދުވަހު ޖެނީވާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިމަރޖެންސީ ޑައިރެކްޓަރ ޑރ މައިކް ރަޔަން ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަން ގިނަ ދުވަސްތަކެއް ވަންދެން އިންސާނުންގެ ތެރޭގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށާއި، މިއީ އެއިޑްސް ފަތުރާ އެޗްއައިވީ ވައިރަސް ފަދައިން ދުނިޔެއިން ނައްތާނުލެވިދާނެ ވައިރަސްއަކަށް ވެގެންދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެއާއެކު، ވައިރަސްއާއެކު ދިރިއުޅެން ދަސްކުރުމުގެ މުހިއްމުކަން ރަޔަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އޭގެ އިތުރުން، ކޮވިޑް-19އަށް ވެކްސިންއެއް ހޯދުނު ނަމަވެސް، މުޅި ދުނިޔޭގައި ވައިރަސް އެއްކޮށް ކޮންޓްރޯލް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަން ފާހަގަކުރައްވައި ރަޔަން ވިދާޅުވީ، މީސެލްސް ފަދަ ރޯގާތަކަށް ވެސް ވެކްސިނެއް ހޯދުނު ނަމަވެސް އަދިވެސް މުޅި ދުނިޔެއިން ނައްތާ ނުލެވޭ ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ޤައުމުތަކުން ކުރަމުންދާއިރު، މިހާރުވެސް ކޮވިޑް-19 އަށް ޚާއްސަކޮށް 100ށް ވުރެ ގިނަ ވެކްސިނެއް އުފައްދައި ސައިންސުވެރިން ދަނީ ތަހުލީލު ކުރަމުންނެވެ. ނަމަވެސް މި ވައިރަސް ދުނިޔެއިން ނައްތާލެވިދާނެ ދުވަހެއް މިވަގުތަށް އަންދާޒާ ނުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ބުރަ މަސައްކަތާއެކު، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވަނީ ދެއްވާފަ އެވެ. އެގޮތުން ޓެޑްރޯސް ވިދާޅުވީ، މިކަމުގައި އެންމެންވެސް ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށާއި، ދުނިޔޭގެ ހުރިހާ ޤައުމެއްގެވެސް ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން، ޤައުމުތަކުން ވައިރަސްގެ ޕީކް ދުވަސްވަރަށް ފަހު ލޮކްޑައުން ފަދަ ފިޔަވަޅުތައް އުވާލަމުންދާއިރު، އެކަމުގެ ސަބަބުން ވައިރަސް ފެތުރިގެން ދިއުމުގެ މަގުތައް ހުޅުވިގެންދާކަން ފާހަގަ ކުރައްވައި ޓެޑްރޯސް ވިދާޅުވީ، ޤައުމުތައް އަލުން ހުޅުވާލި ނަމަވެސް ކޮންމެ ވަގުތެއްގައިވެސް ވައިރަސްގެ ދެވަނަ "ރާޅެއް" ކުރިމަތިވެދާނެ ކަމަށް ތައްޔާރުވެގެން ތިބެންޖެހޭނެ ކަމަށެވެ.

މުޅި ދުނިޔެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4,427,000ށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވާއިރު، 297،574 މީހުން ވައިރަސް ޖެހިގެން މަރުވެފައިވެއެވެ. އަދި މުޅި ދުނިޔޭގެ 218 ސަރަޙައްދަކުން ވައިރަސް ފެނިގެން ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
8%
0%
85%
4%
4%
0%
ކޮމެންޓް