ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 19:22
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދަނީ ގިނަ ފިޔވަޅުތަކެއް އަޅަމުން
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދަނީ ގިނަ ފިޔވަޅުތަކެއް އަޅަމުން
ސަން އޮންލައިން
ކޮވިޑް-19
ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރުމުގެ މާނައަކީ ކޮބާ؟
 
ރާއްޖެއިން ދަނީ ވައިރަސްއިން ސަލާމަތްވުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން
 
ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅާ ފިޔަވަޅުތަކެއް ހުރޭ
 
މި ޙާލަތު އިއުލާނުކުރީ ޤާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން

ޤުދުރަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ނޫނީ ޤައުމީ ސަލާމާތަށް ނުރައްކާވާނެ ފަދަ ކަމެއް ކުރިމަތިވުމުން ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރެވެއެވެ. ނަމަވެސް ދިވެހިންނަށް މީގެ ކުރިން އަބަދުވެސް ކުއްލި ނުރައްކަލުގެ ޙާލަތުގެ ވާހަކަ އިވިފައިވަނީ ކޮންމެސް ސިޔާސީ ނުތަނަވަސްކަމެއްގެ ތެރެއިން އުފެދޭ ހަލަބޮލިކަމެއްގެ ސަބަބުންކަން ތާރީޚުން ހެކިދެއެވެ. ވުމާއެކު މިއަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރުމުންވެސް ގިނަ ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޙަޤީޤަތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކޮށާލެވޭ އިތުރު މަގެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލްކޮރޯނާވައިރަސް (ކޮވިޑް-19) މުޅި ދުނިޔެއަށް ފެތުރި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މި ވައިރަސްއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ރޯގާއެއްގެ ގޮތުގައި އިއުލާނުކޮށްފައެވެ. އެއާއެކު އެކި ޤައުމުތަކުން މި ވައިރަސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަކުރިއިރު، ބުރާސްފަތި ދުވަހު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގައިވެސް ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރައްވާފައެވެ.

ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރެވޭ ޙާލަތްތަކަކީ ކޮބާ؟

އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ވާހަކަ ބަޔާންކޮށްފައިވާއިރު، އެކަން އިއުލާނު ކުރެވޭ ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ އާންމު ސިއްޙަތަށް ނުރައްކާވާފަދަ ޙާލަތެއް ކުރިމަތިވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޔަޤީން ވުމުން، އެފަދަ ޙާލަތްތަކުގައި ނުރައްކާ ކުޑަ ކުރުމުގެ ގޮތުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އެފަދަ ޙާލަތެއް އޮތްކަން ޔަޤީންކުރައްވައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސިއްޙަތާބެހޭ ވަޒީރަށް އެކަން އެންގެވުމުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރެވިގެންދާނެއެވެ. އަދި އެގޮތުން ސިއްޙަތާބެހޭ ވަޒީރު އިއުލާނު ކުރެއްވުމުން، ޤާނޫނުގެ ދަށުން އަޅަންޖެހޭ ވަކި ފިޔަވަޅުތަކެއްވެސް ހުރެއެވެ.

ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފިޔަވަޅުއަޅާ ދާއިރާތައް

  • ބަލިން ރައްކާތެރި ވުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން
  • ވެކިސިން، ބޭސް އަދި ވަސީލަތްތައް އެންމެ ފުރަތަމަ ރައްދުކުރަންވީ ކޮން ބަޔަކަށްކަން ކަނޑައަޅައި ގިންތި ކުރުން
  • ތައުލީމުދޭ މަރުކަޒުތައް ބަންދު ކުރުމާއި، މީހުން އެއްވެ އުޅުން މަނާކުރުމަށް ނެރެންޖެހޭ އަމުރުތައް ނެރުން
  • ވަކި ހިސާބުތަކަށް ވަކި ވަގުތުތަކެއްގައި މީހުން އެއްވެ އުޅުން މަނާ ކުރުން
  • ކަރަންޓީން ކުރެވިފައިވާ މީހުންނަށް އެހީތެރިކަމާއި، ވަސީލަތްތައް ފޯރުކޮށްދެމުން ދިއުން
  • އެއްގަމު، ކަނޑުގެ، އަދި ވައިގެ ދަތުރުތައް ހުއްޓުވުމާއި، ކޮންޓްރޯލް ކުރުމާގުޅޭ ފިޔަވަޅުތައް އެޅުން

މި ފިޔަވަޅުތަކަކީ ޙާލަތަށް ބަލައި ސިއްޙީ ކުއްލި ނުރައްކަލުގެ ދަށުން އެޅުމަށް ޤާނޫނުން ލަފާދީފައިވާ ބައެއް ފިޔަވަޅުތަކެވެ. އެގޮތުން ބަލާއިރު، ރާއްޖޭގެ ސިއްޙަތާބެހޭ ވުޒާރާއާއި ކަމާބެހޭ ފަރާތްތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންވެ. ބޭހާއި، ވަސީލަތްތައް ފޯރުކޮށްދިނުމަށް ބަލާއިރު، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ބޭނުންވާ މާސްކާއި، ސެނިޓައިޒަރ ފަދަ ތަކެތި ހުރިކަން ދަނީ ކަށަވަރު ކުރަމުންނެވެ.

އެއްވެ އުޅުން މަނާ ކުރުމަށް ބަލާއިރު، 11 މާރޗުގައި ވަނީ ސުކޫލުތައް ހުޅުވުން ހަފްތާއަކަށް މަޑުޖައްސާލާފައެވެ. ޙާލަތަށް ބަލައި އެ ނިންމުން އިތުރަށް މުރާޖަޢާ ކުރުމަށް ނިންމާފައިވާއިރު، 12 މާރޗުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބު ފަސް ކުރުމަށް ނިންމާފައެވެ.

ވަކި ހިސާބުތަކަށް ވަކި ވަގުތުތަކެއްގައި މީހުން އެއްވެ އުޅުން މަނާ ކުރުމަށް ބަލާއިރު، ހޮސްޕިޓަލުތަކާއި، ބަލި މީހުންނަށް ޚިދުމަތްދޭ ތަންތަނަށް މި ދުވަސްވަރު ނުދިއުމަށް އިލްތިމާސް ކޮށްފައިވާއިރު، ހޮސްޕިޓަލުތަކުން ދަނީ ބަލި މީހުންނަށް ޒިޔާރަތްކުރުމާ ގުޅޭގޮތުންވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ އިތުރުން، ބައެއް ރިސޯޓުތައްވެސް ވަކި މުއްތަކަށް ލޮކްޑައުން ކުރުމަށްފަހު އަލުން ހުޅުވުންވެސް އޭގެ ތެރޭގައި ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރުން، ކަރަންޓީން ފެސިލިޓީތައް ޤާއިމުކުރެވި، އެތަންތަނުގައި ކަރަންޓީން ކުރެވޭ މީހުންނަށް ދޭންޖެހޭ އެހީތެރިކަމާއި، އެއްބާރުލުން އާއިލާތަކާއި ގުޅިގެން ދެމުންގެންދާއިރު، ދަތުރުފަތުރުތައް ކޮންޓްރޯލް ކުރުމަށްވެސް ފާއިތުވި ދުވަސްތަކުގައި ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބަލާއިރު، ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން ހުއްޓުވާލާފައިވާއިރު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަންކަން އިތުރަށް ކަށަވަރު ކުރެވިގެންދާނެއެވެ.

މިފަދަ ޙާލަތެއް އިއުލާނުކޮށްފައިވާއިރު، ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކަމާބެހޭ ފަރާތްތަކުން ނިންމާ ނިންމުންތަކަކީ ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. އެގޮތުން ނިންމާ ނިންމުންތަކަށް ބޯލަނބައި، ކޮންމެ މީހަކުވެސް ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ވަރަށް މުހިއްމެވެ. ސުކޫލުތައް ބަންދު ކުރުމުން އެއީ ލިބުނު ޗުއްޓީއެއް ގޮތުގައި ދެކިގެން އެކި ތަންތަނަށް ދަތުރުތައް ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. އިންތިޙާބު ފަސް ކުރުމުން އެކަން ސިޔާސީ ކަމަކަށް ހެދުންވެސް އެއީ ޒިންމާދާރުކަން ކުޑަ ކަމެކެވެ.

މި ދަނޑިވަޅަކީ އެންމެން އެކަތިގަނޑަކަށްވެގެން މި ވައިރަސްގެ ނުރައްކަލުން ސަލާމަތްވާންޖެހޭ ދަނޑިވަޅެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
50%
0%
17%
17%
0%
ކޮމެންޓް