ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ރާއްޖެ - އަދީބު

އަދީބުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާގެ އަޑުއެހުންވެސް ކެންސަލްވެއްޖެ

  • ދައުލަތުން ވަނީ ހިޔާނާތުގެ އިތުރު ދައުވާތަކެއް އަދީބުގެ މައްޗަށް އުފުލާފައި
  • އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކުރި ޙުކުމުގެ މުއްދަތު ވަނީ ހަމަވެފައި
  • ބަލި ހާލަތަށް ބެލުމަށްފަހު ޖަލު ބަންދުގައި ހުންނެވުމަށްފަހު އަދީބު ގެއަށް ބަދަލުކުރި

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 26 ޖެނުއަރީ 2020 | އާދީއްތަ 15:28 1,933

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް - މުހައްމަދު ޝަރުހާން

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއްގެ އަޑުއެހުން ކެންސަލް ވެއްޖެއެވެ.

އާދިއްތަ ދުވަހު މެންދުރު 14:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ އަދީބުގެ މައްޗަށް ކުރެވޭ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކާއި، މަނީ ލޯންޑަރިންގ ގެ ދައުވާގެ އަޑުއެހުމެކެވެ.

މި ދެ އަޑުއެހުން ކެންސަލްކޮށްފައިވާ ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އަދީބުގެ މައްޗަށް ހިޔާނާތުގެ އިތުރު ދައުވާތަކެއްވެސް ކޮށްފައިވާއިރު، އަދީބުގެ މައްޗަށް ކުރެވޭ ހިޔާނަތްތެރި ވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެއްވެސް މި މަހުގެ 21 ވަނަ ދުވަހުގައި ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް ދިފާއީ ވަކީލުގެ އެދިލެއްވުމަކަށް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްލާފައެވެ.

އޭގެ އިތުރުން، މި މައްސަލައިގައި އޭގެ ކުރިންވެސް އަޑުއެހުމެއް ތާވަލު ކުރިއެވެ. ނަމަވެސް އެފަހަރުވެސް ދިފާޢީ ވަކީލުގެ އެދިލެއްވުމަކަށް އަޑުއެހުން ކެންސަލް ކޮށްލާފައިވެއެވެ.

އަޑުއެހުންތައް ކެންސަލް ކުރައްވާ ސަބަބު އޮޅުންފިލުވާލުމަށް "ރާއްޖެއެމްވީ" އިން ގުޅާލުމުން އަދީބުގެ ވަކީލު ފޯނަށް ޖަވާބެއް ނުދެއްވައެވެ.

އަދީބުގެ މައްޗަށް ޚިޔާނާތުގެ އިތުރު ދަޢުވާތަކެއް އުފުލާފައިވާއިރު، ޓަގު ބޯޓެއްގެ ފަޅުވެރިއަކަށްވެގެން ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލާގައި އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކުރި ޙުކުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެގޮތުން ދައުލަތުންކުރި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދަޢުވާ ސާބިތުވެ ތިން މަހާއި 18 ދުވަހު ޖަލަށްލާން ޙުކުމްކުރި ފަހުންވެސް ދައުލަތުން ވަނީ ޚިޔާނާތުގެ އިތުރު ދަޢުވާތަކެއް ވެސް އަދީބުގެ މައްޗަށް އުފުލައިފައެވެ.

ޅ. މާބިންހުރާ ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ އަދީބުގެ މައްޗަށް ސާބިތުނުވާކަމަށް ހުކުމްކުރުމާއި ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް އެ މައްސަލާގައި އަދީބު މުޖުތަމަޢަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީ އާއި ފިއްލަވާފާނެތީ އަދި އެކަން ކަށަވަރުވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރިފައިވެއެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ބަލި ހާލަތަށް ބެލުމަށްފަހު ޖަލު ބަންދުގައި ހުންނެވުމަށްފަހު އަދީބު ގެއަށް ބަދަލު ކޮށްފައިވަނިކޮށް ވަރގޯ 9 ކިޔާ ޓަގް ބޯޓެއްގައި އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް