ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 13:55
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
ޝުއައިބް މުހައްމަދު އިގްބާލް
މީރާ
ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށައިފި
 
މާދަމާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާނެ
 
ޓެކްސް ނަގަން ފަށާފައިވަނީ 01 ޖެނުއަރީގައި
 
އާންމުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް

ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފިއެވެ.

މީރާއިން ބުނީ ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ޢާންމުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެމަސައްކަތް މިހާރު އެ އޮތޯރިޓީން ކުރިޔަށް ގެންދާ ކަމަށެވެ.

މީރާއިން ބުނީ، އަމިއްލަ ފަރުދުންގެ ޢާމްދަނީން ނަގާ ޓެކްސްއަށް ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށްކަމަށެވެ. އަދި މީރާގެ ޕޯޓަލް މެދުވެރިކޮށް ސުވާލު ފޮނުވާ ފަރާތްތަކަށް ވެސް މަޢުލޫމާތު ސާފުކޮށްދެމުންދާނެ ކަމަށްވެސް މީރާއިން ބުނެއެވެ. އަދި މިމަހުގެ 08 ވަނަ ދުވަހު މީރާގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާ ރާވާފައިވާ ކަމަށްވެސް މީރާއިން ބުނެއެވެ.

ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙު ތަސްދީޤު ކުރެއްވީ ޑިސެންބަރުމަހުގެ 17 ވަނަ ދުވަހުއެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 01 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެންނެވެ.

ޢާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައިވަނީ މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު، 100،000 ރުފިޔާ ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން 5.5 އިންސައްތައެވެ. އަދި 100،000 ރުފިޔާއަށް ވުރެ ބޮޑު، 150،000 ރުފިޔާ ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް އިންސައްތައެވެ.

މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މިޤާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ޤާނޫނު ވަނީ އުވިގެން ގޮސްފައެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އުވިގެންދިޔަ ޓެކްސްތަކުގެ ތެރޭގައި ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ބ) ދަށުން ނަގަމުން އައި ޓެކްސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނަގަމުން އައި ރެމިޓެންސް ޓެކްސް ވެސް މިއާއެކު އުވިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް