ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 17:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
ކޮވިޑް-19 ބަލިން އަވަސް ޝިފާއަކަށް އެދިވަޑައިގެން އިނގިރޭސި ބޮޑުވަޒީރަށް ރައީސް ސާލިހު މެސެޖެއް ފޮނުއްވައިފި
 
ބޮޑުވަޒީރުގެ ބަލި ހާލު އިތުރަށް ގޯސްވުމުން ވަނީ އައިސީޔޫއަށް ބަދަލުކޮށްފައި
 
ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީގެ 11 ދުވަސްކުރިން

ކޮވިޑް-19އަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މެސެޖެއް ފޮނުއްވައިފިއެވެ.

އިނގިރޭސި ބޮޑުވަޒީރަށް ރައީސް ޞާލިޙު ހޯމަ ދުވަހު ފޮނުއްވެވި މިމެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާފައިވެއެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ މީގެ 11 ދުވަސްކުރިންނެވެ. އަދި ބަލީގެ ސަބަބުން އިތުރު ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ބޮޑުވަޒީރުގެ ބަލި ޙާލު އިތުރަށް ގޯސްވުމުން ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.

ރައީސް ޞާލިޙު ފޮނުއްވެވި މެސެޖުގައި އިނގިރޭސި ބޮޑުވަޒީރުގެ ބަލިޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވުމުގެ އިތުރުން، ކޮވިޑް-19 ހުއްޓުވުމަށް މުޅި ދުނިޔޭގައި މިހާރު ވަކިވަކި ފަރުދުންނާއި އަދި މުޖުތަމަޢުތައް އެކުގައި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

ރައީސް ޞާލިޙުގެ މެސެޖު ނިންމަވާލައްވާފައި ވަނީ އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމި އޮތުމަށް އެދިވަޑައިގަންނަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް