އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - މީރާ

މިދިޔަ މަހު މީރާ އަށް އާމްދަނީގެ ގޮތުގައި 1.81 ބިލިއަން ރުފިޔާ

  • މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ
  • ޖަނަވަރީ 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 64.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 14 ފެބުރުއަރީ 2020 | ހުކުރު 12:45 1,464

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ - މުހައްމަދު ޝަރުހާން

މިދިޔަ ޖަނަވަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.81 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 7.4 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. ނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ ދަށް އަދަދެކެވެ.

މީރާއިން ބުނީ ޖަނަވަރީ 2020 ގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޑިސެމްބަރު 2018 އާއި އަޅާ ބަލާއިރު ޑިސެންބަރު 2019 ގައި ފަތުރުވެރިން ރާއްޖޭއަށް އައި މިންވަރު 13.6 އިންސައްތައަށް އިތުރުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމާއި، ޓޫރިޒަމް ލޭންޑް ރެންޓުގެ ފަހު ޑެޑްލައިންގެ ބައެއް ފައިސާ ޖަނަވަރީ 2020 ގައި ލިބިފައިވުން ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބުނު އާމްދަނީ އަށްވުރެ މި އަހަރުގެ ޖަނަވަރީ މަހުގެ ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުތަކަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އަދަދު މަދުވެފައިވުމާއި، ޖަނަވަރީ 2019 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމުގައި ވުންކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.

މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 807.13 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާގެ ޓެކްސް، ބީޕީޓީއިންނެވެ. އެއީ 645.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 84.93 މިލިއަން ރުފިޔާ، އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 މިލިއަން ރުފިޔާ، އެއަރޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 68.68 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 138.13 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައި ވަނީ 2.12 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2019 ވަނަ އަހަރު ޖަނަވަރީގައި ލިބުނު އާމްދަނީއަށް ވުރެ، 311.56 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ޖަނަވަރީ 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 64.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް