ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 18:17
އާދިއްތަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސްކޮންފަރެންސްގެ ތެރެއިން
އާދިއްތަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސްކޮންފަރެންސްގެ ތެރެއިން
ވަގުތު.އެމްވީ
ޕީޕީއެމް
ޕީޕީއެމްގެ ޕްރައިމަރީ ފެބްރުއަރީ ހަތެއްގައި
 
700 އަށްވުރެ ގިނަ ފޯމް ލިބިފައިވޭ: މުއާޒް
 
އިސީގެ ދަފްތަރުން ޕާޓީގެ މެމްބަރުން އުނިވާ މައްސަލަ ބޮޑުވެފައިވާ ކަމަށް ވިދާޅުވި
 
ވޯޓުލެވޭނީ 24 ޖެނުއަރީގެ ޕާޓީއަށް ފޯމް ހުށައަޅާފައިވާ ފަރާތްތަކަށް

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ލޯކަލް ކައުންސިލް އިންތިހާބަށް ބާއްވާ، ޕާޓީގެ ޕްރައިމަރީ އަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ޕީޕީއެމުުން ލޯކަލް ކައުންސިލް އިންތިހާބަށްވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރުމަށް އާދިއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުއާޒް ވިދާޅުވީ، ޕްރައިމަރީގެ ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ޕްރައިމަރީއެއް ބާއްވާނީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ. ޕީޕީއެމް ޕްރައިމަރީގައި ވޯޓުލެވޭނީ 24 ޖެނުއަރީގެ ޕާޓީއަށް ފޯމް ހުށައަޅާފައިވާ ފަރާތްތަކަށެވެ.

މުއާޒް ވިދާޅުވީ، އޭގެ ފަހުން ހުށައެޅޭ ފޯމްތަކަށް ޕްރައިރީގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހޮނިހިރު ދުވަހުން ފެށިގެން ކެނޑިޑޭޓުންނަށް ލިސްޓު ހަވާލުކުރަން ފަށާފައިވާއިރު، ޝަކުވާތައް ހުށައެޅުމަށް ޕީޕީއެމުން އެ ޕާޓީގެ މެމްބަރުންނަށް ދީފައިވާ ސުންގަނޑި އަކީ މިހިނގާ މަހުގެ 22 ވަނަ ދުވަހުއެވެ. މުއާޒް ވިދާޅުވީ، 26 ޖެނުއަރީގެ ކުރިން ފައިނަލް ވޯޓާސް ލިސްޓު ކެނޑިޑޭޓުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީއާ ދިމާކޮށް ގިނަ އަދަދެއްގެ ފޯމްތަކެއް ލިބެމުންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ލިބިފައިހުރި ފޯމްތައް ޕްރޮސެސްކުރުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު ބައެއް ފޯމްތައް ލިސްޓުގައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ހީނާ ވަލީދު ވިދާޅުވީ، ޕްރައިމަރީގެ ފޮށިތައް މާލޭގެ އިތުރުން ރަށްރަށުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ޕީޕީއެމުން ބުނީ، ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް މިހާތަނަށް 700 އަށްވުރެ ގިނަ ފޯމްތައް ހުށައެޅިފައިވާ ކަމަށެވެ. ހިނާ ވަނީ މި ފަހަކަށް އައިސް ޕާޓީއަށް މެމްބަރުން އިތުުރުވެފައިވާކަން ފާހަގަކުރައްވާފައެވެެ.

ޕީޕިއެމް އަށް ހަމަ އަބަދުވެސް ވަނުމަށްޓަކައި ހަމަ މެމްބަރޝިޕް ފޯމް އަބަދުވެސް އަޅުގަނޑުމެންނަށް ހަމަ ލިބެމުންދޭ. އަދި ހާއްސަ ގޮތެއްގައި ވޭތުވެދިޔަ އެއްއަހަރުގެ ތެރޭގައި އަޅުގަނޑަށް ފާހަގަކޮށްލެވޭ ޕާޓީ އޮފީހަށް ކޮންމެ ރެއަކު އައިސް އަމިއްލައިން ފޯމް ފުރަމުންދާކަން
ހީނާ ވަލީދު ~ ޕީޕީއެމްގެ އެސްޖީ ~

ޕީޕީއެމްގެ އެންމެ ބޮޑު ކަންބޮޑުވުމާކީ ޕާޓީގެ ދަފްތަރުން މެމްބަރުން އުނިވާ މައްސަލައެެވެ. ދާދި ފަހުން ޕީޕިއެމްގެ ލީޑަރޝިޕްގެ އިސްބޭފުޅުން އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބޭ މައްސަލަ ވަނީ ބޮޑުވެފައެވެ.

މުއާޒް ވިދާޅުވީ ގޮތުގައި، ޕާޓީން މެމްބަރުން އުނިވާ ސަބަބު ހޯދުމަށް އިލެކްޝަނާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ ތަފްސީލު ފަހުން ހާމަކުރައްވާނެ އޭނާ ވިދާޅުވިއެވެ. ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް