ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 00:22
ގައުމީ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމާއި ޖޭޖޭ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން
ގައުމީ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމާއި ޖޭޖޭ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ގައުމީ 19 އަހަރުން ދަށުގެ ޓީމު ބަލިކޮށް ޖޭޖޭއިން ދެވަނަ ބުރަށް ދިޔުމުގެ އުންމީދު އާކޮށްފި
 
މި މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ގައުމީ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުންމީދު އާކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޖޭޖޭއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި ޖޭޖޭ އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޖޭޖޭގެ އަލީ ހާފިޒް (ހާއްޕެ) އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޖޭޖޭއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހުނައިފް އެވެ. މި ލަނޑަށްފަހު ވެސް ޖޭޖޭއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 19 އަހަރުން ދަށުގެ ޓީމުން ވަނީ އެޓީމްގެ އެޓޭކްތައް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ޖޭޖޭގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން ގައުމީ ޓީމުގެ އިބްރާހީމް އިމްރާން (މެސީ) އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއްލިބި

ބޭކާރުވެފައެވެ. އޭނާ އޭރިޔާ ތެރެއިން ފޮނުވައިލި ބޯޅަ ޖޭޖޭގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖޭޖޭގެ ކޯޗު އައްސަދު އަބްދުލް ޣަނީ ބުނީ މެޗުގައި ޖޭޖޭ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް ޖޭޖޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުންނަމަ މި މެޗުގެ ނަތީޖާއަކީ 1-0 ނޫންކަމަށެވެ.

ޖޭޖޭއިން ވަނީ މި މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާ އަކުން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް