ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 17:30
ވީޑިއޯ ކޮންފަރެންސް  ގެ ތެރެއިން
ވީޑިއޯ ކޮންފަރެންސް ގެ ތެރެއިން
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19ގެ ބަލިމަޑުކަމާއި ކުރިމަތިލުމަށް، ގުޅިގެން ފިޔަވަޅު އެޅުމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި
 
ސްޓިއަރިންގ ކޮމިޓީގެ މެންބަރެއްގެ ހައިޞިއްޔަތުން ރާއްޖެއިން ވެސް މިބައްދަލުވުމުގައި ބައިވެރިވި
 
ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޔޫއޭއީގެ ހެލްތު މިނިސްޓަރ
 
ބައްދަލުވުން ބޭއްވީ ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19)ގެ ބަލިމަޑުކަމާއި ކުރިމަތިލުމަށް މެންބަރު ޤައުމުތައް ގުޅިގެން ފިޔަވަޅު އެޅުމަށް އޯގައިނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް(އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް އަލް އުޘައިމީން ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އެޖަމާޢަތުގެ މައިމަރުކަޒުގައި ވީޑިއޯ ކޮންފަރެެންސް މެދުވެރިކޮށް ބޭއްވި މެންބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުން އިފުތިތާޙު ކުރެއްވުމުގެ ގޮތުން ދެއްވި ބަޔާނުގައި، ޑރ. ޔޫސުފް އަލް އުޘައިމީން ވިދާޅުވީ އޯއައިސީގެ ކުއްލި ބައްދަލުވުން މި ބޭއްވެނީ ދުނިޔޭގެ ތާރީޚުގައިވެސް އިންސާނުންނަށް ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު ޙާލަތުގައި ކަމަށެވެ. ދުނިޔޭގެ މިޔަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އަލް-އުޘައިމީން އިޝާރާތް ކުރެއްވީ ކޮވިޑް-19 ގެ ސަބަބުން، ދުނިޔޭގެ އިޤުތިޞާދަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ގެއްލުމާއި، ޞިއްޙީ ގޮތުން ކުރިމަތިވެފައިވާ އެކި ޙާލަތްތަކާއި، ކޮވިޑް-19 އާއި ގުޅިގެން އެކި ދާއިރާތަކުން ތަޙައްމަލުކުރަން ޖެހިފައިވާ ދަތި ދުވަސްތަކަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮވިޑް 19 އިން މީހުން ސަލާމަތްކުރުމަށް، މެންބަަރު ޤައުމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންވެއްޖެކަމަށެވެ. އެގޮތުން ވައިރަސްއިން ރައްކާތެރިވުމަޑާއި، ފަރުވާ ދިނުމަށާއި، ވަކިން ޚާއްޞަކޮށް މިވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް، ޤައުމީ، ޞަރަޙައްދީ އަދި ބައިނަލް އަޤުވާމީ ފެންވަރެއްގައި މަސައްކަތްކުރަން ޖެހިފައިވާކަމަށެވެ.

ޑރ. ޔޫސުފް އަލް އުޘައިމީން ވިދާޅުވީ، ކޮވިޑް-19 އާއި ހަނގުރާމަކުރުމަށް އޯއައިސީ ތައްޔާރަށް އޮތްކަމަށާއި، އަދި އެޖަމާޢަތުގެ އެކި ގުނަވަންތަކުންވެސް މެންބަރު ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ މިދަތި އުނދަގޫތަކުން އަރައިގަތުމަށް، ލިބިގެންވާ ވަޞީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި އިސްލާމީ އުއްމަތުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށެވެ.

ޑރ. ޔޫސުފް އަލް އުޘައިމީން ވިދާޅުވީ، ކޮވިޑް 19 ޖެހޭ ބަލިމީހުންގެ ނިޞްބަތް އިތުރުވަމުންދާ މި ދަނަޑިވަޅުގައި، އޯއައިސީ މެންބަރު ގިނަ ޤައުމުތަކުގެ ޞިއްޙީފަރުވާގެ ނިޒާމުތަކަށް ކުއްލި އެހީ ބޭނުންވެފައިވާކަމަށެވެ. އަދި މިކަމުގައި، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކާއި، އިސްލާމިކް ސޮލިޑާރިޓި ފަންޑުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ޙައްޤުކަމަށެވެ.

ބަޔާން ނިންމާލުމުގެ ގޮތުން، ޑރ. ޔޫސުފް އަލް އުޘައިމީން ވަނީ އޯއައިސީގެ ހުރިހައި މެންބަރު ޤައުމުތަކުން، ސަރުކާރުތަކުންނާއި ވަކި ވަކި ފަރުދުންގެ ދީލަތި އެހީއަށް ގޮވާލައްވާފައެވެ. އިސްލާމިކް ސޮލިޑާރިޓި ފަންޑަށް ވެދެވޭ އެހީއަކީ އެހީތެރިކަަމަށް ބޭނުންވެފައިވާ ފަންޑަކަށްވީ ހިނދު މިކަމުގައި ހުރިހައި ފަރާތެއްގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެލްތު މިނިސްޓަރު އަބްދުއްރަހްމާން ބިން މުޙައްމަދު އަލް އުވައިޘްއެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އޯއައިސީގެ ސްޓިއަރިންގް ކޮމިޓީ އޮން ހެލްތުގައި ހިމެނޭ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނެވެ. މީގެތެރޭގައި ދިވެހި ރާއްޖޭގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންވެސް ހިމެނިވަޑައިގަންނަަވައެވެ. މީގެ އިތުރުން އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކާއި، އޯއައިސީގެ އެކި ގުނަވަންތަކާއި، ބައިނަލްއަޤުވާމީ ބައެއް ޖަމާއަތްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
0%
100%
0%
0%
0%
ކޮމެންޓް